ޚަބަރު

ދިވެހި ބަހަކީ މުއްސަނދި ބަހުރުވަތަކެއް ލިބިފައިވާ ބަހެއް – ހެރިޓޭޖް މިނިސްޓަރ ޔުމްނާ

ދިވެހި ބަހަކީ މުއްސަނދި ބަހުރުވަތަކެއް ލިބިފައިވާ ބަހެއްކަމަށާއި، ދިވެހިބަހުގެ ހާލަތު މިއަދު އޮތް ހިސާބަށް ބަލާއިރު މިކަމަކީ ދޭދޭ ފަރުދުންނާއި، ވަކިވަކި އާއިލާތަކާއި، ދިވެހި ކޮންމެ ރައްޔިތަކުވެސް ނުހަނު ފުންކޮށްވިސްންޖެހޭ ކަމެއްކަމަށް މިނިސްޓަރ އޮފް އާރޓް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއަދު ފާހަގަކުރަމުންދާ ބައިނަލް އަގުވާމީ މާދަރީބަހުގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ހެރިޓޭޖް މިނިސްޓަރ ދެއްވާފައިވާ ޚިތާބުގައި ވިދާޅުވީ މާދަރީބަހުގެ ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ފުޅާ ދާއިރާއެއްގައި ދިވެހި ދަރީންގެ ސިކުނޑިތައް ބައްޓަންކުރުމުގައި މާދަރީ ބަސް އަދާކުރާ ތަފާތު ދައުރުތަކަށް ސަމާލުކަން ދިނުންކަމުގައެވެ.

މިއަދު ރާއްޖޭގައިވެސް ގިނަ ކުދިން ވާހަކަދައްކާ އާންމުބަހަކަށް އިގުރޭސިބަސްވެ ދިވެހި ބަހާއި ދުރަށް އެކުދިން ގެންދެވޭ ކަމީ ކަންބޮޑުވާކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ މިފަދަ ދުވަހެއްގައި ދިވަހި ކޮންމެ ރައްޔިތަކުވެސް ވިސްނައި ދިވެހި ސަޤާފަތާއި އާދަތައް ރައްކާކުރުމަށްޓަކައި ބަހަށްދޭންވީ ސަމާލުކަން އިތުރުކުރަންވީ ދުވަހެއްކަމުގައި ޔުމްނާ މައުމޫން ވަނީ ވިދާޅުވެފައެވެ.

“ބަހަކީ ހަމައެކަނި އަޅުގަނޑުމެންގެ ޝުޢޫރުތަކާއި އިޙްސާސްތައް ހާމަ ކުރާ އެއްޗެއް ނޫން. ބަހަކީ އަޅުގަނޑުމެންގެ ހަނދާންތަކާ އަޅުގަނޑުމެންގެ މާޒީއާއި ގުޅުވައިދޭ ވެސް އެއްޗެއް. އެއީ އަމިއްލަ ވަންތަކަން ދައްކައިދޭ ވެސް އެއްޗެއް.” ޔުމްނާ މައުމޫން ވިދާޅުވިއެވެ.

އެކަމަނާވަނީ ދުނިޔޭގެ މާހިރުން ބަސް ނެތިދިއުމާ ގުޅޭގޮތުން ދެކެވަޑައިގެންފައިވާ ޚިޔާލުތައްވެސް މި ޚިތާބުގައި ހިއްސާ ކުރައްވާފައެވެ. އެގޮތުން ބަހުގެ މާހިރުން ވިދާޅުވާ ގޮތުގައި ދުނިޔޭގެ މީހުން ވާހަކަ ދައްކައި އުޅޭ 7000 ބަހުގެ ތެރެއިން ދެބައިކުޅައެއްބައި ބަސް އުވިގެން، ނެތިގެން ދިއުމުގެ ބިރު އެބައޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ގާތްގަނޑަކަށް ކޮންމެ 2 ހަފުތާއަކުން ބަހެއް އުވި ނެތެމުން ދާ ކަމަށް ބަހުގެ މާހިރުން ވިދާޅުވާއިރު މިއީ ކޮންމެ އަހަރަކު ގާތްގަނޑަކަށް 25އަކަށް ބަސް އުވިގެންދާނެކަމެއްކަމަށެވެ.

މިއަދަކީ ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަސް މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަކުރާތާ 20 އަހަރު ފުރޭ ދުވަހެވެ. މިއަހަރުގެ މާދަރީބަހުގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅުއްވައިފައިވާ ޝިޢާރުގެ ދިވެހި ތަރުޖަމާއަކީ “ސަރަހައްދީ އިމެއް ނެތި ބަސްބަސް”އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close