ކޮވިޑްގައި އިތުރުމީހަކު ނިޔާވެއްޖެ، ނިޔާވި މީހުންގެ އަދަދު 150 އަށް
ކޮވިޑްބަލީގައި މިއަދު ހެނދުވެސް ދިވެއްސަކު ނިޔާވެއްޖެ ކަމަށް ދާދި ދެންމެއަކު އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
އެޗްޕީއޭއިން ވިދާޅުވީ މިއަދު ހެނދުނު 7:55 ގައި ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑް ބައްޔަށް ފަރުވާދެމުން ދިޔަ ފިރިހެނެއްކަމަށެވެ.
އެމީހާގެ ޢުމުރަކީ 79 އަހަރު ކަމަށާއި، އެމީހާއާއި އެކު މިހާތަނަށް މިބަލީގައި ރާއްޖެއިން ނިޔާވި މީހުން އަދަދު 150 އަށް އަރާފައިވާ ކަމަށްވެސް އެޗްޕީއޭއިން މަޢުލޫމާތު ދެއްވައެވެ.
ރާއްޖޭގައި ފެންނަ ކޮވިޑުގެ ކޭސްތަކުގެ އަދަދު އިތުރުވެފައިވާއިރު ވައިރަސް ޖެހިގެން ނިޔާވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ހޯމަ ދުވަހު ޖުމްލަ 13 މީހަކު ވަނީ ނިޔާވެފައެވެ. މިއީ ވައިރަސް ޖެހިގެން އެއްދުވަހާ އެންމެ ގިނަ އަދަދެއްގެ މީހުން ނިޔާވި ދުވަހެވެ.
މި ބަލީގައި އާންމުގޮތެއްގައި ނިޔާވަނީ އައިސީޔޫގައި ފަރުވާދޭމީހުންނެވެ. އެ މީހުންގެ ހާލަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އިސްމާއިލް ވަނީ ކުރިއާ ޚިލާފަށް ކޮވިޑަށް ޕޮޒިޓިވްވާ ޒުވާނުންގެ ހާލަތު މިހާރު ވަރަށް ބޮޑަށް ސީރިއަސްވަމުން ދާކަމަށް ވިދާޅުވެފައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ފަރުވާދެމުން އަންނަ 65 ޕަސެންޓް މީހުންނަކީ އުމުރުން 40 އަހަރުން ދަށުގެ މީހުންނެވެ.
ކުރިން މި ބަލީގައި ބޮޑުވަރު ވަނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ވިޔަސް ކޮވިޑްގެ އައު ރާޅާއެކު ހާލަތު މިހާރު ވަނީ ބަދަލުވެފައެވެ. ކޮވިޑް ޖެހޭ ކުޑަކުދިންގެ އަދަދު ވެސް ވަނީ އިތުރެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އުމުރުން 18 އަހަރުން ދަށުގެ 211 ކުއްޖަކަށް މި ބަލިޖެހިގެން އަންނަނީ ފަރުވާ ހޯދަމުންނެވެ. އައިސީޔޫގައި ފަރުވާ ހޯދާ ގިނަ މީހުންނަކީ ވެކްސިންވެސް ޖަހާފައިނުވާ މީހުންނެވެ.

