ކުޅިވަރު

ވޯލްޑް ކަޕް 2026: ޖަރުމަނުން ކިއުރަސާ ބަލިކޮށް ވޯލްޑްކަޕްގެ ފެށުން ވަރުގަދަކޮށްފި

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ‘އީ’ ގައި ޖަރުމަނާއި ކިއުރަސާ ބައްދަލުކުރި ފޯރިގަދަ މެޗު 7-1 ގެ ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް، ޖަރުމަނުން މުބާރާތުގެ ފެށުން ވަރަށް ވަރުގަދަކޮށްފިއެވެ.

އެމެރިކާގެ ޓެކްސަސްގައި ހުންނަ ހިއުސްޓަން ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ގިނަ ގޯލްތަކަކާއެކު ތާރީޚީ ކަންތައްތަކެއް ފެނިގެންދިޔަ މެޗެކެވެ. މެޗު ފަށައިގެން 6 ވަނަ މިނެޓުގައި ފްލޯރިއަން ވާޓްޒް ތަނަވަސްކޮށްދިން ފުރުސަތަކުން ފީލިކްސް ންމެޗާ ވަނީ ލަނޑެއް ޖަހާ ޖަރުމަނަށް ކުރިހޯދައިދީފައެވެ.

މި މެޗުގައި އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ ވޯލްޑް ކަޕަށް އަލަށް ކޮލިފައިވި އެންމެ ކުޑަ ގައުމު ކަމަށްވާ ކިއުރަސާއިން ދެއްކި ހިތްވަރެވެ. މެޗުގެ 21 ވަނަ މިނެޓުގައި ލިވާނޯ ކޮމެނެންސިއާ ޖަހައިދިން ގޯލާއެކު ނަތީޖާ 1-1 އަށް ބަދަލުވެ، ވަރުގަދަ ޖަރުމަނު ސިއްސުވާލިއެވެ. މިއީ ކިއުރަސާގެ ތާރީޚުގައި އެގައުމުން ވޯލްޑް ކަޕްގައި ޖެހި ފުރަތަމަ ލަނޑެވެ.

ކިއުރަސާއިން މެޗުގެ ތެރެއަށް ވަދެ ހަމަހަމަކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އައި ހައިޑްރޭޝަން ބްރޭކް ވެގެންދިޔައީ މެޗުގެ މިސްރާބު ބަދަލުކޮށްލި ކަމަކަށެވެ. މި ބްރޭކަށްފަހު ޖަރުމަނުން ކުޅުން ރޭވުންތެރިކޮށް މެޗުގެ ކޮންޓްރޯލް އަތުލިއެވެ. އެގޮތުން 37 ވަނަ މިނެޓުގައި ކޯނަރަކުން ލިބުނު ފުރުސަތެއްގައި ނިކޯ ޝްލޮޓަރބެކް ބޮލުން ޖެހި ގޯލުން ޖަރުމަނަށް އަލުން ކުރިހޯދައިދިންއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކައި ހަވާޓްޒް ޕެނަލްޓީއަކުން ލަނޑެއް ޖަހައި، ފުރަތަމަ ހާފު ނިމުނީ 3-1 އިން ޖަރުމަނު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ޖޫލިއަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ކުޅުނު ޖަރުމަނު ޓީމުން މެޗު މުޅިން ޑޮމިނޭޓްކުރިއެވެ. ދެވަނަ ހާފް ފެށުނުތާ އެންމެ 90 ސިކުންތު ތެރޭގައި ޖަމާލް މުސިއާލާ ވަނީ ޖަރުމަނުގެ 4 ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެފަހުން 67 ވަނަ މިނެޓުގައި ނަތަނިއަލް ބްރައުން ޖަރުމަނަށް އިތުރު ލަނޑެއް ޖަހައިދިނެވެ.

މެޗުގެ ފަހުބައިގައިވެސް ޖަރުމަނުގެ ފަރާތުން ފެނުނީ ވަރުގަދަ ހަމަލާތަކެކެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑެނިޒް އުންޑާވް 77 ވަނަ މިނެޓުގައި ގޯލެއް ޖެހިއިރު، މެޗު ނިމެން ދަނިކޮށް 87 ވަނަ މިނެޓުގައި ކައި ހަވާޓްޒް ވަނީ އޭނާގެ ދެވަނަ ލަނޑާއެކު ޖަރުމަނުގެ 7 ވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ. މުޅި މެޗުގެ ތަފާސްހިސާބަށް ބަލާއިރު ޖަރުމަނުން 65 އިންސައްތަ ބޯޅަ ހިފަހައްޓައި، ކިއުރަސާގެ ގޯލަށް ޖުމްލަ 26 ހަމަލާ ފޮނުވާލާފައިވެއެވެ.

މި މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ހޯދީ ޖަރުމަނު ޓީމުގެ ފޯވާޑް ކައި ހަވާޓްޒް އެވެ. އޭނާ ވަނީ މެޗުގައި ދެ ގޯލް ޖަހައި، އެޓޭކިންގް ލައިނުގައި މުހިންމު ދައުރެއް އަދާކޮށް، ޖަރުމަނުގެ މޮޅުގައި ބޮޑު ހިއްސާއެއްވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close