ކުޅިވަރު

ވޯލްޑް ކަޕް 2026: ހާލަންޑްގެ ދެ ގޯލުން ބްރެޒިލް ބަލިކޮށްފި، ނޯވޭ ކުއާޓަރ ފައިނަލަށް!

ފޯރިގަދަ ކުޅުމަކަށްފަހު ފަސް ފަހަރުގެ ދުނިޔޭގެ ޗެމްޕިއަން ބްރެޒިލް 2-1 އިން ބަލިކޮށް، ނޯވޭ އިން ދުނިޔޭގެ ކަޕްގެ ކުއާޓަރ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަ ހޯދައި ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފިއެވެ.

ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ނޯވޭއަށް މޮޅުވުން ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އެ ޓީމުގެ ތަރި އާލިން ހާލަންޑް އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ބްރެޒިލްއަށް ލީޑު ނަގަން ރަން ފުރުސަތެއް ލިބުނެވެ. މެޗުގެ 14 ވަނަ މިނެޓުގައި ބްރެޒިލްއަށް ލިބުނު ޕެނަލްޓީ، އެ ޓީމުގެ މިޑްފީލްޑަރ ބްރޫނޯ ގިމަރޭސް ފޮނުވާލުމުން ނޯވޭގެ ކީޕަރު އޮރްޔާން ނީލަންޑް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިއާއެކު ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގައި ނޯވޭއިން ކުޅުން ވަރުގަދަކޮށް، މެޗުގެ 79 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންދްރެއަސް ޝެލްޑަރަޕް ނަގައިދިން ހުރަހަކުން ބޮލުން ފޮނުވާލި ހަމަލާއެއްގައެވެ. އޭގެ ފަހުން މެޗުގެ 90 ވަނަ މިނެޓުގައި ހާލަންޑް ވަނީ އިތުރު ލަނޑެއް ޖަހައި ނޯވޭގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭނާ މި ފަހަރުގެ މުބާރާތުގައި ޖެހި ހަތްވަނަ ލަނޑެވެ.

ބްރެޒިލްއިން މެޗުގެ ފަހު ވަގުތުކޮޅު ތެރޭގައި ލަނޑެއް ޖަހައި ފަރަގު ކުޑަކުރިއެވެ. މެޗުގެ އިތުރު ވަގުތުގެ 100 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ނޭމާ އެވެ. ނަމަވެސް ބްރެޒިލްއަށް މެޗުގެ ނަތީޖާ އަނބުރާލެވޭ ގޮތް ނުވެ، މުބާރާތާ އަލްވަދާއު ކިޔަން ޖެހުނެވެ. މިއީ 1990 ވަނަ އަހަރުގެ ފަހުން ދުނިޔޭގެ ކަޕެއްގެ މިހާ ކުރީކޮޅުން ބްރެޒިލް ކެޓި ފުރަތަމަ ފަހަރެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close