ކުޅިވަރު

އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ޔަމާލް، ވޯލްޑް ކަޕްގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗަށް ތައްޔާރު

ބާސެލޯނާގެ އުންމީދީ ތަރި ލަމީން ޔަމާލްއާއި ވިންގަރ ނިކޯ ވިލިއަމްސް، ޖޫން 15 ވަނަ ދުވަހު ކޭޕް ވާޑޭއާ ދެކޮޅަށް ސްޕެއިން ކުޅޭ ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް ފިޓްވާނެ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް ޑެލަ ފުއެންޓޭ ބުނެފިއެވެ.

ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކްލަބް ސީޒަނުގެ ފަހު މެޗުތައް މި ދެ ކުޅުންތެރިންނަށް ގެއްލުނު ނަމަވެސް، އެނބުރި އައުމަކީ ޔޫރަޕްގެ ޗެމްޕިއަނުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

މީގެ އިތުރުން، އެޓްލާންޓާގައި ކުޅޭ ފުރަތަމަ މެޗަށް އޮސަސޫނާގެ ވިންގަރ ވިކްޓަރ މުނޯޒް ވެސް ފިޓްވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، ހޯމަ ދުވަހު ޕެރޫއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް މި ކުޅުންތެރިން މެކްސިކޯއަށް ދަތުރުކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެ ކުޅުންތެރިން މަޑުކުރީ އެމެރިކާގައި ހުރި ޓީމުގެ ޓްރޭނިން ކޭމްޕުގައެވެ.

“މި ވަގުތު އެ ކުޅުންތެރިން އަހަރެމެންނާއެކު މިތަނުގައި ނެތުމަކީ ހިތާމައެއް. އެކަމަކު މެޑިކަލް ޓީމުންނާއި ފިިޒިކަލް ކޮންޑިޝަނިންގް ސްޓާފުން ލަފާދިނީ އެ ކުޅުންތެރިން އެތަނުގައި މަޑުކުރުމަށް،” ކޯޗު ޑެލަ ފުއެންޓޭ ބުންޏެވެ.

އޭނާ އިތުރަށް ބުނީ، ތިން ކުޅުންތެރިންވެސް ދެން އޮންނަ މެޗަށް ފިޓްވާނެ ކަމަށާއި، އަނިޔާއިން ރަނގަޅުވުމުގެ މަސައްކަތް ވަރަށް ހަލުވިކޮށް ކުރިއަށްދާ ކަމަށެވެ.

ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައި ބާއްވާ މި ފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ޓީމަކީ ސްޕެއިން އެވެ. އަދި އުމުރުން 18 އަހަރުގެ ޔަމާލް ވެގެންދާނީ މި މުބާރާތުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭނެ އެއް ކުޅުންތެރިޔާއަށެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ކޭޕް ވާޑޭއާ ދެކޮޅަށް ކުޅުމަށްފަހު، ދެން ސްޕެއިން ބައްދަލުކުރާނީ ސައުދީ އަަރަބިއްޔާއާއެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި އުރުގުއޭއާ ދެކޮޅަށް އެ ޓީމު ނުކުންނާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close