ކުޅިވަރު

ވަރުގަދަ ބެލްޖިއަމް ކަޓުވާލުމަށް ފަހު އިޓަލީ ސެމީއަށް

މިހާރު ކުރިއަށްދާ ޔޫރޯ 2020 ގެ ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައނަލްގެ ދެވަނަ މެޗުގައި ބެލްޖިއަމް 2-1 ގެ ނަތީޖާއަކުން ބަލިކޮށް އިޓަލީން މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ބެލެވުނު މި ދެޓީމުގެ ކުރިމަތިލުން ވެގެން ދިޔައީ ފޯރިގަދަ ކުރިމަތިލުމަކަށެވެ. މެޗުގައި ފެނިގެން ދިޔަ ތިން ގޯލުވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ފުރތަމަ ހާފުގައެވެ. މިގޮތުން އިޓަލީގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނީ ރޭގެ މެޗުގައި މޮޅުކުޅުމެއް ދެއްކި  ނިކޮލާ ބަރޭލާ އެވެ. މިއީ  މާކޯ ވެރާޓީ ތަނަވަސް ކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އިޓަލީޓީމުގެ ދެވަނަ ލަނޑު ފުރަތަމަ ހާފު ނިމުމުގެ 4 މިނިޓްކުރިން އެޓީމަށް ކާމިޔާބުކޮށް ދިނީ އިންސިންޔޭ އެވެ. މިއީ ބަރެއްލާ ދިން ބޯޅައަކުން އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށްގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އިޓަލީން ދެލަނޑުގެ ލީޑެއް ނެގުމާއިއެކު ބެލްޖިއަމް މުޅިޓީމު ކުރިއަށް ޖެހިގެން ކުޅެންފެށުމުގެ ނަތީޖާއަކީ އިޓަލީޓީމުގެ ޑިފެންސްލައިނަށް ބާރުބޮޑުވެ ބެލްޖިއަމްގެ ޖެރެމީ ޑޯކޫއަށް އިޓަލީގެ ޖިއޮވާނީ ޑި ލޮރެންޒޯ ފައުލް ކުރުމުން ބެލްޖިއަމަށް ލިބުނު ޕެނަލްޓީއަކުން ރޮމެލޫ ލުކާކޫ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަހު ސިކުންތު ކޮޅުތެރޭގައި އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނުމެވެ.

ދެވަނަ ހާފުގައިވެސް ބެލްޖިއަމުން ލަނޑެއް ޖެހޭތޯބެލި ނަމަވެސް އެޓީމަށް ލަނޑެއް ނުޖެހި މެޗްނިމުމުން ބޮޑު މުބާރާތެއްގެ ތައްޓަކަށް އެޓީމުން ކުރަމުން އަންނަ އިންތިޒާރުތައް އިތުރަށް ދިގުވެގެން ދިޔައީއެވެ.

ސެމީފައިނަލުގައި އިޓަލީ ބައްދަލުކުރަން ޖެހޭނީ ކުއާޓާފައިނަލުގެ ފުރަތަމަ މެޗުގައި ސްވިސްއަތުން ޕެނަލްޓީޖަހައިގެން މޮޅުވެ ސެމީއިން ޖާގަހޯދި ވަރުގަދަ ސްޕެއިންޓިމާއެވެ. މި މެޗު އޮންނާނީ އަންނަ އަންގާރަދުވަހުގެ ރޭ ދަންވަރު 12.00 ގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close