ޑާކާގައި 8 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް، ކަރުބުރިކޮށް، މަރާލައިފި

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޕައްލަބީ ސަރަހައްދުގެ އެޕާޓްމަންޓެއްގެ ތެރޭގައި އުމުރުން އެންމެ އަށް އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް، ވަރަށް ރަހުމުކުޑަގޮތަކަށް މަރާލި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި ހާދިސާގައި މަރުވެފައިވަނީ ގްރޭޑް ދޭއްގައި ކިޔަވަމުންދިޔަ ރާމިސާ އަކްތަރް ނަމަކަށް ކިޔާ ކުއްޖެކެވެ.
މި ލާއިންސާނީ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ ސުހައިލް ރާނާ ނަމަކަށް ކިޔާ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުންގެ އިބްތިދާއީ ތަހުގީގުގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެ، އެކަން ކުރިގޮތުގެ ތަފްސީލް ކިޔައިދީފައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ސުހައިލް އެ ކުޑަކުއްޖާ ގޮވައިގެން ފާޚާނާއަކަށް ވަދެ، ޖިންސީ ގޯނާކުރުމަށްފަހު ވަޅިއަކުން އެކުއްޖާގެ ކަރުބުރިކޮށްލީއެވެ. އަދި އޭގެ ފަހުން އެކުއްޖާގެ ހަށިގަނޑުގެ ގުނަވަންތައް ވަކިކޮށް، ހަށިގަނޑުގެ ބައިތައް އެނދެއްގެ ދަށުގައި ފޮރުވިއެވެ. މަރުވި ކުއްޖާގެ ބޮލުގެ ބައި ފެނިފައިވަނީ ފާޚާނާ ތެރޭގައި ހުރި ބާލިދީއެއްގެ ތެރެއިންނެވެ.
މި ހާދިސާއަށްފަހު ފިލަން އުޅުނު ސުހައިލް ރާނާ ހައްޔަރުކުރުމުން، އޭނާ ވަނީ މެޖިސްޓްރޭޓެއްގެ ކުރިމަތީގައި ކުށަށް އިއުތިރާފުވެ ބަޔާންދޭން އެއްބަސްވެފައެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅިގެން އޭނާގެ އަންހެނުން ސްވަޕްނާ އަކްތަރް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.




