ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕް މިއަދު ފުރައިފި

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ފުރަތަމަ ގްރޫޕް މިއަދު ސަޢުދީ ޢަރަބިއްޔާއަށް ފުރާފިއެވެ.
ސަޢުދިއާ އެއާލައިންގެ ފްލައިޓެއްގައި 235 އަށްވުރެ ގިނަ ޙައްޖުވެރިން މިއަދު ފުރާފައިވާއިރު، ރާއްޖެއަށް ލިބިފައިވާ 1000 ކޯޓާ ހަމަކުރުމަށް ކުރިއަށް އޮތް ތިން ދުވަހުވެސް (މި މަހުގެ 17، 18 އަދި 19 ގައި) ޙައްޖުވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ.
ޙައްޖުވެރިން ފުރުމުގެ އިންތިޒާމުތައް ބައްލަވާލެއްވުމަށްފަހު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، “މައްކާ ރޫޓު” ގެ ލުއިފަސޭހަކަމާއެކު ޙައްޖާޖީންނަށް ބޭނުންވާ ހުރިހާ އިންތިޒާމެއް ވަރަށް ފުރިހަމައަށް ރޭވިފައިވާ ކަމަށެވެ. މީގެ އިތުރުން، ޖިއްދާއަށް ފޭބުމަށްފަހު ހޮޓަލަށް ދިއުމާއި، މައްކާގައި ތިބޭނެ ތަންތަނުގެ އިންތިޒާމުތައްވެސް މިހާރު ވަނީ ނިމިފައެވެ.
މިއަހަރުގެ އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ މިނާއާއި ޢަރަފާތުގައި ދިވެހިންނަށް ހަމަޖައްސާފައިވާ ފެންވަރު ރަނގަޅު އިންތިޒާމުތަކެވެ. އެގޮތުން ދިވެހިން ތިބޭ ޓެންޓުތަކުގެ ކެޓަގަރީ މަތިކޮށް، ފާޚާނާގެ އަދަދު އިތުރުކުރުމުގެ އިތުރުން، އަރަފާތު ބިމުގައި ދިވެހިންނަށް ޚާއްޞަ ސަރަޙައްދެއް ވަކިކޮށް ފެންސް ޖަހާފައިވެއެވެ. މިއީ ޙައްޖާޖީންނަށް ކުރިމަތިވާ ތަކުލީފުތައް ކުޑަކޮށް، އަޅުކަމުގެ ހިތްހަމަޖެހުން އިތުރުކޮށްދޭނެ މުހިންމު ބަދަލުތަކެއްކަމަސް ސަރުކާރުން ފާހަގަކުރައްވައެވެ.



