ޚަބަރު

ސީޕީ ނަވީން ޝަރަފުވެރިކަމާއި އެކު ރިޓަޔާކުރައްވައިފި

ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން، ފުލުހުންގެ މުއައްސަސާގައި 32 އަހަރު ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު މިއަދު ރިޓަޔާކުރައްވައިފިއެވެ.

ނަވީން މަގާމުން ވަކިވެވަޑައިގަތުމަށް އެދި ހުށަހެޅުއްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އޭނާ މި މަގާމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު އިސްތިއުފާ ދެއްވުމާ ގުޅިގެން، ޖޫން 10، 2025 ގައެވެ.

ނަވީން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުލުހުންގެ ޚިދުމަތާ ދުރަށްޖެހިވަޑައިގަންނަވަނީ އެ މުއައްސަސާއާ ގުޅުނުއިރު ވެސް ގެންގުޅުއްވި ގަބޫލުކުރުންތަކާއި ގައުމީ ލޯތްބާއެކު ކަމަށެވެ. އަދި ފުލުހެއްގެ ގޮތުގައި ގައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއްކަން ވެސް ފާހަގަކުރެއްވިއެވެ.

ނަވީން ރިޓަޔާކުރެއްވި ދަނޑިވަޅަކީ “ޕޮލްކޯ” އާ ގުޅުންހުރި ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި އޭނާ ހިމެނޭހެން އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ލަފާދީފައިވާ ވަގުތެކެވެ. ނަމަވެސް އެ މައްސަލައިގައި މަޖިލީހުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. ނަވީންއަކީ ކޮމިޝަނަރުގެ މަގާމަށް ވަޑައިގަތުމުގެ ކުރިން ވެސް މުއައްސަސާގެ އެކި އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close