ވާރޭނުވެހި ގިނަދުވަސްތަކެއް ވުމުން ޔޫއޭއީގައި އިސްތިސްޤާ ނަމާދު ކުރަނީ
ޔޫއޭއީއަށް ވާރޭނުވެހި ގިނަދުވަސްތަކެއް ވަމުންދާތީ ޔޫއޭއީގެ ހުރިހާ މިސްކިތެއްގައި އަންނަ ހުކުރު ދުވަހު އިސްތިސްޤާ ނަމާދު ކުރުމަށް އެ ގައުމުގެ ރައީސް، ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން ހޮނިހިރު ދުވަހު އެދިވަޑައިގެންފިއެވެ.
ޚަލީފާގެ އެދިވަޑައިގަތުމަށް އިޖާބަ ދިނުމުގެ ގޮތުން ޔޫއޭއީގެ ހުރިހާ މިސްކިތްތަކެއްގައި އަންނަ ހުކުރުދުވަހު އިސްތިސްޤާ ނަމާދު ކުރުމަށް މިސްކިތްތަކުގެ އިމާމުންނަށް އެޤައުމުގެ ސަރުކާރުން މިވަނީ މިހާރު އަންގާފައެވެ.
ޢަރަބި ބަހުން “ސަލާތު އަލް އިސްތިސްޤާ” ގެ ނަމުން މަޝްހޫރުވެފައިވާ މި ނަމާދު ކުރުމަށް ޔޫއޭއީގެ ސަރުކާރުން ނިންމާފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ހުކުރު ނަމާދު (ބަންގި) ގޮވުމުގެ 10 މިނެޓު ކުރިންނެވެ.
ޝައިޚް ޚަލީފާ ވަނީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތާއި އެއްގޮތަށް ، ވާރޭ ވެހި ރަޙްމަތް މިންވަރު ކޮށްދެއްވުން އެދި މާތް الله ގެ ޙަޟްރަތުގައި ދުޢާ ކުރުމަށް އެ ޤައުމުގައި ދިރިއުޅޭ އެންމެހައި މުސްލިމުންނަށް ގޮވާލައްވާފައެވެ.


