ބޭރުދުނިޔެ

ސުލްހައިގެ ވާހަކަތަކަށް ހިޒުބުﷲ އިންދަނީ ހުރަސް އަޅަމުން – ނަތަންޔާހޫ

ލުބުނާނާ އެކު ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ކުރަމުންދާ މަސައްކަތްތަކަށް ހިޒްބުالله އިން ހުރަސްއަޅައި، އެ މަސައްކަތްތައް ނާކާމިޔާބު ކޮށްލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތުހުމަތުކޮށްފިއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރި ފަހުން ދެއްވި ފުރަތަމަ ބަޔާނުގައި ނަތަންޔާހޫ ވިދާޅުވީ، އިސްރާއީލާއި ލުބުނާނާ ދެމެދު ތާރީޚީ ސުލްހައެއް ގާއިމުކުރުމުގެ މަރުހަލާ ފަށާފައިވާ ކަމަށާއި، ނަމަވެސް ހިޒްބުالله އިން އެކަމަށް ހުރަސްއަޅަން އުޅޭކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

ނަތަންޔާހޫ މިހެން ވިދާޅުވެފައިވަނީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިޒްބުالله އިން ޚިލާފުވެފައިވާ ކަމަށް ބުނެ، ލުބުނާނުގެ ދެކުނުގެ އަވަށެއް ކަމަށްވާ “ދައިރު އާމިސް” ގައި ހުރި ހިޒްބުالله ގެ އަމާޒުތަކަށް އިސްރާއީލު ސިފައިން ހަމަލާދީފައިވާ ދަނޑިވަޅެއްގައެވެ. މި ހަމަލާގެ ކުރިން އިސްރާއީލުން ވަނީ އެ ސަރަހައްދުގެ ރައްޔިތުން ގެދޮރު ދޫކޮށް ދިއުމަށް އިންޒާރު ދީފައެވެ.

އިސްރާއީލު ސިފައިން ބުނި ގޮތުގައި، އެމީހުން ހަމަލާދީފައިވަނީ އިސްރާއީލުގެ “ޝްޓޫލާ” އަވަށަށް ރޮކެޓް ހަމަލާ ފޮނުވުމަށް ބޭނުންކުރި އަސްކަރީ އިމާރާތްތަކަށެވެ. އަދި އެ ތަންތަނަކީ އިސްރާއީލު ސިފައިންނާ ދެކޮޅަށް ހަމަލާ ދިނުމަށް ހިޒްބުالله އިން ބޭނުންކުރާ ތަންތަން ކަމަށްވެސް ބުނެފައިވެއެވެ.

އީރާނުގެ މައްސަލައިގައި ވާހަކަދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި އީރާނަށް އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން ވަރުގަދަ ފިއްތުންތަކެއް ކުރިމަތިކުރުމަށް ދެ ގައުމު ގުޅިގެން ފުރިހަމަ އެއްބާރުލުމާ އެކު މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ހުކުރު ދުވަހުގެ ފަހުގެ ވަގުތެއްގައި އިސްރާއީލު ސިފައިން ބުނީ، ލުބުނާނުގެ ދެކުނުގެ ރަށެއް ކަމަށްވާ “ބިންތު ޖުބައިލް” ގައި ހިނގި ކުރިމަތިލުމެއްގައި ހިޒްބުالله ގެ ހަ ހަނގުރާމަވެރިއަކު މަރާލާފައިވާ ކަމަށެވެ. އެ ކުރިމަތިލުމުގައި ފުރަތަމަ ދެ މީހަކު މަރާލުމަށްފަހު، އެމީހުން ތިބި އިމާރާތަށް ދިން ހަމަލާގައި ބާކީ ތިބި ހަތަރު މީހުންވެސް މަރާލާފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close