ވައިގެ މަގުން ކިލޯއަކަށްވުރެ ގިނަ މަސްތުވާ ތަކެތި އެތެރެކުރި ދެ އަންހެނަކު ހައްޔަރުކޮށްފި

ވައިގެމަގުން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ އަންހެނަކު މިދިޔަ ހުކުރު ދުވަހު ފުލުހުން ހައްޔަރުކޮށްފިއެވެ. ދިވެހިފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި މީގެ ތެރެއިން ގ. މުތީގެއާގެ، އަލްޔާ ޝަރްސާ ނަސީރު (25އ) ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އަދި މި މައްސަލައާ ގުޅުންހުރި ކ. ތުލުސްދޫ، ބިޖިލީއުފާ، އާމިނަތު ރޫނާ (29އ) ހައްޔަރުކުރީ ހުޅުމާލެއިންނެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އަތުލައިގަތް މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި އަހަރު ރާއްޖެއަށް ވައިގެ މަގުންނާއި ކަނޑުގެ މަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ކަސްޓަމުން އަތުލައިގަންނަ މިންވަރު ވަނީ އިތުރުވެފައެވެ. މިފަދަ މައްސަލަތައް ތަހުގީގުކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުންނާއި ކަމާބެހޭ މުއައްސަސާތަކުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.


