ބަންގްލަދޭޝްގައި ފަސިންޖަރުން އުފުލި ބަހެއް ޕަދްމާ ކޯރަށް ވެއްޓި، ގިނަ ބަޔަކު މަރުވެއްޖެ

ބަންގްލަދޭޝްގެ މެދުތެރޭ ސަރަޙައްދެއްގައި ދަތުރުކުރި ބަހެއް ޕަދްމާ ކޯރަށް ވެއްޓި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަދުވެގެން 24 މީހުން މަރުވެއްޖެއެވެ.
40 ފަސިންޖަރުންނާއެކު ދަތުރުކުރި މި ބަސް ކޮންޓްރޯލުން ނެއްޓި ކޯރަށް ވެއްޓުނީ، ވެރިރަށް ޑާކާއާ ގާތްގަނޑަކަށް 100 ކިލޯމީޓަރު (62 މޭލު) ދުރުގައި އޮންނަ ރާޖްބާރީ ޑިސްޓްރިކްޓްގެ ދައުލަތުދިއާ ފެރީ ޓާމިނަލާ ކައިރިވަމުން ދަނިކޮށް ބުދަ ދުވަހު ކަމަށް އޮފިޝަލުން ބުރާސްފަތި ދުވަހު މަޢުލޫމާތު ދީފައިވެއެވެ.
ފަޔަރ ސާވިސްގެ އޮފިޝަލެއް ކަމަށްވާ ތަލްހާ ބިން ޤާސިމް ވިދާޅުވި ގޮތުގައި، ކޯރުގެ އަޑީގައި އޮތް ބަހުގެ ތެރެއިން ރެސްކިއު ޓީމުތަކުން ވަނީ 22 މީހެއްގެ ހަށިގަނޑު ނެރެފައެވެ. މީގެ ތެރޭގައި 5 ކުޑަކުދިންނާއި، 11 އަންހެނުން އަދި 6 ފިރިހެނުން ހިމެނެއެވެ. މީގެ އިތުރުން، ސަލާމަތްކުރި މީހުންގެ ތެރެއިން ދެ އަންހެނަކު ފަހުން މަރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިމަޖެންސީ މަސައްކަތްތެރިން މަޢުލޫމާތު ދޭ ގޮތުގައި، ބަންޑުން ޖަހާލި މި ބަސް ވަނީ ކޯރުގެ ގާތްގަނޑަކަށް 9 މީޓަރު (30 ފޫޓު) އަޑިއަށް ގޮސްފައެވެ.
މި ހާދިސާ ލޮލުން ދުށް އުމުރުން 35 އަހަރުގެ ނޫރު ޖަހާން ބޭގަމް އޭއެފްޕީ ނިއުސް އެޖެންސީއަށް ކިޔައިދިން ގޮތުގައި، ބަސް ކޯރަށް ވެއްޓުނީ ފެރީއަށް އެރުމަށް އިންތިޒާރުގައި އޮއްވައެވެ. ބައެއް ފަސިންޖަރުންނަށް ބަހުން ބޭރަށް ނުކުމެވުނު ނަމަވެސް، އެމީހުންގެ އާއިލާގެ މެންބަރުން ބަހުގެ ތެރޭގައި ތާށިވެ މަރުވީ ކަމަށް އޭނާ ބުންޏެވެ.
އިންޓަނެޓްގައި އާންމުވެފައިވާ އަދި އަލްޖަޒީރާއިން ސައްހަކަން ކަށަވަރުކޮށްފައިވާ ވީޑިއޯ ފޫޓޭޖްތަކުން ފެންނަ ގޮތުގައި، ބަސް ކޮންޓްރޯލުން ނެއްޓި އަރި އަޅާލައިގެން ގޮސް ކޯރަށް ވެއްޓެއެވެ. އެ ވަގުތު މީހުން ހަޅޭއްލަވާ އަޑާއި ބިރުން އުޅޭ މަންޒަރު ފެންނައިރު، ކައިރީގައި ތިބި މީހުން ފަތާފައި އެއްގަމަށް އަންނަން މަސައްކަތް ކުރަމުންދިޔަ ފަސިންޖަރުން ސަލާމަތް ކުރުމަށް ދިގު ފޮތިގަނޑުތައް އުކާ މަންޒަރުވެސް ފެނެއެވެ.
މި ހާދިސާގައި މީހުން ހޯދުމާއި ސަލާމަތް ކުރުމުގެ މަސައްކަތުގައި ފަޔަރ ސާވިސްގެ 4 ޔުނިޓަކާއި 10 ޑައިވަރުން ބައިވެރިވިއެވެ. އަދި އަސްކަރިއްޔާއާއި، ފުލުހުންނާއި، ކޯސްޓްގާޑުގެ އިތުރުން އެ ސަރަޙައްދުގެ އިދާރާތަކުންވެސް މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އިތުރު ފަސިންޖަރުންތަކެއް ގެއްލިފައިވުން އެކަށީގެންވާތީ، އޮފިޝަލުން ދަނީ އެކަން ބަލަމުންނެވެ.




