ބޭރުދުނިޔެ

ޓްރަމްޕްގެ މައްޗަށް ސާބިތުވި މައްސަލާގައި ޖަނަވަރީ 10 ގައި ހުކުމް އިއްވަނީ

ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ސާބިތުވި ރިޝްވަތުގެ ފައިސާ ދިނުމުގެ މައްސަލާގައި އަންނަ ޖަނަވަރީ 10 ވަނަ ދުވަހު ހުކުމް އިއްވުމަށް ޓްރަމްޕްގެ އުފަން ސްޓޭޓް، ނިއުޔޯކުގައި ޖިނާއީ މައްސަލަ ބަލަހައްޓަވާ ގާޒީ ޖުއާން މާޗަން ނިންމަވައިފިއެވެ.

މި މައްސަލައިގައި، ޖޫރީއަކުން ވަނީ ބިޒްނަސް ރެކޯޑުތައް އޮޅުވާލުމުގެ 34 ދައުވާއެއްގައި ޓްރަމްޕްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައެވެ. ޓްރަމްޕްގެ މައްޗަށް ހުކުމް އިއްވިނަމަވެސް ގާޒީ މާޗަން ވަނީ މި މައްސަލާގައި ޖަލު ހުކުމެއް ނުވަތަ ޖޫރިމަނާއެއް ނުކުރާނެކަމަށް ބަޔާންކޮށްފައެވެ.

މައްސަލައިގެ ތަފްސީލުތަކަށް ބަލާއިރު، 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި އެޑަލްޓް ފިލްމް ތަރި ސްޓޯމީ ޑެނިއަލްސްއަށް އޭނާގެ ވަކީލު މައިކަލް ކޯހެން މެދުވެރިކޮށް ދިން ފައިސާއާ ގުޅޭ މުއާމަލާތްތައް “ގާނޫނީ ޚަރަދު” ގެ ގޮތުގައި އޮޅުވާލައި ރެކޯޑުކޮށްފައިވާ ކަމަށް ޖޫރީން ކަނޑައެޅިއެވެ.

މި ހުކުމަކީ އެމެރިކާގެ ތާރީޚުގައި ޖިނާއީ މައްސަލައެއްގައި ކުށް ސާބިތުވި ފުރަތަމަ ރައީސް ކަމުގައިވާ ޓްރަމްޕްގެ މައްޗަށް އިއްވޭ ހުކުމެވެ. އޭނާގެ ފަރާތުން ވަނީ މި މައްސަލައިގައި އެއްވެސް ކުށެއް ކޮށްފައިވާ ކަމަށް އިންކާރުކޮށްފައެވެ.
ޖެނުއަރީ 10 ވަނަދުވަހު އޮންނަ ހުކުމް އިއްވުމުގެ މަޖިލިސްގައި ޓްރަމްޕް ބައިވެރިވާނީ ވާޗުއަލްކޮށް ކަމެއް ނުވަތަ ކޯޓަށް ހާޒިރުވެގެން ކަމެއް އަދި ނޭންގެއެވެ.

ގާޒީ މާޗަންގެ 18 ސަފުހާގެ ރޫލިންގގައި ވިދާޅުވެފައިވާ ގޮތުން، ޓްރަމްޕް އަލުން ރައީސްކަމަށް އިންތިހާބުވެފައިވުމަކީ، މި މައްސަލައިގެ ހުކުމް ލަސްކުރަން ޖެހޭ ސަބަބެއް ނޫނެވެ. އަދި މިހާރުވެސް މި މައްސަލާގައި ކުށް ސާބިތުވުމުން ލިބޭނެ ކަމަށް ބެލެވޭ “މުޖުތަމައުގެ ނަޒަރުގައި ލިބޭ އިހާނެތިކަން” ލިބި ނިމިފައިވާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ޓްރަމްޕްގެ މުވާސަލާތުގެ ޑިރެކްޓަރު ސްޓީވަން ޗުއަންގް ވަނީ ގާޒީ މާޗަންގެ އަމުރަކީ “ބޮޑަށް ފުށުއަރާ” އަމުރެއް ކަމަށް ބުނެފައެވެ. އަދި މި މައްސަލައަކީ ގާނޫނީ ގޮތުން ބަލައިގަނެވޭނެ މައްސަލައެއް ނޫން ކަމަށް ބުނެފައިވެއެވެ.
އެހެންނަމަވެސް ގާޒީ މާޗަން ވިދާޅުވެފައިވާ ގޮތުން، ޓްރަމްޕް އަލުން ރައީސްކަމަށް އިންތިހާބުވެފައިވީ ނަމަވެސް، ޖޫރީއެއްގެ ޙުކުމަށް އިޙްތިރާމް ކުރުމަކީ އެމެރިކާގެ ގާނޫނީ ނިޒާމުގެ މައިގަނޑު އަސާސެކެވެ. އަދި މިފަދަ ހުކުމްތަކަށް އިޙްތިރާމް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close