ޣައްޒާގެ އެހީ ދޭ މަރުކަޒަކަށް ހަމަލާދީ 47 މީހުން ޒަޚަމްކޮށްލައިފި

ޣައްޒާގައި އަލަށް ހުޅުވި އެހީ ބަހާ މަރުކަޒަކަށް ގިނަ އަދަދެއްގެ ބަޔަކު އެއްވުމުން، އިސްރާއީލު ސިފައިން ދިން ހަމަލާތަކެއްގައި މަދުވެގެން ފަލަސްތީނުގެ 47 މީހުން ޒަޚަމްވެއްޖެ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފިޝަލަކު ބުދަ ދުވަހު ވިދާޅުވެއްޖެއެވެ. ޒަޚަމްވި ގިނަ މީހުންނަށް ހަމަލާދީފައިވަނީ ބަޑިންނެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ ފަލަސްތީނުގެ ސަރަހައްދުތަކާ ބެހޭ އިސްވެރިޔާ، އަޖިތު ސަންގޭ، ޖެނީވާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ “ޒަޚަމްވި ގިނަ މީހުންނަށް ލިބިފައިވަނީ ބަޑީގެ ހަމަލާތަކުގެ އަނިޔާ” ކަމަށާއި، އެ އަނިޔާތައް “ލިބިފައިވަނީ އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން” ކަމަށެވެ.
ރަފަހް ސިޓީގައި ހުންނަ އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަނަށް، ބަނޑުހައި ހޫނުކަންމަތީ ތިބި ޣައްޒާގެ ރައްޔިތުން އަންގާރަ ދުވަހު، ގަދަކަމުން ވަދެގަނެފައިވާ ކަމަށް އެތަނުގެ އިދާރާތަކުން ބުނެއެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ “އިސްރާއީލުން އަތްގަދަކޮށްގެން އޮންނަ ބަފަރ ޒޯންގައި އެހީ ބެހުމަށް އިސްރާއީލުން ރޭވި ރޭވުން ވަނީ ފޭލްވެފައި” ކަމަށެވެ. އަދި ބަނޑުހައި ހޫނުކަންމަތީ ތިބި އެތައްހާސް ފަލަސްތީނު މީހުން އެހީ ބަހާ މަރުކަޒަށް އެއްވުމުން އިސްރާއީލު ސިފައިން ބަޑި ޖަހަންފެށި ކަމަށްވެސް އެ އޮފީހުން ބުނެއެވެ.
އިސްރާއީލުގެ ނޫހެއް ކަމަށްވާ ޔެޑިއޮތު އަހްރޮނޮތު ބުނީ، މި ހާދިސާއަށްފަހު ޖީއެޗްއެފްއާ ގުޅުންހުރި އެމެރިކާގެ މަސައްކަތްތެރިން ރަފަހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ސަންގޭ ވަނީ ޣައްޒާގައި ގޯސްވަމުންދާ އިންސާނީ ހާލަތުގެ ނުރައްކާތެރި މަންޒަރެއް ސިފަކޮށްދެއްވާފައެވެ. “މިދިޔަ ހަފްތާ ތެރޭގައިވެސް، އިސްރާއީލު ސިފައިން މީހުން ދިރިއުޅޭ ތަންތަނަށާއި ހިޔާތަކަށް ބޮޑެތި ހަތިޔާރުތައް ބޭނުންކޮށްގެން ހަމަލާދެމުންދާތަން އަޅުގަނޑުމެންނަށް ފެނިފައިވޭ” އޭނާ ވިދާޅުވިއެވެ. މިފަދަ ހަމަލާތަކަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކަށް، އިހްމާލުވާކަން ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ތަކުރާރު ކުރެއްވިއެވެ.
މިދިޔަ ހަފްތާ ނިމުނުއިރު “ބިރުވެރި” ހާދިސާތަކެއް ހިނގާފައިވާ ކަމަށް ސިފަކުރައްވަމުން، އޭނާ ހިތްދަތި މިސާލުތަކެއް ހިއްސާކުރެއްވިއެވެ: ހިޔާތަކުގައި ތިބި ކުޑަކުދިން ދިރިތިއްބާ ފިހުން، އާއިލާތަކާއެކު ސްކޫލުތަކުގައި ހިޔާވަހިކަން ހޯދަމުން ދަނިކޮށް ޝަހީދުކޮށްލާފައިވާ ކުދިން، އަދި އެއް ހަމަލާއަކުން އެއްބަނޑުއެއްބަފާ ނުވަ ކުދިން ޝަހީދުކޮށްލާފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.
“މިއީ ޣައްޒާގައި އަޅުގަނޑުމެންނަށް މި ފެންނަ ނުރައްކާތެރި ކަންތައްތަކުގެ ތެރެއިން ފެންނަ ހަމައެކަނި ކުޑަ މިންވަރެއް،” އޭނާ ވިދާޅުވިއެވެ.
ސަންގޭ ވަނީ ކާބޯތަކެތީގެ ދަތިކަން އިތުރަށް ގޯސްވަމުންދާ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ. “ބަނޑުހައި ހޫނުކަމާއި، ބަނޑަށްޖެހިގެން ކުޑަކުދިންތައްތައް މަރުވާތަން އަޅުގަނޑުމެންނަށް ފެނޭ. ހިކި އަނަރޫފަވެފައިވާ ތުއްތު ކުދިންގެ ފޮޓޯތައް ފެނުމުން ހިތްތައް ފަޅައިގެންދޭ.” އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށް ގޮވާލުންތައް ތަކުރާރުކުރައްވާފައެވެ: “މީހުން މެރުން ހުއްޓާލުމަށް އަޅުގަނޑުމެން އަނެއްކާވެސް ގޮވާލަން. އިންތިހާއަށް ހަލާކުކުރުން ހުއްޓާލުމަށް. ރަހީނުކޮށްފައިވާ މީހުން މިނިވަންކުރުމަށް.” ގޮވާލާކަމަށް އޭނާ ވިދާޅުވިއެވެ.
ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގްވާމީ ގޮތުން ގޮވާލަމުންދާ ގޮވާލުންތަކަށް ދެކޮޅު ހަދައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާއާ ދެކޮޅަށް އަނިޔާވެރި ހަމަލާތަކެއް އިސްރާއީލް ސިފައިން ދެމުން އަންނައިރު، އޭގެ ސަބަބުން ފަލަސްތީނުގެ 54،000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.




