ބޭރުދުނިޔެ

ހަމާސް ޖަމާޢަތާ ގުޅުން އޮންނަ ހަތަރު މީހަކު ޖަލަށްލުމަށް ޙުކުމްކޮށްފި

ޖަރުމަނުގެ ބާލިންގައި ހުންނަ ކޯޓަކުން، ހަމާސް ޖަމާއަތާ ގުޅުން އޮންނަ ހަތަރު މީހަކު ޖަލަށްލުމަށް ހުކުމްކޮށްފިއެވެ. މި މީހުންގެ މައްޗަށް މި ހުކުމް އައީ ވިލާތުގެ އެކި ސަރަހައްދުތަކުގައި ހަމަލާދިނުމަށް ބޭނުންކުރާ ހަތިޔާރު ރައްކާކޮށްފައިވާ ނެޓްވޯކެއްގައި ބައިވެރިވިކަން ސާބިތުވުމާ ގުޅިގެންނެވެ.

އުމުރުން 36 އަހަރާއި 58 އަހަރާ ދެމެދުގެ މި ހަތަރު މީހުންގެ މައްޗަށް ބޭރުގެ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވިކަމުގެ ކުށް ސާބިތުވެ، ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ޖަލު ހުކުމްތަކެއް ވަނީ އިއްވާފައެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރު ޑޮރިސް ހުޝް ވިދާޅުވި ގޮތުގައި، މި ހަތަރު މީހުންނަކީ ވިލާތުގެ ގައުމުތަކުގައި ހުރި އިޒްރޭލުގެ ތަންތަނަށް ހަމަލާދިނުމަށް ތައްޔާރުވުމުގެ ގޮތުން ހަތިޔާރު ރައްކާކުރާ ތަންތަން ބިނާކުރުމުގައި އެހީތެރިވި ބައެކެވެ.

މި މައްސަލައިގައި ހިމެނެނީ ލުބުނާނަށް އުފަން އަބްދުލްހާމިދު އަލް އޭ. އާއި އިބްރާހީމް އެލް އާރު. ގެ އިތުރުން މިސްރުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ބީ. އަދި ނެދަލޭންޑްސްގެ ރައްޔިތެއް ކަމަށްވާ ނަޒީހް އާރު. އެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ފެށުނުތާ ހަފުތާތަކެއް ފަހުން، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ނަޒީހް އާރު. ހައްޔަރުކުރީ ރޮޓެރަޑަމްއިން ކަމަށްވާއިރު، އަނެއް ތިން މީހުން ހައްޔަރުކުރީ ބާލިންއިންނެވެ.

2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށި މި ޝަރީއަތުގައި ޕްރޮސިކިއުޓަރުން ތުހުމަތުކުރި ގޮތުގައި، މި މީހުންނަކީ ސިއްރިއްޔާތުގައި ހަތިޔާރު ފޮރުވާފައި ހުންނަ ތަންތަން ހަދައި، އެ ތަންތަން ބަލަހައްޓަމުން ދިޔަ ބައެކެވެ.

ބާލިންގައި ރެސްޓޯރެންޓެއް ހިންގި، އުމުރުން 43 އަހަރުގެ އިބްރާހީމް އެލް އާރު. ވަނީ 2019 ވަނަ އަހަރު ބަލްގޭރިއާއަށް ގޮސް ހަތިޔާރު ފޮށިގަނޑެއް ވަޅުލާފައެވެ. އަދި ހަމަ އެ އަހަރު ޑެންމާކުގައި ހުރި ހަތިޔާރު ގުދަނަކުން ފިސްތޯލައެއް ޖަރުމަނަށް އެތެރެކުރި ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ. އޭނާގެ މައްޗަށް ޣައިރުގާނޫނީ ހަތިޔާރު ގެންގުޅުމާއި ބޭރުގެ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށް ސާބިތުވެ، އެންމެ ދިގު ހުކުމެއްގެ ގޮތުގައި ހަ އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

މީގެ އިތުރުން، ޕޮލެންޑުގައި ހުރި ތަނަކުން ހަތިޔާރު ނެގުމަށް މި މީހުން އެތައް ފަހަރަކު މަސައްކަތްކޮށްފައިވާ ކަމަށް ޕްރޮސިކިއުޓަރުން ބުނެފައިވެއެވެ. ނަމަވެސް އެ މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

ޕްރޮސިކިއުޓަރުން ބުނާ ގޮތުގައި މި ހަތިޔާރުތައް ބޭނުންކުރަން ރާވާފައިވަނީ ބާލިންގައި ހުންނަ އިޒްރޭލު އެމްބަސީއާއި، ހުޅަނގު ޖަރުމަނުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒު “ރަމްސްޓައިން” ފަދަ ތަންތަނަށް ހަމަލާދިނުމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close