ޚަބަރު

ސްކޫލުގެ ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ޚާއްޞަ ފެއަރއެއް ތަޢާރަފްކޮށްފި

ކުރިއަށް އޮތް ސްކޫލު ޗުއްޓީއާ ދިމާކޮށް، ރާއްޖޭގެ ޤައުމީ އެއަރލައިން “މޯލްޑިވިއަން” އިން ތައިލެންޑުގެ ބެންކޮކަށް ޚާއްޞަ ފެއަރއެއް ތަޢާރަފްކޮށް، ޓިކެޓް ބުކްކުރުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

މި އަހަރުގެ ޖުލައި 12 އިން އޮގަސްޓް 2 އަށް ކުރިއަށްގެންދާ މި ޚާއްޞަ ފެއަރގެ ދަށުން، ދެކޮޅު ޓިކެޓުގެ އަގުތައް ފެށެނީ 399 ޑޮލަރުންނެވެ. މިއީ ޗުއްޓީ ދުވަސްވަރު ބެންކޮކަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވުނު ވަރަށް ރަނގަޅު ފުރުޞަތެކެވެ.

މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތުގައި، މި ދަތުރުތައް ކޮންމެ ހަފުތާއެއްގެވެސް އާދިއްތަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ފެއަރގެ ދަށުން ދަތުރުކުރާ ކޮންމެ ފަސިންޖަރަކަށް 25 ކިލޯގެ ބެގެޖް އެލަވަންސް ލިބޭނެއެވެ.

ދަތުރުތަކުގެ ތާވަލަށް ބަލާއިރު، ކޮންމެ އާދިއްތަ ދުވަހަކު މާލެއިން ބެންކޮކަށް ފްލައިޓް ފުރާނީ ހެނދުނު 11:00 ގައެވެ. އަދި ބެންކޮކުން މާލެއަށް އެނބުރި އައުމަށް ފްލައިޓް ފުރާނީ އެ ގައުމުގެ ގަޑިން އިރުއޮއްސި 18:40 ގައެވެ.

މޯލްޑިވިއަނުން މީގެކުރިންވެސް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ބެންކޮކާއި މެލޭޝިއާގެ ކުއަލަލަމްޕޫރަށް ބޭއްވި ދަތުރުތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އެގޮތުން ނިމިދިޔަ ޖަނަވަރީ މަހު ބޭއްވި ދަތުރުތަކުގައި 2,120 އަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށްފައިވާ ކަމަށް އެ އެއަރލައިނުން ބުނެއެވެ.

ކޮންމެ އަހަރެއްގެވެސް ސްކޫލުގެ ޗުއްޓީއާ ދިމާކޮށް ދިވެހިންގެ މެދުގައި މަޤްބޫލު މަންޒިލްތަކަށް މޯލްޑިވިއަނުން އަންނަނީ ދަތުރުތައް އިތުރުކޮށް، ލުއި އަގުތަކެއްގައި ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close