ރިޕޯޓް

މައްކާގެ މަސްޖިދުލް ޙަރާމްގެ ވަރުގަދަ ސައުންޑް ސިސްޓަމް – ރިޕޯރޓް

މަސްޖިދުލް ޙަރާމުން ގޮވާ ބަންގީގެ އަޑު ކޮންމެ ދުވަހަކު ވެސް އެ މިސްކިތުގެ އެތެރެއާއި ގޯތިތެރޭގައި ތިބޭ އެތައް ހާސް އަޅުވެރިންނަކަށް އިވެއެވެ. އަދި ބްރޯޑްކާސްޓް މީޑިއާގެ ޒަރީއާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން މުސްލިމުންނަކަށް މި އަޑު ފޯރައެވެ.

މި ނިޒާމުގެ މައިގަނޑު އަސާސަކީ މިސްކިތުގެ އެކި ސަރަހައްދުތަކަށް ބަންގީގެ އަޑާއި ގަމަތުގެ އަޑު ފަތުރާލަދޭ ވަރުގަދަ ލައުޑްސްޕީކަރު އިންފްރާސްޓްރަކްޗަރެވެ.

މި މަސައްކަތްތައް ހިންގާ މައި މަރުކަޒަކީ ކަޢުބަތުﷲ ގެފުޅާ ކައިރީގައި، މަޠާފް އިމާރާތުގެ ތެރޭގައި ހުންނަ ދެކުނު ފަރާތުގެ ލައުޑްސްޕީކަރު ޗޭމްބަރެވެ. މި ތަނަކީ މުޅި ހަރަމްފުޅާއި އޭގެ ގޯތިތެރޭގެ ސައުންޑް ސިސްޓަމް މެނޭޖްކުރާ މައި ހަބެވެ. ގާތްގަނޑަކަށް 500 އަކަ މީޓަރުގެ ސަރަހައްދެއްގައި ފެތުރިފައިވާ މި މަރުކަޒުގައި ނުވަ ގުއްބާއި، ބޭސްމަންޓާއި ގްރައުންޑް ފްލޯގައި ހިމެނޭ 16 ކޮޓަރި ހުރެއެވެ.

އިމާމުންނާއި މުއައްޛިނުންގެ އަޑު ސާފުކަމާއެކު އަޅުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، ހަރަމްފުޅުގެ އެކި ސަރަހައްދުތަކުގައާއި ބޭރު ގޯތިތަކުގައި ގާތްގަނޑަކަށް 8،000 ލައުޑްސްޕީކަރު ހަރުކުރެވިފައިވެއެވެ.

ޒަމާނީ ޑިޖިޓަލް ޓެކްނޮލޮޖީއާއި ބެކަޕް ސިސްޓަމްތަކާއެކު މި ނިޒާމު ވަނީ އިތުރަށް ފުރިހަމަކޮށްފައެވެ. ސާމާނުތަކުގެ ރައްކާތެރިކަމަށްޓަކައި 117 ޓަނުގެ އޭސީ ސިސްޓަމެއް ބޭނުންކުރެއެވެ. މީގެ ތެރެއިން 85 ޓަނު އިމާމުން ނަމާދުކުރައްވާ ސަރަހައްދަށް ޚާއްޞަކުރެވިފައިވާއިރު، 32 ޓަނު ހާއްސަކޮށްފައިވަނީ ސާވިސް ރޫމްތަކަށެވެ. ކޮންމެ ނަމާދު ވަގުތެއް ކައިރިވުމުން، ނަމާދުގެ އިރުކޮޅެއް ކުރިން މި ސިސްޓަމްތައް އެކްޓިވޭޓް ކުރެވެއެވެ.

މައްކާގެ ތާރީޚު ދިރާސާކުރައްވާ ޑރ. މަންޞޫރު އަލްދާޖަނީ ވިދާޅުވި ގޮތުގައި، މަސްޖިދުލް ޙަރާމްގައި އެންމެ ފުރަތަމަ ބަންގި ގޮވާފައިވަނީ ހިޖުރައިން 8 ވަނަ އަހަރު މައްކާ ފަތަޙަވި ދުވަހުއެވެ. އެ ދުވަހު މެންދުރު ނަމާދަށް ބަންގި ގޮވުމަށް ކީރިތި ރަސޫލާ ﷺ، ބިލާލްގެފާނަށް އަމުރުކުރެއްވުމުން އެކަލޭގެފާނު ބަންގި ގޮއްވީ ކަޢުބަތުﷲ ގެފުޅުގެ ފުރާޅުމަތީގައި ހުންނަވައިގެންނެވެ. އެ ދުވަސްވަރު ހަރަމްފުޅުގައި ވަށައިގެންވާ ފާރެއް، މުންނާރެއް ނުވަތަ މިންބަރެއް ނެތެވެ.

އަލްދާޖަނީ އިތުރަށް ވިދާޅުވީ، ހަރަމްފުޅުގައި އެންމެ ފުރަތަމަ މުންނާރެއް ބިނާކުރެވުނީ މީލާދީން 754 ވަނަ އަހަރު، ޢައްބާސީ ޚަލީފާ އަބޫ ޖަޢުފަރު އަލްމަންޞޫރުގެ ދައުރުގައެވެ. އެއީ ހަރަމްފުޅުގެ އުތުރު ފަރާތުގެ ހުޅަނގު ކަނުގައި ހުންނަ “ބާބުލް އުމްރާ” މުންނާރެވެ. އޭގެ ފަހުން ބިނާކުރެވުނު މުންނާރުތަކަކީ ބަންގި ގޮވުމަށް ބޭނުންކުރާ ތަންތަނަށް ވެގެންދިޔައެވެ. ކުރީ ޒަމާނުގައި މައި މުއައްޛިނު އެއް މުންނާރުގައި ބަންގި ގޮވުމުން، އެހެން މުންނާރުތަކުގައި ތިބޭ މުއައްޛިނުން އެއަށް ތަބާވެ ބަންގި ގޮވަމުން ދިޔައެވެ.

އަޑުގަދަކުރާ ބޭނުންކުރަން ފެށުމުގެ ކުރިން، އިމާމްގެ ތަކުބީރުގެ އަޑު ދުރުގައި ތިބޭ އަޅުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި “މަޤާމް ޙަނަފީ” ގައި ތިބެގެން މުއައްޛިނުން ތަކުބީރު ކިޔަމުން ދިޔައެވެ.

ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި، މަސްޖިދުލް ޙަރާމްގައި އެންމެ ފުރަތަމަ ލައުޑްސްޕީކަރު ބޭނުންކުރަން ފެށުނީ 1947 ވަނަ އަހަރު، ރަސްގެފާނު ޢަބްދުލްޢަޒީޒްގެ ދައުރުގައެވެ. ތާރީޚީ ޢިލްމުވެރިޔާ މުޙައްމަދު ތާހިރު އަލްކުރުދީ ލިޔުއްވާފައިވާ ގޮތުގައި މިއީ 1949 ވަނަ އަހަރެވެ. ނަމަވެސް، އަޙްމަދު ޢަލީ އަސަދުﷲ އަލްކާޛިމީގެ ޑައިރީގައިވާ ގޮތުން، 1947 ވަނަ އަހަރު މިކަމަށް އެދިވަޑައިގަތީ ހަރަމްފުޅުގެ އިމާމް އަދި ޚަޠީބު ޝައިޚް ޢަބްދުއްޒާހިރު އަބޫ އައްސަމަޙް އެވެ. އެމަނިކުފާނުގެ އެދިވަޑައިގަތުމަށް އޭރުގެ މާލީ ވަޒީރު ޢަބްދުﷲ ބިން ސުލައިމާން އަލްހަމްދާން ވަނީ އެ ތަކެތި ފޯރުކޮށްދިނުމަށް އަމުރުކުރައްވާފައެވެ.

މި އާލާތްތައް އެންމެ ފުރަތަމަ ބޭނުންކުރީ ޢަރަފާތް ދުވަހު ނަމިރާ މިސްކިތުގައި ދެއްވި ޚުޠުބާގައެވެ. އޭގެ ފަހުން، 31 އޮކްޓޯބަރު 1947 ގައި ޝައިޚް އަބޫ އައްސަމަޙް ހަރަމްފުޅުގައި އެންމެ ފުރަތަމަ މައިކް ބޭނުންކުރައްވައިގެން ހުކުރު ޚުޠުބާ ދެއްވިއެވެ.

ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި މި ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސް، މިއަދު މިވަނީ އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބޭ މުސްލިމުންނަށް ހަރަމްފުޅުގެ ބަންގީގެ އަޑާއި ނަމާދުގެ އަޑު އިވުމަކީ އެމީހުންގެ ހިތްތަކަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބޭ ކަމެކެވެ. ޚާއްޞަކޮށް ރަމަޟާން މަހު މި އަޑު އިވުމަކީ ކޮންމެ މުސްލިމަކުވެސް ފޮނި އުންމީދުތަކަކާއެކު އިންތިޒާރުކުރާ ކަމެކެވެ. މިއަދު މި ފެންނަ ލައުޑްސްޕީކަރު ޗޭމްބަރަކީ މި މުޤައްދަސް އަޑު މުޅި ދުނިޔެއަށް ފަތުރާލަދޭ މައި މަރުކަޒެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close