
ސިންގަޕޫރާއި ޖަޕާނަކީ ދުނިޔޭގެ އިޤްތިޞާދީ މައިދާނުގައި އުހުގައި ފިޔަޖަހަމުން އަންނަ ދެ ބާރެވެ. ފުރަތަމަ ނަޒަރުން ބަލާއިރު، މި ދެ ޤައުމާއި ދިވެހިރާއްޖެއާ ދެމެދުގައި ބޮޑެތި ތަފާތުތަކެއް ހުރިކަމަށް ހީވި ނަމަވެސް، ޙަޤީޤަތަކީ ވަރަށް މުހިންމު ގޮތްގޮތުން މި ތިން ޤައުމު އެއްގޮތްކަމެވެ. އެހެންނަމަވެސް، އިޤްތިޞާދީ ގޮތުން ރާއްޖެ އޮތީ އެ ދެ ޤައުމަށްވުރެ މާ ފަހަތުގައެވެ. މިކަމުގެ ސަބަބުން އުފެދޭ ސުވާލަކީ، ސިންގަޕޫރާއި ޖަޕާނަށް އެ ކާމިޔާބީ ލިބުނު ފަދައިން، ދިވެހިރާއްޖެއަށްވެސް ތަރައްޤީވެ، މުއްސަނދި ސިނާޢަތްތަކެއް ޤާއިމުކުރެވިދާނެ ހެއްޔެވެ؟ ޖަވާބަކީ “އާދެ” އެވެ. އެކަން ކުރެވިދާނެއެވެ. އެކަމަކު އެކަމަށް ބޭނުންވަނީ އެ ދެ ޤައުމުން ޢިބުރަތް ޙާޞިލުކޮށް، ހަރުދަނާ، ދުރުވިސްނުންތަކަކާއެކު ހިތްމަތާއެކު މަސައްކަތް ކުރުމެވެ.
މި ތިން ޤައުމު އެއްގޮތްވާ މުހިންމު ސިފަތަކެއް އެބަހުއްޓެވެ. ފުރަތަމަކަމަކީ، މި ތިން ޤައުމަކީވެސް ކަނޑުތަކުން ވަށާލެވިފައިވާ ޖަޒީރާ ޤައުމުތަކެއްކަމެވެ. މީގެ މާނައަކީ، ބިމުގެ ގޮތުން އެހެން ޤައުމުތަކާ ގުޅުމެއް ނެތުމާއި، ކަނޑުގެ ދަތުރުފަތުރާއި އެހެނިހެން ވަސީލަތްތަކަށް ބަރޯސާވާންޖެހުމެވެ. ދެވަނަ ކަމަކީ، ތެލާއި ގޭސް ފަދަ ޤުދުރަތީ މުއްސަނދިކަން މި ތިން ޤައުމަށްވެސް ލިބިފައިނުވުމެވެ. މިކަމުގެ ސަބަބުން، އެންމެ އަގުބޮޑު ރައުސުލްމާލަކަށް ވެފައިވަނީ އެ ޤައުމެއްގެ ރައްޔިތުންނާއި، އެމީހުންގެ ޢިލްމާއި ހުނަރެވެ. މި ސިފަތަކަކީ ތަރައްޤީއަށް ހުރި ހުރަސްތަކެއް ކަމަށް ފެނުނަސް، ސިންގަޕޫރާއި ޖަޕާނުން ވަނީ މިކަންކަން ފުރުޞަތުތަކަކަށް ބަދަލުކޮށްފައެވެ.
މީގެ 50 އަހަރު ކުރިން ސިންގަޕޫރަކީ މަސްވެރިކަންކުރާ، ފަޤީރު، ކުޑަ ޖަޒީރާއެކެވެ. ނަމަވެސް އެ ޤައުމުގެ ބާނީ ލީ ކުއާން ޔޫގެ ދުރުވިސްނުމުގެ ތަސައްވުރާއި ހަރުދަނާ ވެރިކަމުގެ ސަބަބުން، ކޮރަޕްޝަނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅައި، ޤާނޫނުގެ ބާރު ޤާއިމުކުރެވުނެވެ. އެމީހުންގެ އެންމެ ބޮޑު އިންވެސްޓްމަންޓަކަށް ހެދީ އިންސާނީ ވަސީލަތެވެ. ދުނިޔޭގެ ފެންވަރުގެ ތަޢުލީމީ ނިޒާމެއް ޤާއިމުކޮށް، ޖިއޮގްރަފީގޮތުން ސިންގަޕޫރުއޮތް މުހިންމު ތަނުގެ ގޮތުން، ދުނިޔޭގެ ޝިޕިންގް ލައިންތަކާއި، މާލީ މުޢާމަލާތްތަކުގެ މަރުކަޒަކަށް ސިންގަޕޫރު ބްރޭންޑްކުރިއެވެ.
މިކަމުން ދިވެހިރާއްޖެއަށް ލިބިގަންނަންވީ ފިލާވަޅުތައް ގިނަގުނައެވެ. ރާއްޖެއަކީ އިންޑިއާ ކަނޑުގައި، ހަމައެފަދަ ނުވަތަ އެއަށްވުރެވެސް މުހިންމު ޝިޕިންގް ރޫޓެއްގައި އޮތް ތަނެކެވެ. މިއީ ރާއްޖެ “ލޮޖިސްޓިކްސް ހަބް” އަކަށް ނުވަތަ ”ޓްރާންސްޝިޕްމަންޓް ޕޯޓް” އަކަށް ހެދުމަށް ލިބިފައިވާ ރަނުގެ ފުރުޞަތެކެވެ. ހަމައެއާއެކު، ސިޔާސީ ހަމަޖެހުމާއި ދުރުވިސްނުމުގެ ޤައުމީ ޕްލޭނެއްގެ ދަށުން، ފަތުރުވެރިކަމުގެ އިތުރުން މާލީ ޚިދުމަތްތަކާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ސިނާޢަތްތައް ޤާއިމުކުރެވިދާނެއެވެ.
ހަމަ އެފަދައިން، ދެވަނަ ބޮޑު ހަނގުރާމައިން ބަލިވެ، އިޤްތިޞާދު ބިމާހަމަވި ޤައުމެއް ކަމަށްވާ ޖަޕާނު، މިއަދު ދުނިޔޭގެ ޓެކްނޮލޮޖީ އާއި އުފެއްދުންތެރިކަމުގެ ލީޑަރަކަށްވީ، އެމީހުންގެ މަސައްކަތުގެ ސަޤާފަތާއި އީޖާދަށް ދިން އަހައްމިއްޔަތުގެ ސަބަބުންނެވެ. “ކައިޒެން” (Kaizen) ނުވަތަ “އަބަދުމެ ކުރިއެރުވުން” ގެ ފަލްސަފާގެ ދަށުން، އެމީހުން އުފައްދާ ކޮންމެ އެއްޗެއްގެ ފެންވަރު އެންމެ މަތީ ދަރަޖައަށް ގެންދިޔައެވެ. އެހެން މީހުންގެ އުފެއްދުންތައް ކޮޕީކުރުމުގެ ބަދަލުގައި، އަމިއްލަ އީޖާދުތައްކޮށް، ދުނިޔޭގެ ބާޒާރަށް ވިއްކޭނެ، މަތީ އަގު ލިބޭ އުފެއްދުންތައް އުފެއްދިއެވެ.
ޖަޕާނުގެ މި ތަޖުރިބާއިންވެސް ރާއްޖެއަށް ފިލާވަޅުތަކެއް އެބަހުއްޓެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ ”ލަގްޒަރީ” ނުވަތަ މަތީ ފެންވަރުގެ ޚިދުމަތުގެ ދާއިރާއެކެވެ. މި ސިނާޢަތުގައި “ޖަޕާނު ފެންވަރު” ގެ ޚިދުމަތްތެރިކަމާއި، ކޮލިޓީ ކޮންޓްރޯލް ތަޢާރަފުކުރެވިދާނެއެވެ. މީގެ އިތުރުން، މަސްވެރިކަމުގެ ސިނާޢަތް ޒަމާނީކޮށް، ކުޑަ ދަޅުގައި މަސް ވިއްކުމުގެ ބަދަލުގައި، “ހައި-ވެލޫ” މެރިން ޕްރޮޑަކްޓްސް (މެރިން ބަޔޯޓެކްނޮލޮޖީ، ކޮސްމެޓިކްސް، ފާމަސޫޓިކަލްސް) އުފައްދާ ބަޔަކަށް ވެވިދާނެއެވެ.
މި ހުރިހާ ކަމަކުން އެނގިގެންދަނީ، ރާއްޖެއަށް ކުރިއަށް ދެވޭނީ ރަނގަޅު މަގުޗާޓެއްގެ ދަށުން މަސައްކަތްކޮށްގެން ކަމެވެ. އެގޮތުން، ސިޔާސީ ޕާޓީތަކާއި، ވިޔަފާރިވެރިންނާއި، ޢާންމު ރައްޔިތުން ގުޅިގެން، އަންނަ 30-50 އަހަރަށް ރާއްޖެ ގެންދަން ބޭނުންވާ ދުރުމިނުގެ ތަސައްވުރެއް އެކަށައަޅަންޖެހެއެވެ. ތަޢުލީމީ ނިޒާމު އިންޤިލާބުކޮށް، ވިސްނާ، އީޖާދުކުރާ ޖީލެއް ބިނާކުރަންޖެހެއެވެ. ފަތުރުވެރިކަމަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި އިޤްތިޞާދު ތަފާތުކޮށް، ކޮރަޕްޝަން ނައްތާލައި، ހުރިހާ އެންމެންގެ މައްޗަށް ހަމަހަމަކޮށް ޤާނޫނު ހިންގާ އަމާން މާޙައުލެއް ޤާއިމުކުރަންޖެހެއެވެ.
ނިންމާލަމުން ދަންނަވަންއޮތީ، ސިންގަޕޫރާއި ޖަޕާނަކީ ޤުދުރަތީ ވަސީލަތްތަކުގެ ދަތިކަމާއި، ޖޯގްރަފީގެ ގޮންޖެހުންތަކާ އެކުވެސް، އިންސާނީ ހިތްމަތާއި ދުރުވިސްނުމުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ލިސްޓަށް އެރިދާނެކަމުގެ ދިރިހުރި ހެކިތަކެއްކަމެވެ. ދިވެހިރާއްޖެއަކީ ކުޑަ، ނާޒުކު ޤައުމެއް ކަމަށްވާއިރު، އަޅުގަނޑުމެންގެ ކުރިމަތީގައިވެސް ހުރީ ހަމަ އެފަދަ ގޮންޖެހުންތަކެކެވެ. ނަމަވެސް، އެ ގޮންޖެހުންތަކަކީ އަޅުގަނޑުމެންގެ ބަލިފައި ކަމަށް ހެދުމުގެ ބަދަލުގައި، އެއީ އަޅުގަނޑުމެންގެ ބާރަށް ހަދަންޖެހެއެވެ. ދިވެހިރާއްޖެއަކީ މުއްސަނދި، ތަރައްޤީވެފައިވާ ސިނާޢީ ޤައުމަކަށް ހެދުމަކީ ހުވަފެނެއް ނޫނެވެ. އެއީ، ހަރުދަނާ އަޒުމަކާއެކު، އެއްބައިވަންތަކަމާއެކު މަސައްކަތްކޮށްފިނަމަ، ޙަޤީޤަތަކަށް ހެދިދާނެ ކަމެކެވެ.




