ދަރިވަރުންގެ ކިބައިން ހަރުކަށި ފިކުރު ނައްތާލަން އުޅުން ވަރަކަށް ފާޅު މިވަނީ އެހެން ކަންތައް ތަކެއް…!
މިފަހަކަށް އައިސް ދިވެހި މުޖުތަމަޢުގެ ތެރޭގައި އެންމެ ގަދަޔަށް ދެކެވޭ ވާހަކައަކީ، ހަރުކަށި ފިކުރުގެ މީހުން ދެނެގަނެ، އެމީހުންގެ ކިބައިން މުޖުތަމަޢު ސަލާމަތްކުރުމުގެ ވާހަކައެވެ. އަދި މެއި 6 ވަނަ ދުވަހު ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުވި ހަމަލާއަށްފަހު، މި އަޑުފައްގަޑު އިތުރަށްވީ ގަދައެވެ.
އަޑުފައްގަޑު ގަދަވެގެންދިޔަ ބާރުމިން ނިކަން ދެކެބަލާށެވެ. އެންމެފަހުން ސްކޫލުތަކުގައި ތަޢުލީމް ޙާޞިލްކުރަމުންދާ ދަރިވަރުންގެ ތެރޭގައިވެސް ހަރުކަށި ފިކުރަށް ތާޢީދުކުރާ އަދި އެވިސްނުން ފަތުރަށް މަސައްކަތް ކުރާ ކުދިން ތިބިކަމަށް ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީންވެސް ތުހުމަތު ކުރީއެވެ. އަދި ދަރިވަރުން އެފިކުރަށް ގޮސްފައިތިބީ ސްކޫލުތަކުގައި ކިޔަވައިދެއްވާ ގިނަ އިސްލާމް މުދައްރިސުންނާއި ޤުރްއާން މުދައްރިސުންގެ ސަބަބުންކަމަށް، އެމް.ޑީ.ޕީ ގެ މެއި 6 ކޮމިޓީން ވަނީ މުޅި މީޑިޔާގައި ހާމަކޮށްފައެވެ. ދަރިވަރުންނާއި އެތައް ބެލެނިވެރިއެއްގެ ކުރިމަތީގައެވެ.
ދާދި ފަހުން އެޑިއުކޭޝަން މިނިސްޓަރ ވަނީ، ހަރުކަށި ފިކުރުގެ ދަރިވަރުން ދެނެގަނެވިފައިވާކަމަށް ހާމަވެސް ކޮށްފައެވެ. ސުބްޙާނަﷲ، ކޮންމެއަކަސް ބިރުވެރިކަމެއްތާއެވެ.
އާއެކެވެ. ހަރުކަށި ފިކުރަކީ ވަރަށްވެސް ނުރައްކާތެރި ކަމެކެވެ. އެހެންނަމަވެސް، ދަރިވަރުންނާއި އިސްލާމް ޓީޗަރުންނާއި ޤުރްއާން މުދައްރިސުންނާއި އަދި މި ނޫންވެސް ގިނަ ދިވެހި މުދައްރިސުން ހަރުކަށި ވެގެން މިއުޅޭގޮތެއް މިވީހާތަނަށްވެސް ބުނެދެވިފައެއް ނުވެއެވެ.
ކުރިޔަށްދަމާ ހިނގާށެވެ. ދަރިވަރުންގެ ކިބައިން ހަރުކަށި ފިކުރު ހުއްޓުވުމުގެ ނަމުގައި ދާދި މިދާކަށްދުވަހު، އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުންވަނީ ބަޔަކާއިއެކު އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފައެވެ. އެއީ ކޮންބައެއްތޯއެވެ. އާދެ! އެއީ ކޮރަޕްޝަންގެ ޢަމަލުތައް ދިރާސާކުރުމަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ޖަމްޢިއްޔާއެއްކަމަށްވާ ޓްރާންސްޕޭރެންސީ އޮފް މޯލްޑިވްސްއެވެ. މިބައިމީހުންނަކީ މިކަމަށް ކުފޫ ހަމަވާ ބައެއްތޯ ނުވަތަ ނޫންތޯ ނިންމަވާނީ ހަމަ ތިޔަބޭފުޅުންނެވެ.
ޓްރާންސްޕޭރެންސީ އޮފް މޯލްޑިވްސްއާއިއެކު ވެވުނު އެއްބަސްވުމުގައި އޮތީ ކޮން ވާހަކަތަކެއްކަމެއް އަދި އަދަށްދާންދެންވެސް އެއްވެސް ބެލެނިވެރިޔަކަށްވެސް އެނގިފައެއް ނުވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ދީނީ ޖަމްޢިއްޔާ ޖަމްޢިއްޔަތުއް ސަލަފުންނާއި ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުންވެސް ވަނީ އެ އެއްބަސްވުމުގައި އޮތް އެއްޗެއް ހިއްސާކުރުމަށް އެދި އެޑިއުކޭޝަންގައި ރަސްމީކޮށް ދަންނަވާފައެވެ. އެހެންނަމަވެސް އަދި މިހާތަނަށްވެސް އެކަން އެފަރާތްތަކަށް ހާމަކުރިކަން އެނގިފައެއް ނެތެވެ.
އެވާހަކަވެސް ބާއްވާފަ އަސްލު ޕޮއިންޓުތަކަށް ދަމާ ހިނގާށެވެ.
ކުއްލިއަކަށް ހަރުކަށި ފިކުރަށް ހިތްވަރުލިބޭ ފިލާވަޅުތަކެއް ދަރިވަރުންގެ އިސްލާމީ ފޮތުގައި ހުރިކަން ފާހަގަ ވެއްޖެއެވެ. އެބައިތައް އުނިކުރާނެކަމަށް އަޑަށް ބާރުލައިފައި އެޑިއުކޭޝަން މިނިސްޓްރީން ބުނަންވެސް ވަނީ ބުނެފައެވެ. އެހެނަސް އެއީ ކޮން ފިލާވަޅުތަކެއްކަމެއް އަދިވެސް ބުނެ ނުދެވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ކަނޑައެޅުއްވި އެތައް ބޭފުޅުންތަކެއް ވެގެން ތައްޔާރުކުރެއްވި އިސްލާމް ފޮތުގައި ހަރުކަށި ފިކުރަށް ހިތްވަރުދޭ ފިލާވަޅުތަކެއް ހުރިކަމަށް ބުނަންޏާ، ހަރުކަށި ފިކުރުގެ ވިސްނުން ފުރަތަމަ އަށަގެންފައިވަނީ އެމާއްދާ ކިޔަވައިދެއްވަން ދުރުވާ ޓީޗަރު މީހާ އާއި އެ މާއްދާ ކިޔަވާ ދަރިވަރު ބާއޭ، މިއީވެސް ހަމަ ހިތުގައި އުފެދޭ ސުވާލެއްތާއެވެ.
އިސްލާމްފޮތުން ހަރުކަށި ފިކުރުގެ ފިލާވަޅުތައް އުނިކުރަން ފޫގަޅާލައިފައި އުޅެނިކޮށް ފެންމަތިވެގެން ދިޔައީ ޤުރްއާން މާއްދާގެ އެތައް ގުރޭޑެއްގެ ފޮތުގައި ޤުރްއާނުގެ އާޔަތްތައް ނުބައިކޮށް ލިޔެފައިވާކަމެވެ. ހަމައެކަނި ޤުރްއާން ފޮތެއްވެސް ނޫނެވެ. އިސްލާމް ފޮތުގައިވެސް މެއެވެ. މިކަން ފޮރުވަން ވެގެން މަސައްކަތް ފެށިއެވެ. އެންމެފަހުން އެކަންވެސް އެޅުވީ ނިމިދިޔަ ރައީސް ޔާމީނުގެ ސަރުކާރުގެ ބޮލުގައެވެ. އެހެނަސް އެކަންވެސް އެގޮތަށް ވާގޮތެއް ނުވިއެވެ. ވާނީވެސް އެހެންތާއެވެ. ބެލެނިވެރިންނާއި ދަރިވަރުންގެ އަތުގައި ކުރިން ބޭނުންކުރި ބައެއް ފޮތްތައް އަދިވެސް އެބަ ހުއްޓެވެ. އެފޮތްތަކުގެ ތެރޭގައި 2019 ވަނަ އަހަރު ޗާޕް ކުރި ފޮތްވެސް އެބަ ހުއްޓެވެ. އެ ފޮތްތަކުގައި މިހާރު ޤުރްއާނުގެ އާޔަތްތައް ނުބައިކޮށް ލިޔެފައިވާ ތަންތަން ހުރީ ހަމަ ރަނގަޅަށެވެ. އެކަންވެސް އެންމެފަހުން ހަމަ ގޮވީ އަތަށެވެ.
މި ފޮތުގެ ވާހަކަވެސް ބާއްވާށެވެ.
” ސާރޭ ޖަހާސެ އައްޗާ ” އަށް އަލިއަޅުވާލަން ހިނގާށެވެ. މިއީ ދަރިވަރުންގެ ކިބައިގައިވާ ހަރުކަށި ފިކުރު ނައްތާލަން ހިންގާ ހަރަކާތަކަށްވެސް ވެދާނެއެވެ. ރާއްޖޭގެ ސްކޫލެއްގައި ބޭއްވި ” ސަޤާފީ ސިންދަފާތު” އެއްގައި އިންޑިއާގެ ދިދަ ހިފައިގެން ހިންދީ ހެދުން އަޅައިގެން ހިންދީ ލަވައެއް ޖަހައިގެން (ދިވެހި ދަރިވަރުންކަމެއް އެހެން ދަރިވަރުންނެތްކަމެއް ނޭންގެ) ސްޓޭޖެއްގައި ދަރިވަރުންތަކެއް ޙަރަކާތްތެރިވާ މަންޒަރު ފެނިގެންދާ ވީޑިއޯއެއް އާންމުވެ، ދިވެހި މުޖުތަމަޢުގެ ސިއްސުވާލައިފިއެވެ.
މިކަން އެއްކިބައިގައި އޮއްވާ ޤައުމީ ޓީވީން ” ރެއިންބޯ ” އެއީ ކޮންމެސް ގުޅުމެއް ރަމްޒުކޮށްދޭ އެއްޗެއްކަމަށްވެސް ބުނެދީފިއެވެ.
އަދި މިވަރުން ނުވެގެން ރާއްޖޭގެ ސްކޫލެއްގެ މަތީ ގުރޭޑްތަކަކަށް ޔުނެސްކޯގެ ފަރާތުން ހިންގި ސެޝަންތަކެއްގައި ކަލަކު ވޮޑިގެންވާކަމާއިމެދުވެސް ސުވާލު އުފައްދައިފިއެވެ. އެ ސެޝަންތަކުގައި ޔުނެސްކޯއިން ބޭނުންކުރި ބައެއް ފޮޓޯތައް ބަލާލުމުން މުސްލިމެއްގެ ހައިސިއްޔަތުން ގައިން ހީބިހި ނަގައިގެންދެއެވެ.
މިކަންކަން މިހެން ހުރުމުގެ ސަބަބުން ސުވާލު އުފެދެނީ އަސްލުގައިވެސް މިއުޅެނީ ހަމަ ދަރިވަރުންގެ ކިބައިގައިވާ ހަރުކަށި ފިކުރު ނައްތާލާ ރިވެތި އިސްލާމީ ތަރުބިއްޔަތެއް ހަމަ ދަރިވަރުންނަށް ދޭން ބާވައެވެ.



