ރިޕޯޓް

އައު އުއްމީދުތަކާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފި

އެއް މަސްދުވަހުގެ ޗުއްޓީއަކަށްފަހު، 2026 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ރަސްމީކޮށް މިވަނީ ފަށާފައެވެ. މިއީ ގިނަ އަހަރުތަކަކަށްފަހު ދިރާސީ އަހަރުގެ ކިޔެވުން އަނެއްކާވެސް ޖަނަވަރީ މަހު ފެށުނު ފުރަތަމަ ފަހަރު ކަމަށްވުމުން، މިއަދަކީ ރާއްޖޭގެ ތައުލީމީ ހަޔާތުގައި ފާހަގަކޮށްލެވޭނެ ތާރީޚީ ދުވަހެކެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުނުއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސަރުކާރުގެ 218 ސްކޫލެއްގައި 77،000 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތައުލީމީ ދަތުރު ފަށާފައެވެ. މީގެ ތެރޭގައި މުޅިން އަލަށް ސްކޫލް މާހައުލާ ގުޅުނު ގްރޭޑް 1 ގެ 4،790 ދަރިވަރުން ހިމެނެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް 1،748 ދަރިވަރުން ވަދެފައިވާއިރު، އަތޮޅުތެރޭގެ ސްކޫލްތަކަށް 3،042 ދަރިވަރުން ވަނީ އަލަށް ގުޅިފައެވެ. ކިޔެވުން ފެށުނުއިރު ދަރިވަރުންނަށް އުނގަންނައިދިނުމަށްޓަކައި 10،500 މުދައްރިސުން މިހާރު ދަނީ ސްކޫލްތަކުގައި ހަރަކާތްތެރިވަމުންނެވެ. މީގެ ތެރޭގައި 8،000 ދިވެހި މުދައްރިސުންނާއި 2،500 ބިދޭސީ މުދައްރިސުން ހިމެނެއެވެ.

އަތޮޅުތަކުން މާލެއަށް 1،530 ދަރިވަރުން ބަދަލުވެފައިވާއިރު، މާލެއިން ހުޅުމާލެއަށް 836 ދަރިވަރުން ބަދަލުވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ މައުލޫމާތުތަކުން ދައްކައެވެ. މި ބަދަލުތަކާއެކު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަނީ ދާއިމީ އައު ސްކޫލެއް ހުޅުވައި ކިޔަވައިދޭން ފަށާފައެވެ. ގްރޭޑް 1 އިން 10 އަކަށް ކިޔަވައިދޭ މި ސްކޫލަކީ 1،900 އަށްވުރެ ގިނަ ދަރިވަރުންގެ ޖާގަ އޮތް ސްކޫލެކެވެ. މި ސްކޫލްގެ ކިޔެވުން ފަށާފައިވަނީ 230 މުދައްރިސުންނާއެކުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި ދިރާސީ އަހަރަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. އެގޮތުން މިދިޔަ ޑިސެންބަރު މަހުން ފެށިގެން ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމާއި، މުދައްރިސުން ހަމަކުރުމުގެ އިތުރުން ސްކޫލްތަކުގެ އުމްރާނީ ތަރައްގީއާއި އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ވަނީ މުޅިން ނިންމާލާފައެވެ.

މި އަހަރުގެ ދިރާސީ ކަލަންޑަރު ބައްޓަންކުރެވިފައިވާ ގޮތުން، ކުރިއަށް އޮތް ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގެ ކިޔެވުމަށްފަހު، ފިޠުރު އީދު ބަންދާ ހަމައަށް ސްކޫލްތައް ބަންދުވާނެއެވެ. ބަންދަށްފަހު އަލުން ކިޔެވުން ފަށާނީ މާޗް 23 ގައެވެ. ފުރަތަމަ ޓާމުގެ ކިޔެވުން ޖުލައި 14 އަށް ނިމޭއިރު، ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އޮގަސްޓް 2 ގައެވެ.

މި ދިރާސީ އަހަރުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީ ލިބޭނީ 2026 ޑިސެންބަރު 18 ގައެވެ. މި ޗުއްޓީ 2027 ޖަނަވަރީ 12 އާ ހަމައަށް ދެމިގެންދާނެއެވެ. މިއީ ތައުލީމީ ދާއިރާއަށް ބޮޑެތި ބަދަލުތަކަކާއި އައު އިންތިޒާމުތަކަކާއެކު ފެށިގެންދިޔަ އުއްމީދީ އަހަރެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close