ޚަބަރު

ޤުރުއާނާއި، ޢަރަބި ކިޔަވައިދޭން އިންޑިއާއިން ގެނައީ ޖުމުލަ 10 ޓީޗަރުން – މިނިސްޓްރީ

ދިރާސީ އާ އަހަރުގެ ކިޔެވުން މާދަމާ ފެށޭއިރު ޓީޗަރުން ހަމަވެފައިވާ ކަމަށާއި، ޤުރުއާނާއި، ޢަރަބި ކިޔަވައިދޭން އިންޑިއާއިން ގެނައީ ޖުމުލަ 10 ޓީޗަރުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިއްޔެ ވިދާޅުވެއްޖެ އެވެ.

މިއަހަރު ޤުރުއާނާއި، އަރަބި ކިޔަވައިދޭން ބިދޭސީ ޓީޗަރުން ގެނައީ ދިވެހި ޓީޗަރުން ލިބުމުގައި ދަތިތަކެއް ހުރުމުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ވަކިން ޚާއްޞަކޮށް ގުރުއާން އަދި އަރަބި ކިޔައިދޭން ދިވެހި ޓީޗަރުން ނުލިބުމުން އިންޑިއާއިން ޓީޗަރުން ގެނެސްފައިވާ ކަމުގައެވެ.

އިންޑިއާއިން ގެނައި 10 ޓީޗަރުންގެ ތެރޭގައި ހިމެނެނީ އަރަބި ކިޔަވައިދޭ ފަސް ޓީޗަރުންނާއި ގުރުއާން ކިޔަވައިދޭން ފަސް ޓީޗަރުންނެވެ. އެ ޓީޗަރުން ގެންނަން ޖެހުނީ ތަކުރާރުކޮށް އިއުލާންކޮށްގެން ވެސް ދިވެހިން ނުލިބުމުން ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުމުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތުތައް ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކިޔެވުން ފެށޭއިރު ހުރިހާ ސްކޫލަކަށް ވެސް ޓީޗަރުން ހަމަވެފައިވާ ކަމަށެވެ.

އަދިވެސް ޓީޗަރުން އިތުރުކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށާއި ޓީޗަރަކު ނެތިގެން އެއްވެސް ދަރިވަރެއްގެ ކިޔެވުން ނުހުއްޓޭނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި އެވެ.

މިނިސްޓަރ މިހެން ވިދާޅުވި ނަމަވެސް އަތޮޅު ތެރޭގެ ގިނަ ސްކޫލްތަކުގައި ޢަރަބި ކިޔަވައިދެވޭނެ ގޮތެއް އަދި ހަމަޖެހިފައެއް ނެތެވެ. މިނިސްޓްރީން ދަރިވަރުންނަށް ދެއްވި ފޮތްލިސްޓްގައި ޢަރަބި ފޮތްތަކެއް ހުރުމުން އަތޮޅު ތެރޭގެ ސްކޫލްތަކުގެ ބައެއް ބެލެނިވެރިން ދަނީ އެ ސުވާލު އުފައްދަމުންނެވެ.

މިއަހަރު އަރަބި ކިޔަވައިދޭތޯ. ކިޔަވައިދެނީ ކޮން ޓީޗަރެއްތޯ؟ ބެލެނިވެރިން ސުވާލުކުރާކަމަށް ބައެއް ސްކޫލްތަކުގެ ވެރިން ވިދާޅުވެއެވެ.

ބައެއް ސްކޫލްތަކުން މަޢުލޫމާތު ދެއްވި ގޮތުގައި އަރަބި ޓީޗަރަކު ހޯދަން އެސްކޫލްތަކުން އިއުލާނެއްވެސް ނުކުރެއެވެ.

ކުރިއަށް އޮތް 10 އަހަރަށް އެކި ދާއިރާތަކުން ބޭނުންވާ ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިއްޔެގެ ޕްރެސްގައި ، މިނިސްޓަރު ވިދާޅުވި އެވެ. އެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އިސްލާމިކް މިނިސްޓްރީ އާއި ގުރުއާނާބެހޭ މަރުކަޒުތަކާ ގުޅިގެންނެވެ.

ކޮވިޑްގެ ހާލާތާއި ގުޅިގެން ދަރިވަރުން ސްކޫލަށް ހާޒިނުވެ ކިޔެވުން ދޮޅުއަހަރެއްހާ ދުވަހު ކުރިއަށް ގެންދިއުމަށްފަހު މާދަމާ ފެށޭއިރު ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުމުގެ ދަންފަޅިވެސް ކަނޑައަޅާފައިވަނީ އާދައިގެން ހާލަތުގައިވެސް ކުރިއަށް ގެންދާ މިންވަރަށްކަން ފާހަގަކުރެއެވެ. އެހެންކަމުން މިފެށޭ ދިރާސީ އަހަރަކީ އަނެއްކާވެސް ދަރިވަރުންނަށް ލިބިގެންދާ އާ ފެށުމެއްކަމުގައި ވާނެއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close