ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 5 ލައްކައަށްވުރެ މައްޗަށް

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 500,000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް 502,252 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.8 އިންސައްތައިގެ ކުރިއެރުމެކެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން 79,681 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައިގައި އޮތް ރަޝިޔާއިން 57,466 ފަތުރުވެރިން އަދި ތިންވަނައިގައި އޮތް އިޓަލީން 48,417 ފަތުރުވެރިން ވަނީ އައިސްފައެވެ. އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އެތެރެވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރަމުން އަންނައިރު، މިހާރު ރާއްޖޭގައި 186 ރިސޯޓާއި، 924 ގެސްޓް ހައުސްގެ އިތުރުން 171 ސަފާރީ އާއި 16 ހޮޓެލް ދަނީ އޮޕަރޭޓް ކުރަމުންނެވެ. ތަފާސްހިސާބުތަކަށް ބަލާއިރު މިހާރު ދުވާލަކު އެވްރެޖްކޮށް 7,825 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.



