ޝައިޠާނުން ކަސްތޮޅު އެޅިފައިވާއިރުވެސް، ޙިމާރު ހަޅޭއްލަވަނީ ކީއްވެގެންތޯ؟

الحمد لله، والصلاة والسلام على رسول الله:
ސައްޙަ ސުންނަތުން ސާބިތުވާ ގޮތުގައި، ޙިމާރު ހަޅޭއްލަވަނީ ޝައިޠާނަކު ފެނުމުންނެވެ.
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުންނަށް ހާ ގޮވާ އަޑު އިވޭހިނދު، ﷲގެ ފަޟްލުވަންތަކަމަށް އެދި ދަންނަވާށެވެ. އެހެނީ، އެސޫފި އެއީ މަލާއިކަތަކު ފެނިގެން ގޮވާ އެއްޗެކެވެ. އަދި ތިޔަބައިމީހުންނަށް ޙިމާރު ހަޅޭއްލަވާ އަޑު އިވޭހިނދު، ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި ދަންނަވާށެވެ. އެހެނީ، އެސޫފި އެއީ ޝައިޠާނަކު ފެނިގެން ހަޅޭއްލަވާ އެއްޗެކެވެ.” (ބުޚާރީ: 3303 އަދި މުސްލިމް: 2729)
ރަމަޟާން މަހުގައި ޝައިޠާނުން ކަސްތޮޅު އެޅޭނެކަންވެސް ސައްޙަ ޙަދީޘްތަކުން ސާބިތުވެއެވެ.
ނަމަވެސް، ޝައިޠާނުން ކަސްތޮޅު އެޅުމުގެ މާނައަކީ، އެސޫފިތަކުގެ ނުފޫޒާއި އުނދަގޫތައް އެއްކޮށް ހުއްޓުމަކަށް އައުންތޯއެވެ؟ ޙިމާރު ހަޅޭއްލަވާ ހިނދު ޝައިޠާނާގެ ކިބައިން ރައްކާތެރިކަމަށް އެދުމަށް އަމުރުކުރައްވާފައިވަނީ އެސޮރަށް ޝައިޠާނަކު ފެނިގެން ކަމަށްވާއިރު، މިކަމުގެ ޖަވާބަކީ: ޙަދީޘްގައި ބަޔާންވެގެންވަނީ ހަމައެކަނި ޝައިޠާނުން ކަސްތޮޅު އެޅޭނެ ވާހަކައެވެ. މިއީ އެސޮރުމެން ހިލިހިލާ ޖެހި، އެސޮރުމެންގެ ނުބައިކަން ކުޑަވާނެ ކަމުގެ އިޝާރާތެކެވެ. ނަމަވެސް، އޭގެ މާނައަކީ އެސޮރުމެން އެއްވެސް ވަރަކަށް ހަރަކާތްތެރިވެ ނޫޅެވޭނެ ގޮތަށް ނުވަތަ އެއްވެސް ގެއްލުމެއް ނުދެވޭނެ ގޮތަށް އެއްތަނެއްގައި ބަންދުކުރެވިފައި ތިބުމެއް ނޫނެވެ. ކަސްތޮޅު އަޅާފައި ހުރި މީހަކަށްވެސް އޭނާ ހުރި ތަނެއްގައި ނުވަތަ ތަނަކުން އަނެއް ތަނަށް ބަދަލުވާ ހިނދު ކޮންމެވެސް ވަރެއްގެ ހަރަކާތްތަކެއް ކުރެވޭ ފަދައިން، ޝައިޠާނުންނަށްވެސް ކޮންމެވެސް މިންވަރެއްގެ ހަރަކާތެއް ކުރެވޭނެއެވެ.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ:
ޝަރުޢީ ނައްޞުތަކުން ސާބިތުވާ ގޮތުގައި، ރޯދަވެރިޔާ ކެއިންބުއިމާއި ޖިމާޢުވުމުން ދުރުހެލިވާންޖެހެއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ސާބިތުވާ ގޮތުގައި “ޝައިޠާނާ އިންސާނާގެ ހަށިގަނޑުގައި ލޭ ހިނގާ ފަދައިން ހިނގައެވެ.” ޝައްކެއްވެސްނެތް ގޮތުގައި ލޭ އުފެދެނީ ކެއިންބުއިމުގެ ސަބަބުންނެވެ. އިންސާނާ ކައިބޮއި ހަދާނަމަ ޝައިޠާނުން ހަރަކާތްތެރިވާ މަގުތައް ތަނަވަސްވެގެންދެއެވެ. އެހެންކަމުން، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ: “ރަމަޟާން މަސް އައުމުން ސުވަރުގޭގެ ދޮރުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ލެއްޕި، އަދި ޝައިޠާނުން ކަސްތޮޅު އެޅެއެވެ.” މީގެ ސަބަބުން ޝައިޠާނުން ހަރަކާތްތެރިވާ މަގުތައް ކަމުގައިވާ ލޭނާރުތައް ހަނިވެގެންދެއެވެ. އެ މަގުތައް ހަނިވުމުން އިންސާނާ ހެޔޮކަންތައް ކުރުމަށް ޝައުޤުވެރިވެ، ނުބައިކަންތަކުން ދުރުހެލިވެއެވެ. ޝައިޠާނުން ކަސްތޮޅު އެޅުމުން އެސޮރުމެން ބަލިކަށިވެ، އެހެން މަސްމަހާ އަޅާބަލާއިރު އެސޮރުމެންގެ ނުފޫޒު ކުޑަވެއެވެ. އެސޮރުމެން މަރުވާ ވާހަކައެއް ނުވަތަ މަރާލެވޭ ވާހަކައެއް ރަސޫލާ ޙަދީޘް ނުކުރައްވައެވެ. ކަސްތޮޅު އެޅިފައި ހުރި ޝައިޠާނަކަށްވެސް އުނދަގުލެއް ކުރެވިދާނެއެވެ. ނަމަވެސް އެ އުނދަގޫތައް ރަމަޟާން މަސް ނޫން މަސްމަހަށްވުރެ މާ ބަލިކަށިވާނެއެވެ. (މަޖްމޫޢުލް ފަތާވާ: 25/246)
ޚުލާޞާ:
ޙިމާރު ހަޅޭއްލެވުން ގުޅިފައިވަނީ އެސޮރަށް ޝައިޠާނަކު ފެނުމާއެވެ. ޝައިޠާނާ ކަސްތޮޅު އެޅިފައި ހުއްޓާވެސް ޙިމާރަށް ޝައިޠާނަކު ފެނިއްޖެނަމަ، އެ ފެނުނީ ޝައިޠާނެކެވެ. އެހިނދު އެސޮރު ހަޅޭއްލަވާނެއެވެ. މިއީ ޝައިޠާނާ އިންސާނުން މަގުފުރެއްދުމަށް ކުރާ މަސައްކަތާ ނުވަތަ އެސޮރު ކަސްތޮޅު އެޅިފައިވުމާ ފުށުއަރާ ކަމެއް ނޫނެވެ. އެހެންކަމުން، މި ދެ ޙަދީޘްގެ މެދުގައި އެއްވެސް ފުށުއެރުމެއް ނެތެވެ. ކޮންމެއަކަސް، މިއީ ޢަޤީދާގެ ކަންތައްތަކުގެ ތެރެއިން ޣައިބުގެ ކަންކަމެވެ. މިފަދަ ކަންކަން ދެނެގަނެވޭނީ ހަމައެކަނި ޝަރުޢީ ނައްޞުތަކުންނެވެ. އިންސާނީ ބުއްދިއަށް އެކަނި ބުރަވެ މިކަންކަމުގެ ޙަޤީޤަތް މުޅިން ދެނެއެއް ނުގަނެވޭނެއެވެ. މުސްލިމުންގެ މައްޗަށް އޮތީ މާގިނަ ސުވާލުތައް ނުއުފައްދައި، މިފަދަ ކަންކަމަށް ފުރިހަމައަށް އީމާންވުމެވެ.
ރިފަރެންސް: އިސްލާމްކިއު (408574)
