ޕާކިސްތާނުގައި ހަނގުރާމަވެރި ޖަމާޢަތަކުން ދިން ހަމަލާތަކެއްގައި ގިނަ ބަޔަކު މަރުވެއްޖެ

ޕާކިސްތާނުގެ ބަލޯޗިސްތާނު ޕްރޮވިންސުގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް، ވަކިވެގަންނަން މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާޢަތްތަކުން ދިން ވަރުގަދަ ޙަމަލާތަކެއްގައި، މަދުވެގެން 21 މީހުން މަރުވެއްޖެއެވެ.
ރަސްމީ ފަރާތްތަކުން މަޢުލޫމާތު ދޭ ގޮތުގައި، މަރުވި މީހުންގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ 10 އޮފިސަރުންނާއި 11 އާންމުން ހިމެނެއެވެ. މި ޙަމަލާތައް ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހު 3:00 ހާއިރުއެވެ. މިގޮތުން ބަލޯޗިސްތާނުގެ ވެރިރަށް ކުއެޓާގައި ހުންނަ ބައެއް ފުލުސް މަރުކަޒުތަކަށް ވެސް ހަނގުރާމަވެރިން ވަނީ އަމާޒުކޮށްފައެވެ.
ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި، އަފްޣާނިސްތާނާއި އީރާނުގެ ބޯޑަރު ކައިރީގައި އޮންނަ މި ޕްރޮވިންސަކީ ގުދުރަތީ މައުދަނުތަކުން މުއްސަނދި ސަރަޙައްދެކެވެ. މި ސަރަޙައްދު ވަކި ދައުލަތަކަށް ހެދުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނާ ދެކޮޅަށް ޕާކިސްތާނު ސަރުކާރުން ހަނގުރާމަކުރާތާ އެތައް އަހަރެއް ވެފައިވާއިރު، މި ޖަމާޢަތްތަކުން އާންމުކޮށް ޙަމަލާދެނީ ސަލާމަތީ ބާރުތަކަށާއި، ބޭރުގެ ރައްޔިތުންގެ އިތުރުން އެ ސަރަޙައްދަށް ނިސްބަތްނުވާ މީހުންނަށެވެ.
މި ފަހަރުގެ ޙަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ޕާކިސްތާނުގައި މަނާކޮށްފައިވާ “ބަލޯޗިސްތާނު ލިބަރޭޝަން އާމީ” (ބީ.އެލް.އޭ) އިންނެވެ. އެ ޖަމާޢަތުން ބުނި ގޮތުގައި އެމީހުން ވަނީ އަސްކަރީ މަރުކަޒުތަކަށާއި، ފުލުހުންނާއި ސިވިލް އެޑްމިނިސްޓްރޭޝަނުގެ އޮފިޝަލުންނަށް އަމާޒުކޮށް ބަޑީގެ ޙަމަލާތަކާއި ޖާނުން ފިދާވުމުގެ ޙަމަލާތައް ދީފައެވެ.
އޭ.އެފް.ޕީ ނިއުސް އެޖެންސީން ރިޕޯޓުކުރާ ގޮތުގައި، މިއީ 12 އަށްވުރެ ގިނަ ތަނަކަށް އަމާޒުކޮށްގެން ދީފައިވާ ވިލަރެސްކުރެވިފައިވާ ޙަމަލާތަކެކެވެ. އަދި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ބީ.އެލް.އޭ ގެ 67 ހަނގުރާމަވެރިން މަރާލެވިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ބަލޯޗިސްތާނު ސަރުކާރުގެ ތަރުޖަމާނު ޝާހިދު ރިންދު ވިދާޅުވީ، ހަނގުރާމަވެރިން ދޭން އުޅުނު ގިނަ ޙަމަލާތަކެއް ސަލާމަތީ ބާރުތަކުން ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ.
ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުޙްސިން ނަޤްވީ ނެރުއްވި ބަޔާނެއްގައި، މި ޙަމަލާތަކުގެ ފަހަތުގައި އޮތީ “ފިތުނަ އަލް ހިންދުސްތާން” (ބީ.އެލް.އޭ އަށް ސަރުކާރުން ބޭނުންކުރާ ނަމެއް) ކަމަށް ވިދާޅުވެ، މިކަމަށް އިންޑިއާއިން ވާގިވެރިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވެސް ވަނީ ހަނގުރާމަވެރިންގެ ރޭވުންތައް ނާކާމިޔާބު ކޮށްލުމުގައި ސަލާމަތީ ބާރުތަކުން ދެއްކި ހިތްވަރަށް ތަޢުރީފު ކުރައްވައި، ޓެރަރިޒަމް މުޅިން ފުހެލެވެންދެން ހަނގުރާމަ ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އިންޑިއާއިން މި ތުހުމަތުތަކަށް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
މި ޙަމަލާތަކުގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ ބައެއް މީހުން ރަހީނުކޮށްފައިވާ ކަމަށް ރިޕޯޓުތައް ލިބެމުންދާއިރު، މިހާރު ކުރިއަށްދާ ސަލާމަތީ އޮޕަރޭޝަނާ ގުޅިގެން އެ ސަރަޙައްދުގައި އިންޓަނެޓާއި ރޭލުގެ ޚިދުމަތްތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
