ބޭރުދުނިޔެ

ރަފަޙް ބޯޑަރު ސަރަޙައްދުގައި ބިރުވެރި އަދި ނުރައްކާތެރި ކަންތައްތަކެއް

ޣައްޒާގައި ބަންދުކޮށްފައި ތިބި އިސްރާއީލުގެ އަސީރުންގެ ތެރެއިން އެންމެ ފަހު މީހާގެ ހަށިގަނޑު ފެނުމާއި، މިޞްރާއި ގުޅޭ ރަފަޙް ބޯޑަރު އަލުން ހުޅުވަން އުޅޭތީ ސިޔާސީ ދާއިރާތަކުން އެކަމަށް މަރުޙަބާ ކިޔަމުން ދިޔަ ނަމަވެސް، އެ ސަރަހައްދުގެ ބިންމަތީގައި ހިނގަމުންދަނީ މާ ބިރުވެރި އަދި ނުރައްކާތެރި ކަންތައްތަކެކެވެ.

އިސްރާއީލުގެ އަސްކަރިއްޔާއަށް މިހާރުވެސް ލަފާދެއްވަމުން ގެންދަވާ، ރިޓަޔަރޑް ޖެނެރަލް އާމިރު އަވީވީ ހާމަކުރެއްވި ގޮތުގައި، އިސްރާއީލުން ދަނީ ރަފަޙްގެ ބޮޑު ސަރަހައްދެއް ސާފުކުރަމުންނެވެ. މިއީ ދެ އަހަރަށްވުރެ ގިނަ ދުވަސްވީ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި އިސްރާއީލުން ކުރިންވެސް ސުންނާފަތިކޮށްފައިވާ ސަރަހައްދެކެވެ. މި ސަރަހައްދުގައި ބޮޑު މަރުކަޒެއް ބިނާކުރުމުގެ މަގުސަދަކީ، ގާޒާގައި އިސްރާއީލުގެ އަސްކަރީ ބާރުވެރިކަމާއި ނުފޫޒު ދާއިމީ ގޮތެއްގައި ދެމެހެއްޓުމެވެ.

ރޮއިޓާސް ނިއުސް އެޖެންސީއަށް މަޢުލޫމާތު ދެއްވަމުން އަވީވީ ވިދާޅުވީ، މިއީ އެތައް ލައްކަ ބަޔަކު ބޭތިއްބޭ ފަދަ “އިންތިޒާމުވެފައިވާ ބޮޑު ކޭމްޕެއް” ކަމަށެވެ. އަދި މިތަނުން ވަދެ ނުކުމެވާ ފަލަސްޠީނުގެ ކޮންމެ މީހަކު ދެނެގަތުމަށްޓަކައި، މޫނު ވަކިކުރަން އެނގޭ ޓެކްނޮލޮޖީ (facial recognition) ހިމެނޭހެން ވަރުގަދަ ސަލާމަތީ ނިޒާމުތައް އެތަނުގައި ގާއިމުކުރެވޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

އަވީވީގެ މި ވާހަކަތަކަށް ބާރުދޭ ހެކިތަކެއް އަލްޖަޒީރާގެ ޑިޖިޓަލް އިންވެސްޓިގޭޝަން ޓީމުން ކުރި ދިރާސާތަކުން ވަނީ ފެނިފައެވެ. ސެޓެލައިޓް ފޮޓޯތަކުން ކަށަވަރުވާ ގޮތުގައި މި މަޝްރޫޢުގެ ބިންގާ އެޅުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ވަރަށް ބާރަށް ކުރިއަށެވެ.

ޑިސެމްބަރު 2 އިން ފެށިގެން މިދިޔަ ހޯމަ ދުވަހާ ހަމައަށް ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި، ރަފަޙްގެ ހުޅަނގު ފަރާތުގެ ގާތްގަނޑަކަށް 1.3 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ އެއްވަރުކޮށް ސާފުކޮށްފައެވެ. މި މަސައްކަތަކީ ހަމައެކަނި އިމާރާތްތަކުގެ ކުނިތައް ނެގުން ނޫން ކަމަށާއި، އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި ކުރިން ސުންނާފަތިވެފައިވާ ބިންތައް ވަރަށް ބޮޑަށް އެއްވަރުކުރުމުގެ މަސައްކަތް އެތަނުގައި ކުރިއަށްދާކަން ތަހުގީގަށް ވަނީ އެނގިފައެވެ.

މި ސަރަހައްދު އޮތީ އިސްރާއީލުގެ އަސްކަރީ ދެ މަރުކަޒެއްގެ ކައިރީގައެވެ. މީގެއިން ދޭހަވަނީ އަލަށް މި ހަދާ ކޭމްޕަކީ ސީދާ އަސްކަރިއްޔާގެ ބެލުމުގެ ދަށުން ހިންގާނެ ތަނެއް ކަމެވެ. ސެޓެލައިޓުން ފެންނަ ހެކިތަކުން ދޭހަވާ ގޮތުގައި، މިއީ އިންސާނީ އެހީ ފޯރުކޮށްދޭ ހިޔާވައްސަކަށްވުރެ ބޮޑަށް، ފަލަސްޠީނު ރައްޔިތުން ހިސާރުކޮށްގެން ބައިތިއްބާ “ބަންދު ކޭމްޕެއް” ފަދަ ތަނެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close