ބޭރުދުނިޔެ

އިސްރާއީލުން ލުބުނާނުގެ އެކި ސަރަޙައްދުތަކަށް ހަމަލާތަކެއްދީފި

އިސްރާއީލުން ލުބުނާނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީ، ދެ މީހަކު ޝަހީދުކޮށްލައިފިއެވެ. މިއީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހިޒްބުﷲ އާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޚިލާފުވަމުންދާ ދިއުމުގެ ތެރެއިން ހިންގި އަމަލެކެވެ.

ލުބުނާނުގެ ރަސްމީ ނިއުސް އެޖެންސީ (އެން.އެން.އޭ) އިން އާދީއްތަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ހަމަލާތައް އަމާޒުވެފައިވަނީ އިރުމަތީ ބިގާ ވާދީއަށާއި ލުބުނާނުގެ ދެކުނުގެ ބައެއް އަަށްތަކަށެވެ. މީގެ ތެރޭގައި ބޫސްލައިޔާ އަދި އައިތާ އަލް-ޝާބް ހިމެނެއެވެ. ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، ބިންތު ޖުބައިލް ޑިސްޓްރިކްޓްގެ ޚިރްބަތު ސަލްމްގައި ހުރި ގުދަނަކަށް ދިން ހަމަލާއެއްގައި މަދުވެގެން އެކަކު ޝަހީދުވެ، އިތުރު މީހަކަށް ވަނީ އަނިޔާވެފައެވެ.

އިސްރާއީލު ސިފައިން، އެއްވެސް ހެއްކެއް ދެއްކުމެއް ނެތި ދައުވާކުރާ ގޮތުގައި، އެ ހަމަލާ އަމާޒުކުރީ ހިޒްބުﷲގެ “ހަތިޔާރު އުފައްދާ މަރުކަޒަކަށް” ކަމަށެވެ.

އެން.އެން.އޭ އިން ރިޕޯޓްކުރި ގޮތުގައި، ދެކުނުގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ޓައިރްގެ އިރުމަތީގައި އޮންނަ ދަރުދަގައްޔާ އަށް ދިން ވަކި ހަމަލާއެއްގައި ވެސް އިތުރު މީހަކު ވަނީ ޝަހީދުވެފައެވެ. ލުބުނާނުގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ޝަހީދުވީ މުޙައްމަދު އަލް-ޙުސައިނީ ނަމަކަށް ކިޔާ ސްކޫލް ޓީޗަރެކެވެ.

މި ހަމަލާތައް ދީފައިވަނީ، ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ހިޒްބުﷲގެ ހަތިޔާރު އަތުލުމަށް އިސްރާއީލުން ބޮޑު ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތް ވަގުތެއްގައެވެ. އަދި ހިޒްބުﷲގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ އީރާނަށް، އެމެރިކާ އާއި އިސްރާއީލުން ހަމަލާދީފާނެ ކަމުގެ ފުރުސަތު އޮތް ދަނޑިވަޅެއްގައެވެ.

ލުބުނާނުގެ ސަރުކާރުން މި މަހުގެ ކުރީކޮޅު ބުނެފައިވަނީ، އިސްރާއީލުގެ ބޯޑަރާ 28 ކިލޯމީޓަރު (17 މޭލު) ދުރުގައި އޮންނަ ލިޓާނީ ކޯރުގެ ދެކުނުން އެ ޖަމާއަތުގެ ހަތިޔާރުތައް ނެގުމުގެ މަރުހަލާ މިހާރު ނިންމާލާފައިވާ ކަމަށެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުން އަދިވެސް ދަނީ ލުބުނާނުގެ ސަރަހައްދުގެ ތެރެއިން ފަސް ސަރަހައްދަކަށް ވެރިވެގަނެގެން ތިބެމުންނެވެ. މީގެ އިތުރުން އިސްރާއީލު ސިފައިން ވަނީ ބޯޑަރު ސަރަހައްދުގައި ހުރި ބައެއް އަަށް ބިމާ ހަމަކޮށް، އެ ތަންތަން އަލުން އާބާދުކުރުމަށް ހުރަސްއަޅައި، އެ އަަށްތަކުގެ ރައްޔިތުން އެނބުރި އައުން ހުއްޓުވާފައެވެ.

ނިމިދިޔަ އަހަރުގެ އޯގަސްޓް މަހު ލުބުނާނުގެ ސަރުކާރުން ވަނީ ހިޒްބުﷲގެ ހަތިޔާރު އަތުލުމުގެ ޕްލޭނެއް އެކުލަވާލުމަށް އެ ގައުމުގެ ސިފައިންނާ ހަވާލުކޮށް ގަރާރެއް ނެރެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close