ޚަބަރު

ލޭ ހަދިޔާކުރާ މިންވަރު ބޮޑުތަނުން މަދުވެއްޖެ، އަވަހަށް ލޭ ހަދިޔާކޮށްދެއްވާ: އެމްބީއެސް

ރާއްޖޭގައި ލޭ ހަދިޔާކުރާ މިންވަރު ބޮޑުތަނުން މަދުވެ، ލޭ ލިބުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާތީ، ވީ އެންމެ އަވަހަކަށް ލޭ ހަދިޔާކޮށްދިނުމަށް މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އިން އާންމުންގެ ކިބައިން އެދިއްޖެއެވެ.

އެމްބީއެސް އިން ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކޮށްފައިވާ ގޮތުގައި، މި ދުވަސްވަރު ލޭ ލިބުން ދަތިވުމުގެ ސަބަބުން ތެލެސީމިއާ ކުދިންނަށާއި އެ ކުދިންގެ ބެލެނިވެރިންނަށް ވަނީ ލޭ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ގަވާއިދުން ލޭ އަޅަންޖެހޭ ކުދިންނަށް ބޭނުންވާ މިންވަރަށް ސްޓޮކްގައި ލޭ ނެތުމަކީ އެ ކުދިންގެ ސިއްހަތަށް އޮތް ނުރައްކަލެއްކަން އެމްބީއެސް އިން ފާހަގަކުރެއެވެ.

މި ވަގުތު ހާއްސަކޮށް ބޭނުންވެފައިވާ ލޭގެ ގްރޫޕްތަކުގެ ތެރޭގައި އޭ ޕޮޒިޓިވް، އޯ ޕޮޒިޓިވް، ބީ ޕޮޒިޓިވް އަދި އޭބީ ޕޮޒިޓިވް ހިމެނެއެވެ. މީގެ އިތުރުން ނެގެޓިވް ގްރޫޕްތަކުގެ ތެރެއިން ބީ ނެގެޓިވް އަދި އޭބީ ނެގެޓިވް ލޭ ހަދިޔާކުރުމަށްވެސް އެ އިދާރާއިން ވަނީ އެދިފައެވެ.

ލޭ ހަދިޔާކުރާ މިންވަރު މަދުވާ ދަނޑިވަޅުތަކުގައި އެމްބީއެސް އިން ދޭތެރެދޭތެރެއިން އާންމުންގެ އެހީތެރިކަމަށް އެދެމުންދެއެވެ. ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން މޯލްޑިވްސް ބްލަޑް ސާވިސްއަށް ވަޑައިގެން ލޭ ހަދިޔާކުރެއްވުމަކީ ތެލެސީމިއާ ކުދިންގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް އެމްބީއެސް އިން ބުނެއެވެ.

އެހެންކަމުން، ސިއްހަތު ސަލާމަތުން ހުރި ކޮންމެ މީހަކީވެސް ލޭ ހަދިޔާކޮށް، އިންސާނީ މި މަތިވެރި ޚިދުމަތުގައި ބައިވެރިވާނެ މީހަކަށް ވުމަށް އެމްބީއެސް އިން ވަނީ ބާރުއަޅާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close