ބޮޑު ދަޢުވާއެއް އުފުލާފައިވާ މަޑުއްވަރީ މިސްކިތެއްގެ މުދިމްގެ ދިފާޢުގައި އެރަށު ކައުންސިލުން ބަޔާނެއް ނެރެފި
- ބަންދުކުރީ ކުޑަކުދިންތަކެއްލައްވާ ބަންގި ގޮވާ ނަމާދުކުރުވައި، އެކުދިންނަށް ނަޞޭޙަތްދީ، ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ތުހުމަތުގައި
- އުފުލާފައިވާ ދަޢުވާއަކީ ޓެރަސްރިސްޓު ޖަމާޢަތަކަށް ތާޢީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ފޮޓޯއެއް ގެންގުޅުނުކަމުގެ ދަޢުވާ
- ބަންދުކުރިތާ ދެމަސްފަހުންވަނީ ޝަރުޠުތަކަކާއިއެކު ދޫކޮށްލާފައި
- މިހާރު ކުރިޔަށްދަނީ އުފުލާފައިވާ ދަޢުވާގެ ޝަރީޢަތް
- މައުޖޫދަކީ ހަރުކަށި ފިކުރުގެ އެއްވެސް ސިފައެއް ހުންނަ މީހެއް ނޫންކަން ކައުންސިލުން ބުނޭ
- ދީނީ ކަންކަމުގައި ކައުންސިލަށް މައުޖޫދުގެ ފަރާތުން ނުހަނު ބޮޑު އެއްބާރުލުމަކާއި އެހީތެރިކަން ލިބޭކަމަށް ކައުންސިލުން ބުނޭ
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ (ރ.މަޑުއްވަރީ) މަސްޖިދުލް އަމާނާގެ މުދިމް މުޙައްމަދު މައުޖޫދު ވަޒީފާއިން ވަކިކޮށްފައިވާތީ، އެކަމާއި ގުޅިގެން މަޑުއްވަރީ ކައުންސިލުން ބަޔާނެއް ނެރެފިއެވެ.
އެކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވާގޮތުން މުދިމް މުޙައްމަދު މައުޖޫދު ހައްޔަރުކޮށްފައިވަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން މަޑުއްވަރީގައި އުޅޭކަމަށްބުނެ ސަލާމަތީ ބާރުތަކުން 2019 ވަނަ އަހަރުގެ ފަހުކޮޅު އެރަށުގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގައި 2020 ވަނަ އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައެވެ.
އޭނާ ބަންދުކޮށްފައިވަނީ، ކުޑަކުދިންތަކެއް ލައްވާ ބަންގިގޮވާ ނަމާދުކުރުވައި، އެކުދިންނަށް ނަޞޭޙަތްދީ، ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ތުހުމަތުގައި ކަމަށް އެ ބަޔާނުގައި މުޙައްމަދު މައުޖޫދު އާއި ހަވާލާދީ އެ ކައުންސިލުން ބުނެފައިވެއެވެ.
އެހެންނަމަވެސް ދަޢުލަތުން މައުޖޫދު އާއި ދެކޮޅަށް އުފުލާފައިވަނީ، ތުހުމަތުކުރި މައްސަލައިގެ ދަޢުވާއެއް ނޫންކަމަށާއި ދަޢުލަތުން ކޮށްފައިވާ ދަޢުވާއަކީ ޓެރަރިސްޓު ޖަމާޢަތަކަށް ތާޢީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ފޮޓޯއެއް ގެންގުޅުނު ކަމުގެ ދަޢުވާކަމަށް ކައުންސިލުގެ އެ ބަޔާނުގައިވެއެވެ. އަދި މައުޖޫދު ހައްޔަރުކުރިތާ ދެމަހެއްހާ ދުވަސްފަހުން އޭނާވަނީ ޝަރުޠުތަކަކާއިއެކު ބަންދުން ދޫކޮށްލާފައިކަމަށާއި އިސްލާމިކް މިނިސްޓްރީން ވަނީ އޭނާ ވަޒީފާއަށް ނެރުމަށާއި ބަންދުގައި ހުރި ދުވަސްތަކަށް މުސާރަ ދިނުމަށްވެސް އަންގާފައިކަމަށް އެކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މުޙައްމަދު މައުޖޫދު ވަޒީފާއިން ވަކިކޮށްފައިވަނީ ދިވެހި ސިވިލް ސާރވިސް ޤަވާޢިދު 2014 ގެ 271 ވަނަ މާއްދާގެ (ނ) ގެ 18 ވަނަ ނަންބަރުގެ ދަށުން (ޤާނުނެއްގެ ދަށުން އެޤާނުނެއްގެ ބެލެނިވެރިކަން ލިބިފައިވާ ފަރާތުން ކުރާ ތަޙްޤީޤަކުން މުވައްޒަފު ކުށެއްކޮށްފައިވާކަން ސާބިތުވުން) ކަމުގައި ބަޔާންކޮށްފައިވާކަމަށާއި އެހެންނަމަވެސް މިމައްސަލައަކީ މިހާރުވެސް ޝަރީޢަތުގައި ހިނގަމުންދާ މައްސައަކަށްވެފައި، މައުޖޫދާއި ދެކޮޅަށް ޝަރީޢަތުގައި އެއްވެސްކަމެއް ސާބިތުވެގެން ޙުކުމެއް ކޮށްފައިވާކަން އަދި މިހާތަނަށް އެ ކައުންސިލަށް އެނގިފައިނުވާކަންވެސްވަނީ އެ ކައުންސިލުން ނެރުނު ނަންބަރު: (PR)308/2021/5 ބަޔާނުގައި ބުނެފައެވެ.
އެ ކައުންސިލުން މައުޖޫދުގެ ދިފާޢުގައި ނެރެފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، 2020 ވަނަ އަހަރުގެ އޯގަސްޓުމަހުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީންވަނީ މައްސަލައާއިމެދު ޖަވާބުދާރީވުމަށް 5 ދުވަހުގެ މުއްދަތެއް މައުޖޫދަށް ދީފައިކަމަށާއި އެ މުއްދަތުގެ ތެރޭގައި ވަރަށް ތަފްޞީލުކޮށް ކަންހިނގާދިޔަގޮތް ބަޔާންކޮށް މައުޖޫދު ޖަވާބުދީފައިވާކަމަށާއި އޭގެފަހުން ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު ފޮނުވުމާއި ހަމައަށް އެއްވެސް އިތުރު މުޢާމަލާތެއް މައުޖޫދުއާއި ކޮށްފައި ނުވާކަމަށެވެ.
އެކައުންސިލުގެ ބަޔާނުން ދޭހަވާގޮތުގައި 2020 ވަނަ އަހަރުގެ ނޮވެމްބަރުމަހު އިސްލާމިކް މިނިސްޓްރީގެ ފަރާތުންވަނީ އެ ކައުންސިލް މެދުވެރިކޮށް މައުޖޫދުގެ މަޢުލޫމާތުތަކެއް ހޯދާފައެވެ. އެގޮތުން މައުޖޫދު ބަންދުން ދޫކޮށްލިފަހުން އޭނާގެ އުޅުމާއި ގުޅުން ހުރިނެތްގޮތާއި އޭނާގެ އުޅުން އިސްލާޙުކޮށްފައިވޭތޯ އާއި ތުހުމަތުކޮށްފައިވާ މައްސަލައާއިގުޅުންހުރި އެއްވެސް ކަމެއް އޭނާ ކުރާކަން ފާހަގަވާނަމަ އެކަން އަންގައިދިނުމަށްވަނީ އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައިވާކަމަށް އެ ބަޔާނުގައިވެއެވެ.
އޭގެ ޖަވާބުގައި، މައުޖޫދު އެފަދަ އެއްވެސްކަމެއް ބަންދުކުރުމުގެ ކުރިންވެސް އަދި ފަހުންވެސް ކޮށްފައިވާކަން އެ ކައުންސިލަށް އެނގިފައިނުވާކަމާއި، އޭނާއަކީ ރަށުގައި ބަންގިގޮވާ އިމާމުވެ ނަމާދު ކުރާނެ މީހަކު ނެތިދިޔަ ދަނޑިވަޅެއްގައި، މިމަޤާމާއި ޙަވާލުވެ މަސައްކަތްކުރަން ފެށި ފަރާތެއްކަމާއި، ރަށުގައި މަރުވާ މީހުން ހިނެއުމާއި ކަށުކަމާކެމީގެ ކަންކަމުގައި ކައުންސިލުން އެދުނު ކޮންމެ ފަހަރެއްގައި އެކަން ކުރުމުގައި އެންމެ އިސްސަފުގައި މައުޖޫދު ހުންނަކަމަށާއި ޖެހިޖެހިގެން ގިނަ ހަފްތާތަކެއްގައި ހުކުރު ކުރަން އެދުނު ކަމުގައިވީނަމަވެސް އެއްވެސް ޝަކުވާއެއްނެތި ކައުންސިލުން އެދުނު ކޮންމެ ފަހަރަކު އެކަން ކޮށްދީފައިވާކަން ބަޔާންކޮށް އިސްލާމިކް މިނިސްޓްރީއަށް އަންގާފައިވާނެކަމަށާއި އޭގެ އިތުރުންވެސް އޭނާއަކީ ރަށުގައި ކުރިޔަށްގެންދާ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތްތަކުގައާއި، ވަކިން ޚާއްޞަކޮށް މިސްކިތްތަކުގައި ބޭއްވޭ ދަރުސްތައް އިންތިޒާމުކުރުމުގައި، އިސްލާމިކް މިނިސްޓްރީގެ ޓީމްތަކަށާއި ކައުންސިލަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދިން ފަރާތަކީވެސް މައުޖޫދުކަން ފާހަގަކޮށްފައިވާނެކަން އެ ކައުންސިލުގެ ބަޔާނުގައިވެއެވެ.
ދީނީ ހަރުކަށި ފިކުރުގެ މީހަކުނަމަ އެފަދަ ކަންކަން ކުރުމަށް އެއްބާރުލުން ނުދޭނެކަމަށާއި އޭގެ ބަދަލުގައި މައުޖޫދު ފާހަގަކުރެވިފައިވަނީ މިސްކިތުގެ ޖަމާޢަތަށް މީހުން ގެންދިއުމަށް ބާރުއަޅާ ފަރާތެއްކަމަށާއި ޓެރަރިޒަމަށް ހިތްވަރުލިބޭ އަދި ހިތްވަރުދޭ އެއްވެސް ޢަމަލެއް މައުޖޫދުގެ ފަރާތުން ފާހަގަވެފައި ނުވާކަމަށާއި އޭނާއަކީ މާތް ނަބިއްޔާގެ ސުންނަތަށް ޢަމަލުކުރުމަށް ގަދައަޅާ މަސައްކަތްކުރާ ފަރާތެއްކަން އެކައުންސިލުގެ ބަޔާނުގައިވަނީ ބުނެފައެވެ.
ކައުންސިލުގެ ފަރާތުން ރިޢާޔަތްކުރި އެއްވެސް ކަމަކަށް ރިޢާޔަތްކުރުމެއްނެތި، މައްސަލައަށް މައުޖޫދު ޖަވާބުދާރީވީތާ އަހަރެއްހާ ދުވަސްފަހުން، އަދި އެ ކައުންސިލުގެ ފަރާތުން މަޢުލޫމާތު ހޯދިތާ 9 މަސްފަހުން މައުޖޫދަށް އިތުރު ނޯޓިސްއެއްނުދީ އެ ކައުންސިލަށް އެއްވެސް މަޢުލޫމާތެއް ޙިއްޞާނުކޮށް ޗިޓް ފޮނުވުމަކީ އެކައުންސިލުން ނުހަނު ކަންބޮޑުވާކަމެއްކަންވަނީ ބަޔާނުގައި ބުނެފައެވެ.
ކައުންސިލުގެ ބަޔާން ނިންމާލައިފައިވަނީ މައުޖޫދުގެ ފަރާތުން މަޑުއްވަރީ ކައުންސިލަށާއި މަޑުއްވަރީގެ ރައްޔިތުންނަށް ފޯރުކޮށްދީފައިވާ އަގުހުރި ޚިދުމަތްތަކަށާއި ވަޒީގެ މަސްޢޫލިއްޔަތުގެ ތެރެއިންކޮށްދީފައިވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ކައުންސިލުގެ ނަމުގައާއި ރައްޔިތުންގެ ނަމުގައި ޝުކުރުއަދާކޮށްފައެވެ.




ހިންދޫންނާއި އެފަދަ މުސްލިމުންނާ ދެކޮޅު މީހުންކައިރިން ހަރުކަށި ފިކުރަކީ ކޮބައިކަން ކިޔަވައިގެން މިއަންނަނީ ބައެއް މީހުން. އައިސް މިބުނަނީ 5 ނަމާދު ބަރާބަރަށް ވަގްތުން ވަގްތަށް އަދާކުރަންޏާ އެއީ ހަރުކަށިފިކުރުގެ އަލާމާތެކޭ.
2 ނަމާދުކޮށް ތިންނަމާދުއަޅާފައި އުޅެންޏާ މެދުމިނުގެ މުސްލިމެކޭ.
ނަމާދުތަށް އަޅާފައި މިނިވަންކަމާއެކު, ބިރެއްނެތި މަޖާކުރަންޏާ އެއީ ޒަމާނީ ބަރާބަރު މުސްލިމެކޭ.
އެހެންވީމާ. މި މީހުން ގާތުގަ މާތް ނަބިއްޔާ ޞ ވެސް ހަރުކަށިވެދާނެ.