މާތް ރަސޫލާ އަށް ބަދުބަސް ބުނާ މީހަކީ މުރުތައްދުވެފައިވާ މީހެއް – ޝައިޚް އިލްޔާސް ޙުސައިން
އަހަރެމެންގެ މާތް ނަބިއްޔާ، ކީރިތި ރަސޫލާ صلى الله عليه وسلم އަށް ބަދުބަސް ބުނާ މީހަކީ މުރުތައްދުވެފައިވާ މީހެއްކަމަށް ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
ޝައިހް އިލްޔާސް ޙުސައިން މިހެން ވިދާޅުވީ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ) ކީރިތި ރަސޫލާ صلى الله عليه وسلم އަށް ބަދުބަސް ބުނެ ޓްވީޓްތަކެއް ކޮށްފައި ވަނިކޮށެވެ.
ޝައިޚް އިލްޔާސް ޙުސައިން ވިދާޅުވީ ކީރިތި ރަސޫލާ صلى الله عليه وسلم ބަދުބަސް ބުނުމަކީ މުސްލިމުންގެ ލެޔާއި ކުޅުން ކަމަށެވެ.
“ކަމާ ބެހޭ މުއައްސަސާތަކުން ފިޔަވަޅު އެޅުމަކީ އެފަރާތްތަކުގެ ޒިންމާއެއް. އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު ނޭޅުމަކީ މުޖުތަމަޢުގެ އަމާންކަން ގެއްލޭނެ ކަމެއް” ޝައިޚް އިލްޔާސް ޙުސައިން ވިދާޅުވިއެވެ.
އިބްރާ އިއްޔެ ކުރި ޓްވީޓެއްގައި ބުނީ ރަސޫލާ ޞައްލަﷲ އަލައިޙި ވަސައްލަމްއަކީ އަމާނާތްތެރި ބޭކަލެއް ނޫންކަމަށާއި، މާތް ﷲ ވަހީ ކުރެއްވި ބައެއް ބަސްފުޅުތައް ރަސޫލާ ޞައްލަﷲ އަލައިޙި ވަސައްލަމް ފާޅު ނުކުރައްވާކަށެވެ.
އިބުރާ މިފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވާ އިރު، ،ރަސޫލާއަކީ އެކަލޭގެފާނުގެ އަމާނާތްތެރިކަމުގެ ސަބަބުން ޣައިރު މުސްލިމުންގެ މެދުގައިވެސް “އަލް އަމީން” ގެ ނަމުން މަޝްހޫރުވެވަޑައިގެންނެވި ބޭކަލެކެވެ.
މީގެ އިތުރުން އިބުރާ ވަނީ ޚުލަފާއުއްރާޝިދޫންގެ ދެވަނަ ޚަލީފާ، ޢުމަރުގެފާނަށްވެސް އެއްވެސް އިޙުތިރާމެއް ނެތި މިއަދުގެ ޓްވީޓުގައި ވާހަކަ ދައްކާފައެވެ.
އިބުރާގެ ވާހަކަތައް ހައްދުފަހަނައަޅައި ގޮސްފައި ވާއިރު އިބްރާގެ ވާހަކަތައް ތަޙްޤީޤު ކުރުމުގައި އެއްވެސް މުއައްސަސާއަކުން ތެދުވެފައެއް ނުވެއެވެ.


ކީކޭބާ މި ވިދާޅުވަނީ. މިވެރިކަން ގެނައީ މި ބޭފުޅުން. މިބޭފުޅުން ޒިންމާ ނަންގަވަންޖެހޭ. މިކަހަލަ ވެރިކަމެއް ގެންނަ އިރުވެސް އެނގިވަޑައިގަންނަވާނެ މިގެނެވެނީ ލާދީނީ ބައެއްކަން…….