ފުލުހުންގެ އަމަލުތައް ގާނޫނާ ޚިލާފްކަމަށް ޑރ.ޖަމީލު ވިދާޅުވެއްޖެ
ފުލުހުންގެ ޢަމަލުތައް ޤާނޫނާ ޚިލާފް ކަމަށާއި އެ އަމަލުތަކަށް ޖަވާބުދާރީވާންޖެހޭ ވަގުތު އަންނާނެ ކަމަށް ރައީސް ޔާމީން ސަރުކާރުގެ ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.
ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މިއަދުގެ އިދިކޮޅު އިޙްތިޖާޖުން ހައްޔަރުކުރެވުނު އިދިކޮޅުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަދި އެންމެހާ ޒުވާނުން ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ
“އަނިޔާކުރުން ހުއްޓާލާ. ފުލުހުންގެ ޢަމަލުތައް ޤާނޫނާ ޚިލާފް. ޖަވާބުދާރީވާންޖެހޭ ވަގުތު އަންނާނެކަން ޔަޤީން” ޖަމީލު ވިދާޅުވިއެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީން “ކޮބާ މަގޭ ފްލެޓް” ނަމުގައި މުޒާހަރާ ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުން ދަނިކޮށް ގިނަ ޢަދަދެއްގެ ފުލުހުން ޕީޕީއެމްގެ އޮފީސް ކުރިމަތީ އޮފީހަށް މީހުން ވަދެ ނިކުމެ ނޫޅެވޭގޮތަށް ވަނީ ބަންދުކޮށްފައެވެ. އަދި މުޒާހަރާގެ ތެރެއިން ވަނީ ގިނަ ޢަދަދެއްގެ އިދިކޮޅުގެ އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނާއި، ޢާންމުން ހައްޔަރުކޮށްފައެވެ. އަދި ފުލުހުންގެ ޢަމަލުތަކުން ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއްވެސް ވެފައިވެއެވެ.

