ޚަބަރު

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ އައު ޤާނޫނަށް ޢަމަލުކުރަން ފަށަނީ

20 ނޮވެންބަރު 2019ވީ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވި ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)އަށް ޢަމަލުކުރަން މާދަމާ ފަށާނެކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ހާމަކުރައްވައިފިއެވެ.

އެ މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ 20 ފެބުރުވަރީ 2020 ވަނަދުވަހު (މިއަދު) އެޤާނޫނަށް ޢަމަލު ކުރަން ފަށާނެކަމަށެވެ. މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ޤާނޫނުއަސާސީއާއި ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ ކަށަވަރުކޮށްދިނުން ހިމެނޭކަމުގައެވެ. އަދި ކުޑަކުދިންނަށް އަޅައިލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައްޔާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ޢާއިލާއާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުޖުތަމަޢާއި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި، އިޖުތިމާޢީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެ ކުދިންގެ ޢާއިލާތަކަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ވެސް މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

މި ޤާނޫނުގައި ކުޑަކުދިންނަށް އަޅައިލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޓަކައި، ޤައުމީ ނިޒާމެއް ޤާއިމުކޮށް، އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެ ކުދިންގެ ޢާއިލާތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާއި، ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެންދިޔުމާއި، ކުޑަކުދިން ފޮސްޓަރކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމާއި، ކުޑަކުދިންނަށް އަޅައިނުލާ ފަރާތްތަކާއި އެ ކުދިންނާމެދު އިހުމާލުވާ ފަރާތްތަކާއި، އެ ކުދިންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި، އެ ކުދިންނަށް ގޯނާކުރާ ފަރާތްތަކާއި، އެ ކުދިންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން ފަދަ ކަންކަން ވެސް މިޤާނޫނުގައި ހިމެނޭނެކަމަށް އެބަޔާނުގައިވެއެވެ.

އަދި މި ނޫން ވެސް ކުޑަކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ކުށް ކަނޑައަޅައި، ޤާނޫނުގެ ދަށުން ޖިނާއީ ދަޢުވާކުރުން ނުވަތަ ޤާނޫނުން ބާރު ލިބިގެން ހަދާ ގަވާއިދުގެ ދަށުން އިދާރީ ފިޔަވަޅުއެޅުން ވެސް ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ޖެންޑަރ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އެބަޔާނުގައިވަނީ މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، 30 (ތިރީސް) ދުވަހުގެ ތެރޭގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އެހީތެރިކަމާއި އަޅައިލުން ބޭނުންވެފައިވާ ކުދިންގެ މަޞްލަހަތު ޙިމާޔަތްކުރުމަށް ޓަކައި ޚާއްޞަވެގެން މަސައްކަތްކުރާނެ އިދާރާއެއް “ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް”ގެ ނަމުގައި އުފެއްދުމަށާއި، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ކައުންސިލް އުފެއްދުން ލާޒިމުކުރާ ކަމަށެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އޮމްބަޑްސްޕަރސަން ޢައްޔަންކުރަން ލާޒިމުކުރާކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އިސްވެ ބަޔާންކުރެވުނު ކަންކަމުގެ އިތުރުން ޤާނޫނާ ގުޅިގެން އިޞްލާޙުކޮށް އެކުލަވައިލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހަދައި، ޤާނޫނަށް ޢަމަލުކުރަން ފަށާތާ 6 (ހައެއް) މަސް ދުވަސް ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހޭކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އެހެން ނަމަވެސް، މިނިސްޓްރީގެ މަޤްޞަދަކީ ބަޔާންކުރެވުނު ތާރީޚުތަކުގެ ކުރިން ޤާނޫނުގައިވާ ކަންކަން ހާސިލުކުރުމަށް މަސައްކަތްކޮށް، އެ ކަންކަން ވީ އެންމެ އަވަސް ފުރުޞަތެއްގައި ފުރިހަމަކުރުން ކަމަށްވެސް މިއަދު ނެރުނު އެ ބަޔާނުގައި ބުނެފައިވެއެވެ.

[embeddoc url=”https://naares.com/wp-content/uploads/2020/02/09-Press-Statement-on-Child-Rights-Act.pdf” download=”all”]

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close