ވިލިމާލޭގައި ޗައިނާގެ އެހީގައި އަޅާ ޓާޝަރީ ހޮސްޕިޓަލުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ވިލިމާލޭގައި 112 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ބިނާކުރުމުގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ޖަނަވަރީ މަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ހަމަޖެހިގެންދިޔަ މުހިންމު މަޝްރޫއެކެވެ.
ޖުމްލަ 12,890 އަކަމީޓަރުގެ ސަރަހައްދެއްގައި ގާއިމުކުރާ މި ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް އިކުއިޕްމެންޓާއި ފަރުނީޗަރުވެސް ފޯރުކޮށްދޭނީ ޗައިނާ ސަރުކާރުންނެވެ. މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީޒްތައް މިހާރު ނިމިފައިވާއިރު، ބީލަމުގެ އުސޫލުން ކޮންޓްރެކްޓަރެއް ކަނޑައެޅުމަށްފަހު، މިއަހަރުގެ ތިންވަނަ ކުއާޓާގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. މި ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް، ކުއްލި ފަރުވާ، އަދި ޒަމާނީ ފެންވަރުގެ މެޑިކަލް ވޯޑުތައް ހިމެނޭނެއެވެ.
މިނިސްޓަރު މުއްޠަލިބު ވިދާޅުވި ގޮތުގައި މި މަޝްރޫއަކީ ރައީސް މުޢިއްޒުގެ ވައުދުފުޅުތަކުގެ ތެރެއިން ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. ރައީސް ގެންގުޅުއްވާ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ޗައިނާއާ އޮންނަ ގުޅުން އިތުރަށް ބަދަހިވެ، މާލޭގެ މަގުތައް ހެދުމާއި ދަރަނި އަދާކުރުމުގައި ލުއިތައް ހޯދުން ފަދަ ގިނަ އެހީތަކެއް އެ ގައުމުން ރާއްޖެއަށް ފޯރުކޮށްދެމުންދާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.


