ޚަބަރު

ގައުމީ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދުމަށް ބޭއްވި އިންޓަވިއުއަށް ބޮޑު ތަރުހީބެއް

ސަރުކާރުން އަލަށް ތައާރަފުކުރާ ގައުމީ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް މިއަދު މާލޭގައި ކުރިއަށްގެންދިޔަ ވޯކް-އިން-އިންޓަވިއުގައި 269 މީހުންނާ ވަނީ އިންޓަވިއުކޮށްފައެވެ.

މާފަންނު ބަސް ޓާމިނަލުގައި ހެނދުނުން ފެށިގެން އިރުއޮއްސުމާ ހަމައަށް ކުރިއަށްދިޔަ މި ހަރަކާތަކީ މާލެ ސަރަހައްދުގެ ޓެކްސީގެ ހިދުމަތަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފައްޓަވާފައިވާ މަސައްކަތެކެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 407 ޑްރައިވަރުން ހޯދުމަށް އެމްޓީސީސީން ވަނީ އިއުލާނުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލްޓައިމްކޮށް މަސައްކަތްކުރާނެ 285 ޑްރައިވަރުންނާއި ޕާޓްޓައިމް 122 ޑްރައިވަރުންނެވެ. ޑްރައިވަރުން ހޮވުމުގައި މިހާރުވެސް މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް އެމްޓީސީސީން ބުނެފައިވާއިރު، މިއަދުގެ އިންޓަވިއުތަކުގައި ގިނަ އަދަދެއްގެ ޒުވާނުންނާއި ތަޖުރިބާކާރު ޑްރައިވަރުން ވަނީ ބައިވެރިވެފައެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މި ހިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތަކެއް ކަމަށާއި، ހިދުމަތް ދޭނީ “އޫބާ” ފަދަ ޒަމާނީ އެޕްލިކޭޝަނެއް މެދުވެރިކޮށް 24 ގަޑިއިރު އިތުބާރު ހިފޭ ގޮތަށް ކަމަށެވެ. ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް އުޅަނދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ނިމި، ހިދުމަތް ފެށުމުގެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close