ޚަބަރު

ރޭ މެންދަމުން ފެށިގެން މިއަދު އިރުއޮއްސުމާ ހަމައަށް 101 މީހަކު ފައްސިވެއްޖެ

ރޭ މެންދަމުން ފެށިގެން މިއަދު އިރުއޮއްސުމާ ހަމައަށް 101 މީހަކު ރާއްޖެއިން ކޮވިޑަށް ފައްސިވެއްޖެއެވެ.  

މިރޭބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ތިން ލެބޯޓްރީއަކުން ކޮވިޑް-19 އަށް މީހުން ޓެސްޓް ކުރަމުން ގެންދާ ކަމަށެވެ.

މިއަދު ރާއްޖެ އިން ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1783 އަށް އަރާފައެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ގިނައީ އެކި ކްލަސްޓާތަކާއި ގުޅުން ހުރި މީހުންކަމަށެވެ. އެގޮތުން މިއަދު ފައްސިވި 101 މީހުންގެ ތެރެއިން 79 މީހުނަކީ ބިދޭސީންކަމަށާއި، އެއީ އެއްތަނެއްގައި ތިބި، ކުރީގެ ކްލަސްޓާއަކާއި ގުޅުންހުރި މީހުން ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން ކްލަސްޓާސްތަކާއި ގުޅުންހުރި ހަތް ދިވެހިން ހިމެނެއެވެ. އަދި ކްލަސްޓާސްއަކާއި ގުޅުންނެތް އެއް ދިވެއްސަކު މިއަދު ފައްސިވެފައި ވެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން ކްލަސްޓާއަކާއި ގުޅުމެއް ނެތް ތިބީ ޖުމްލަ ދެމީހުންނެވެ.

ޑރ.އަފްޒަލް ވިދާޅުވީ މިއަދު ފައްސިވި މީހުންގެ އަދަދު އިތުރުވި ނަމަވެސް މާލޭގެ ފުރަބަންދަށް ދީފައިވާ ލުއިތައް ހަރުކަށި ކުރަން ޖެހޭ ކަމަށް އަދި ގަބޫލު ނުކުރެވޭ ކަމަށާއި، އެހެންކަމުން އަދިވެސް ފުރަބަންދަށް ދީފައިވާ ލުއިތައް އެގޮތުގައި ދެމިއޮންނާނެ ކަމަށެވެ. ނަމަވެސް ހާލަތު ބަދަލުވެއްޖެނަމަ އެނިންމުމަށް ބަދަލު އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close