ރާއްޖެއިން މިއަދު 1209 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ރާއްޖޭގައި އަނެއްކާވެސް ކޮވިޑް 19 ހަލުވިކަމާއެކު ފެތުރެމުންގޮސް މިއަދު ރާއްޖެ އިން އިތުރު 1209 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިއަދު އެކަނިވެސް މާލެ ސިޓީން 575 މީހުން ފައްސިވިއެވެ. އޭގެ އިތުރުން އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްރަށުން މިއަދު 408 މީހުނާއި ރިސޯޓްތަކުން 155 މީހުންނާއި ސަފާރީތަކުން ހަތަރު މީހުން މިއަދު ފައްސިވެފައިވެއެވެ.
އެޗްޕީއޭއިން މިރޭ ހާމަކުރި މަޢުލޫމާތު ތަކަށް ބަލާއިރު ކޮވިޑަށް ޓެސްޓް ކުރީ 5061 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %23.89 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.
ރާއްޖޭގެ ސްކޫލުތަކުގައި މިއަދު ކިޔަވަންފަށާފައިވާއިރު މާލޭގެ ސްކޫލުތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ 2 ދުވަހުއެވެ.
ގިނަ ޢާންމުން ބުނަމުންދާ ގޮތުގައި މިހާބޮޑަށް ބަލި ފެތުރެމުން މިދަނީ އާ އަހަރާއި ދިމާކޮށް އެތައްބަޔަކު އެއްވެ އުޅުމުގެ ސަބަބުންނާއި ގިނަ މީހުން އެއްވާ ކަހަލަ ޙަރަކާތްތައް މާލެއާއި އެކިއެކި ރަށްރަށުގައިވެސް ބަލާލުމެއް ނެތި ބޭއްވުމުގެ ސަބަބުންނެވެ.
މިކަމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އެޗް.ޕީ.އޭ އަށާއި ޚާއްޞަކޮށް ސަރުކާރަށްވަނީ އަމާޒުވެފައެވެ.




