ބޭރުދުނިޔެ

ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު މަޗާޑޯ އޭނާއަށް ލިބިވަޑައިގަތް ނޯބެލް މެޑަލް ޓްރަމްޕަށް ހަދިޔާކުރައްވައިފި

ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު މާރިއާ ކޮރީނާ މަޗާޑޯ، އޭނާއަށް ލިބިވަޑައިގެންފައިވާ ނޯބެލް ސުލްހައިގެ އިނާމުގެ މެޑަލް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހަދިޔާކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި މަޗާޑޯ މި މެޑަލް ޓްރަމްޕަށް އެރުވީ، ވެނެޒުއޭލާގެ ސިޔާސީ މުސްތަގުބަލާ މެދު ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކަށް ނުފޫޒު ފޯރުވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިންނެވެ. ޓްރަމްޕް ވަނީ އެ މެޑަލް ގަބޫލުފުޅުކުރައްވައި، އެއީ މަޗާޑޯ ކުރެއްވި ވަރަށް ފުރިހަމަ އިޝާރާތެއް ކަމަށް ވިދާޅުވެފައެވެ.

މަޗާޑޯ މި މެޑަލް ޓްރަމްޕަށް އެރުވި ނަމަވެސް، ނޯބެލް އިންސްޓިޓިއުޓުން ބުނެފައިވަނީ ނޯބެލް އިނާމަކީ އެހެން މީހަކަށް ބަދަލުކުރެވޭނެ ނުވަތަ ދެވޭނެ އެއްޗެއް ނޫން ކަމަށެވެ. އެހެންކަމުން ރަސްމީ ހައިސިއްޔަތުން އެ އިނާމު އަދިވެސް ނިސްބަތްވާނީ މަޗާޑޯއަށެވެ.

މަޗާޑޯއާ ބައްދަލުކުރެއްވި ނަމަވެސް، ރައީސް ޓްރަމްޕް ވަނީ ވެނެޒުއޭލާގެ މިހާރުގެ އިންތިގާލީ ރައީސާ ޑެލްސީ ރޮޑްރިގޭޒަށް ތައުރީފު ކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާގެ އެންމެ ބޮޑު އިސްކަމެއް އޮތީ ވެނެޒުއޭލާގައި ޑިމޮކްރަސީ ގާއިމުކުރުމަށްވުރެ ބޮޑަށް، އެގައުމުގެ ތެލުގެ ވަސީލަތްތައް އެމެރިކާއަށް ލިބޭނެ ގޮތް ހެދުމަށާއި އެގައުމުގެ އިގްތިސާދު އާރާސްތުކުރުމަށެވެ.

ވައިޓް ހައުސްއިން ބުނި ގޮތުގައި، ވެނެޒުއޭލާގެ ވެރިކަމަށް މަޗާޑޯ ގެނައުމަކީ މިވަގުތަށް “ހަގީގަތާ އެއްގޮތް” ކަމެއް ނޫނެވެ. ސަބަބަކީ އެގައުމުގެ ވެރިކަން ކުރުމަށް ބޭނުންވާ ސަޕޯޓް މިވަގުތު މަޗާޑޯއަށް ނެތް ކަމަށް ޓްރަމްޕް ގަބޫލުކުރައްވާތީއެވެ.

ވެނެޒުއޭލާގެ ކުރީގެ ރައީސް ނިކޮލަސް މަޑޫރޯ އެމެރިކާގެ ސިފައިން އަތުލައިގަތުމާ ގުޅިގެން، މިހާރު އެގައުމުގެ ވެރިކަމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވީ ޑެލްސީ ރޮޑްރިގޭޒެވެ. މަޗާޑޯ ވަނީ މިދިޔަ ޑިސެމްބަރު މަހު ކަނޑުމަގުން ފިލައިގެން އެމެރިކާއަށް ގޮސްފައެވެ. އޭނާ މަސައްކަތް ކުރަމުންދަނީ ވެނެޒުއޭލާގެ ކުރިމަގުގައި އޭނާގެ ދައުރެއް އޮންނާނެކަން ކަށަވަރު ކުރުމަށެވެ.

މަޗާޑޯ ވަނީ ވައިޓް ހައުސްގެ ބައްދަލުވުމަށްފަހު އެމެރިކާގެ ސެނެޓަރުންނާވެސް ބައްދަލުކުރައްވާފައެވެ. ބައެއް ސެނެޓަރުން ވަނީ ވެނެޒުއޭލާގެ މިހާރުގެ ސަރުކާރަށް ޓްރަމްޕް ތާއީދުކުރައްވާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close