ހައްޖުގެ އަޅުކަމުގައި އުޅުނު ފަސް ހައްޖުވެރިއަކަށް އަވަސް ފަރުވާ ދީފި

ސޯމާލިއާ އަދި ސެނެގޯލްގެ ދެ ހައްޖުވެރިއަކަށް، ފުރާނައަށް ނުރައްކާވާ ފަދަ ހިތުގެ ބައްޔެއްގެ އަވަސް ފަރުވާ މައްކާގެ ކިންގް އަބްދުﷲ މެޑިކަލް ސިޓީން ދީފިއެވެ.
މި ދެ ހައްޖުވެރިންގެ ހާލަތު ރަނގަޅުވެގެން ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ، ހައްޖުގެ އަޅުކަން ފުރިހަމަކުރަމުންދާއިރު ސިއްހީ ޓީމުތަކަށް ދުރުގައި ތިބެގެން އެމީހުންގެ ސިއްހީ ހާލަތު މޮނިޓަރ ކުރެވޭނެ ފަދަ ‘ސްމާޓް ވޮޗް’ ތަކަކާ އެކުގައެވެ.
މީގެ އިތުރުން، އިންޑޮނޭޝިއާ އާއި މިޔަންމާގެ ދެ ހައްޖުވެރިއަކަށް ހިތް ހުއްޓިގެން މައްކާގައި މިފަދަ އަވަސް ފަރުވާ ދީފައިވެއެވެ.
ފަސްވަނަ ހައްޖުވެރިޔާއަކީ މަސްޖިދުއްނަބަވީގެ ތެރޭގައި ހުއްޓާ ހިތް ހުއްޓުނު އުމުރުން 60 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. އޭނާއަށް ފަރުވާ ދީފައިވަނީ މަދީނާ ކާޑިއެކް ސާޖަރީ އެންޑް ޑިޒީޒް ސެންޓަރުގައެވެ. އޭނާގެ ހިތުގެ މައި ލޭހޮޅިއެއް ބެދިފައި ހުރުމުގެ ސަބަބުން، ޑޮކްޓަރުން ވަނީ ސްޓެންޓެއް ލައްވައިގެން އެކަން ހައްލުކޮށްދީފައެވެ.
މި މީހާވެސް ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ ސްމާޓް ވޮޗަކާއެކުގައެވެ. އަދި އޭނާ މިހާރު ދަނީ ހައްޖުގެ އަޅުކަން ފުރިހަމަކުރަމުންނެވެ.
މިފަދަ ހާދިސާތަކުގައި ދެވޭ ފުރާނަ ސަލާމަތްކޮށްދިނުމުގެ ފަރުވާތަކުން ހާމަވަނީ، ހައްޖު މޫސުމުގައި ކުރިމަތިވާ ސިއްހީ ކުއްލި ނުރައްކާތަކަށް ވަގުތުން އިޖާބަދިނުމުގައި ސައުދީ އަރަބިއްޔާގެ ސިއްހީ ނިޒާމުގެ ގާބިލުކަން ހުރި މިންވަރެވެ.

