ބަލި އެނދުގައި އޮތް ބައްޕައަށް ދިން އެންމެ އަގުބޮޑު ހަދިޔާ: ހަސަނާއި ހުސައިންގެ ހާފިޒުކަމުގެ ސަނަދު

ކޮންމެ މަޔަކާއި، ބަފައެއް ވެސް ދަރިންނާ މެދު ދެކޭނެ އެންމެ ފޮނި ހުވަފެނަކީ އެ ދަރިންނަކީ ދީނަށް ލޯބިކުރާ، އަހުލާގު ރަނގަޅު ބަޔަކަށް ވުމެވެ. ގ. ހީނާހިޔާއަށް އުފަން އެއްމާބަނޑު ދެބެއިން ކަމަށްވާ ހަސަން ސިނާން އާއި ހުސައިން ޝިފާންގެ މައިންބަފައިން ދެކެމުން އައި އެންމެ ބޮޑު ހުވަފެނަކީ، އެ ދެބެއިންނަކީ ކީރިތި ގުރުއާން ހިތުދަސް ހާފިޒުންނަށް ވުމެވެ. މިއަދު އުމުރުން 35 އަހަރުގައި އެ ދެބެއިން އެވަނީ އެ މަތިވެރި ސަނަދު ހާސިލްކޮށް، މައިންބަފައިންގެ ލޮލަށް ފިިނިކަން ގެނެސްދީފައެވެ.
މި ދެބެއިންގެ ގުރުއާނުގެ ދަތުރު ހަގީގަތުގައި ފެށުނީ މަޖީދިއްޔާ ސްކޫލުގައި އޯލެވެލްއަށް ކިޔެވި ދުވަސްވަރުއެވެ. އެ ދުވަސްވަރު ސްކޫލް ފެންވަރުގައި ބޭއްވުނު ގުރުއާން މުބާރާތްތަކުން ރަން ވަނަތައް ހޯދަމުން ގޮސް، އޯލެވެލް ނިމުނުއިރު ގުރުއާނުގެ ފަސް ފޮތް ވަނީ ހިތުދަސްކޮށްފައެވެ. އެއީ ހަމައެކަނި މުބާރާތްތަކަށް ފަރިތަކުރުމުގެ ތެރެއިން އެ ދެބެއިން ހޯދި ބޮޑު ކުރިއެރުމެކެވެ.
އޭލެވެލް ނިންމައި، ތައުލީމީ ގޮތުން ރާއްޖޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ވަނަތަކެއް މި ދެބެއިން ހޯދިއެވެ. ހުސައިން މުޅި ރާއްޖެއިން އެއްވަނަ ހޯދިއިރު، ހަސަން ހޯދީ ދެވަނައެވެ. މައިންބަފައިންގެ އެދުމުގެ މަތިން 2010 ވަނަ އަހަރު މަދީނާއަށް ކިޔަވަން ދިޔައީ ހަދީސް އިލްމުން ކުރިއަށް ދިއުމަށާއި، ގުރުއާން އެއްކޮށް ހިތުދަސްކުރުމުގެ މަތިވެރި ނިޔަތުގައެވެ. މަދީނާގައި ހޭދަކުރި ފުރަތަމަ އަހަރުގެ ތެރޭގައި ދެބެއިން ވެސް ގުރުއާން އެއްކޮށް ހިތުދަސްކޮށް ނިންމިއެވެ.
ނަމަވެސް، ކިޔެވުން ނިމެން ގާތްވެފައި ވަނިކޮށް ދިިމާވި ހިތްދަތި ކަމަކީ ބައްޕަ ވަރަށް ބޮޑަށް ބަލިވުމެވެ. އެހިސާބުން ސަނަދަށްވުރެ ބައްޕަގެ ހިދުމަތް މުހިންމުވެ، ކޯސް ފުރިހަމަނުކޮށް ދެބެއިން މާލެއަށް ބަދަލުވިއެވެ. ގުރުއާން ހިތުދަސްކޮށްފައި އޮތް ނަމަވެސް، ރަސްމީ ސަނަދެއް ހޯދުމުގެ ވިސްނުން އޭރު އެ ދެބެއިންގެ ނެތެވެ. އެމީހުންގެ އޭރުގެ އެންމެ ބޮޑު އަމާޒަކީ ބައްޕަގެ ކަންކަން ބެލެހެއްޓުމެވެ.
އަހަރުތަކެއް ފަހުން، އެ ދެބެއިންނަށް “ބޮޑުބޭބެ” ކިޔާ ކުޑަކުއްޖެއް ކަމަށްވާ ބިލާލް، 2024 ވަނަ އަހަރު ގުރުއާން ހިފްޒުކޮށް ނިންމި ނިންމުމަކީ ހަސަނާއި ހުސައިންގެ ހަޔާތަށް އައި ބޮޑު ބަދަލެކެވެ. ބިލާލް ކޮންމެ ދުވަހަކު މިނިސްޓްރީއަށް ފޮތް ކިޔައިދޭން ދިއުމުގެ ކުރިން، މި ދެބެއިންގެ ގާތަށް ގޮސް ފޮތް ކިޔައިދިނުމަކީ، އެމީހުންގެ ހިތުގައި އޮތް ޝައުގުވެރިކަން އަލުން އާލާވި ކަމެކެވެ. ބިލާލްގެ އެ ހިތްވަރު ފެނި، މައިންބަފައިން އެންމެ ބޭނުންވި ސަނަދު ހޯދުމުގެ އަޒުމް ދެބެއިން އާކުރިއެވެ.
އިސްލާމިކް ޔުނިވަސިޓީގެ މުރާޖައާ ކްލާހެއްގައި ބައިވެރިވެ، އެކަކު އަނެކަކަށް ކިޔައިދީ ހިތްވަރު ދެމުން ކުރި މަސައްކަތުން، އެންމެ ތިން މަސް ދުވަހުގެ ތެރޭގައި ހާފިޒުކަމުގެ ސަނަދު އެ ދެބެއިން ހާސިލްކުރިއެވެ. މިއީ މުޅި ދުނިޔެމަތިން ވެސް އެ މައިންބަފައިންނަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާ ބައްދަލުކޮށް، އެ ސަނަދު ދެއްވުމުން މައިންބަފައިންގެ ލޮލުން އޮހިގެންދިޔައީ އުފާވެރިކަމުގެ ކަރުނައެވެ.
ހަސަނާއި ހުސައިންގެ މި ވާހަކައަކީ ހަމައެކަނި ގުރުއާން ހިތުދަސްކުރުމުގެ ވާހަކައެއް ނޫނެވެ. މިއީ އެއްމާބަނޑު ދެބެއިންގެ މެދުގައި އޮންނަންޖެހޭ ގާތްކަމާއި، މައިންބަފައިންނަށް ކަމޭހިތުމުގެ ލާމަސީލު ނަމޫނާއެކެވެ. ބައްޕަ ބަލި އެނދުގައި އޮތް ނަމަވެސް، ދަރިންގެ މި ކާމިޔާބީއާއެކު އެ ބައްޕަގެ ހިތަށް ލިބުނު ފަރުވާއަކީ އަގު ނުކުރެވޭނެ މަތިވެރި ހަދިޔާއެކެވެ. މި ދެބެއިން ސާބިތުކޮށްދިނީ މައިންބަފައިންގެ ހެޔޮ ދުއާއާއެކު ކުރާ މަސައްކަތުގައި އަބަދުވެސް ބަރަކާތް ލައްވާނެ ކަމެވެ.

