ޓްރަމްޕްގެ 80 ވަނަ އުފަންދުވަހު އޮތީކޮންކަމެއް؟

އެމެރިކާގެ ސިޔާސީ ތާރީޚުގައި ވައިޓް ހައުސްގެ “ސައުތު ލޯން” އަކީ ބައިނަލްއަޤުވާމީ ސުލްހައިގެ އެއްބަސްވުންތަކާއި ރިޔާސީ ބޮޑެތި ނިންމުންތަކުގެ ހެކިވެރިއެކެވެ. ނަމަވެސް، ކުރިއަށް އޮތް ޖޫން މަހުގެ 14 ވަނަ ދުވަހު މި ތާރީޚީ މައިދާނުން ފެންނާނީ މުޅިން ތަފާތު، އަދި އެހާމެ ހައިރާންކުރުވަނިވި މަންޒަރެކެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 80 ވަނަ އުފަންދުވަހުގެ މުނާސަބަތާ ދިމާކޮށް، ވައިޓް ހައުސްގެ ތެރޭގައި މިހާރު ދަނީ އަލްޓިމޭޓް ފައިޓިން ޗެމްޕިއަންޝިޕް (ޔޫއެފްސީ) ގެ “ޔޫއެފްސީ ފްރީޑަމް 250” މުބާރާތް ބޭއްވުމަށް ބޭނުންވާ ކޭޖާއި ސްޓޭޖް ހެދުމުގެ ބޮޑު މަސައްކަތެކެވެ. މި މުބާރާތާ ބެހޭގޮތުން ޓްރަމްޕް ބުނެފައިވަނީ މިއީ މީގެ ކުރިން ދުވަހަކުވެސް ހިނގާފައިވާ ކަމެއް ނޫން ކަމަށާއި، ދެން ދުވަހަކުވެސް ނުފެންނާނެ ފަދަ ބޮޑު ތަޅާފޮޅުމެއް ކަމަށެވެ.
މި ބޮޑު މުބާރާތުގައި ޖުމްލަ ހަ ފައިޓެއް ހިމެނޭއިރު، މުޅި އިވެންޓުގެ އެންމެ ފަހު އަދި އެންމެ ފޯރިގަދަ ލައިޓްވެއިޓް ޗެމްޕިއަންޝިޕް ފައިޓުގައި ބައްދަލުކުރާނީ މަޝްހޫރު ފައިޓަރުން ކަމަށްވާ އިލިއާ ތޮޕޫރިއާ އަދި ޖަސްޓިން ގޭޗީއެވެ. ވައިޓް ހައުސްގެ މައިދާނުގައި ޚާއްޞަކޮށް ތައްޔާރުކުރެވޭ ސަރަހައްދުގައި ތިބެގެން 4،500 މީހުންނަށް މި މުބާރާތް ވަގުތުން ބަލައިލެވޭނެ އިންތިޒާމު ހަމަޖެހޭނެއެވެ. މީގެ އިތުރުން، ވައިޓް ހައުސްގެ ގޯތިތެރެއިން ބޭރުގައި ހަރުކޮށްފައިވާ ބޮޑެތި ސްކްރީންތަކުން 100,000 އާ ގާތްކުރާ އަދަދެއްގެ މީހުންނަށް ހިލޭ މި މުބާރާތް ބަލާލުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ޓްރަމްޕް ވަނީ ހާމަކޮށްފައެވެ.
އެމެރިކާގެ 250 ވަނަ މިނިވަންދުވަސް ނުވަތަ “ފްލޭގް ޑޭ” އާ ވެސް ދިމާވާ މި އިވެންޓަށް މަދުވެގެން 60 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް ވައިޓް ހައުސްއިން ވަނީ މިއީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ޚަރަދެއް ނޫން ކަމުގެ ޔަގީންކަން ދީފައެވެ. ޔޫއެފްސީގެ ވެރިޔާ ޑޭނާ ވައިޓް ވެސް ވަނީ މިއީ އެއްވެސް ކަހަލަ ސިޔާސީ މަގްސަދެއް އޮތް ކަމެއް ނޫން ކަމަށް ބުނެފައެވެ.
އެހެންނަމަވެސް، އީރާނާއެކު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ވައިޓް ހައުސް ފަދަ މުހިންމު ބިނާއެއްގައި މިފަދަ ކަމެއް ބާއްވާތީ ޓްރަމްޕަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ކުރީގެ ރިއަލިޓީ ޝޯވ ތަރިއެއް ކަމަށްވާ ޓްރަމްޕް، ގައުމުގެ އެންމެ މުހިންމު މައިދާނުގައި ކޭޖް ފައިޓެއް ބާއްވަނީ އަމިއްލަ މަންފާއަށާއި އަގު ހިފެހެއްޓުމަށް ތާރީޚު ބަދަލުކޮށްލުމުގެ ބޭނުމުގައެވެ.
މި ސައުތު ލޯންއަކީ މީގެ ކުރިން މުޅިން ތަފާތު ތާރީޚީ ހާދިސާތަކެއް ފެނިގެންގޮސްފައިވާ ތަނެކެވެ. އެގޮތުން 1974 ވަނަ އަހަރު ވޯޓަގޭޓް ހާދިސާއާ ގުޅިގެން ރިޗަޑް ނިކްސަން ރައީސްކަމުން އިސްތިއުފާ އިއުލާނު ކުރެއްވުމަށްފަހު، އެންމެ ފަހު ފަހަރަށް ވައިޓް ހައުސްއިން ވަޑައިގަތީ ވެސް މި ސައުތު ލޯންއިންނެވެ. ހަމައެއާއެކު، 1993 ވަނަ އަހަރުގެ އޮސްލޯ އެއްބަސްވުމުގައި އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު ޔިޒާކް ރަބީން އާއި ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު ސޮއިކުރެއްވުމަށްފަހު ސަލާމްކުރެއްވި ތާރީޚީ މަންޒަރު ބިލް ކްލިންޓަން ހޮސްޓްކުރެއްވީ ވެސް ހަމަ މި މައިދާނުގައެވެ.
ޓްރަމްޕަކީ ޒަމާނުއްސުރެ ޔޫއެފްސީގެ އިވެންޓްތަކުން ގަވާއިދުން ފެންނަ، އެ ކުންފުންޏާ ގާތް ގުޅުމެއް އޮންނަ މީހެކެވެ. މިއީ ހާމަ މާހައުލެއްގައި ބޭއްވޭ ފުރަތަމަ އިވެންޓަށް ވުމުންނާއި، ފަހަކަށް އައިސް ޓްރަމްޕްގެ ސަލާމަތީ ކަންކަމާ ގުޅިގެން ހިނގާފައިވާ ނުރައްކާތެރި ހާދިސާތަކަށް ރިއާޔަތްކޮށް، މި އިވެންޓްގެ ސެކިއުރިޓީ ވަރަށް ވަރުގަދަ ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.


