ރިޕޯޓް

އަދީބު އެއްކޮށް މިނިވަންވަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލައެއް ގެންގުޅުއްވި މައްސަލާގައި އޭނާގެ މައްޗަށް ކޮށްފައިވާ 10 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފައިވާއިރު އަދި އޭގެކުރިން ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބު 15 އަހަރަށް ޖަލަށްލާން ކުރި ހުކުމް ވެސް ވަނީ ބާތިލްކޮށްފައެވެ. އެ ދެ ހުކުމް ބާތިލް ކުރުމުން ދެން އަދީބުގެ މައްޗަށް އޮންނާނީ، ޚިޔާނާތުގެ ކުށުގައި އަދީބަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް އެކަންޏެވެ.

ފިސްތޯލައިގެ ޙުކުމް ހޯމަ ދުވަހު ސުޕްރީމް ކޯޓުން ބާތިލުކޮށްފައިވާއިރު، އެ މައްސަލާގައި ދަށު ކޯޓުން އަދީބުގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް އޭރު ވަނީ ތާއީދުކޮށްފައެވެ.

ހޯމަ ދުވަހު އޮތް އިސްތިއުނާފުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި ތިން ފަނޑިޔާރުން އިއްވެވި ހުކުމްގައި ބުނެފައި ވަނީ އަދީބުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ސާބިތުވާ ވަރުގެ އެއްވެސް ހެއްކެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ހުކުމެއް ނޫން ކަމަށެވެ. އަދި ފިސްތޯލަ ގެންގުޅުނުކަމުގެ އެއްވެސް ހެއްކެއް، ދަލީލެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށާއި އެކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިއުތިރާފުވެފައި ވާކަމަށެވެ.

ހޯމަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި، ފަނޑިޔާރު އާދަމް މުޙައްމަދު އަބްދުﷲ އާއި، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އެވެ.

އަދީބުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ އެކަށީގެންވާ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ހުކުމެއް ނޫން ކަން އެނގޭ ކަމަށާއި އެހެންކަމުން އެ ހުކުމް ބާތިލް ކޮށްދިނުމަށް ދައުލަތުން އެދިފައި ވަނީ އެމައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައެވެ.

ހޯމަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ދައުލަތުން 1 ނޮވެމްބަރ 2015 ވަނަ ދުވަހު ދައުވާ ކުރި މައްސަލައަކީ ޓެރަރިޒަމްގެ ގާނޫނުގައި ކުށް ސާބިތުކުރުމަށް ބަޔާންކޮށްފައިވާ މިންގަނޑުތަކާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ. ފިސްތޯލައިގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ކުރިން އަމަލު ކުރަމުންދިޔަ ޓެރަރިޒަމްގެ ގާނޫނަށް ހަވާލާދީއެވެ. އެހެން ނަމަވެސް އަދީބުގެ މައްޗަށް ދައުވާ އުފުލިއިރު އަމަލު ކުރަމުންދިޔައީ ޓެރަރިޒަމްގެ އާ ގާނޫނަށެވެ.

ކަންތައްތައް މިދާގޮތުން އަދީބުގެ ޚިޔާނާތުގެ 8 އަހަރުގެ ޙުކުމްވެސް ބާޠިލްވެ އަދީބު އެއްކޮށް މިނިވަން ނުވާނެއެކޭ ދަންނަވާކަން ނުކުރޭނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close