ލަންދޫ ހެލްތްސެންޓަރުގައި ރޯކޮށްލިތާ މަހެއްވީ، ސަރުކާރުގެ ސަމާލުކަމެއް ނުލިބުނު…!
މިދިޔަ ޑިސެމްބަރ މަހުގެ 5 ވަނަ ދުވަހުގެރޭ ނ.ލަންދޫ ސިއްޙީ މަރުކަޒުގައި ބަޔަކު ނުވަތަ މީހަކު ގަސްތުގައި އަލިފާންޖަހައި، ރޯކޮށް އެތާންގެ ޚިދުމަތް މެދުކަނޑައިލައި، އެތާންގެ އިދާރީމަސައްކަތްތައް ހުއްޓުމަކަށް ގެނައިތާ މިއަދަށް 1 މަހަށްވުރެ ގިނަދުވަސްވެފައިވާއިރު މި ޙާދިސާއަށް ސަރުކާރުގެ ސަމާލުކަމެއް ނުލިބުނެވެ.
ރަށެއްގެ އެންމެ މުހިއްމު އިންސާނީ އަދި ޒަރޫރީ އެއް ބޭނުމަކަށްވާނީ އެރަށެއްގެ ރައްޔިތުންނަށް ބޭސްފަރުވާ ކުރެވޭނެ ވަޞީލަތެވެ. ނުވަތަ އެފަދަ ޚިދުމަތެއް ދިނުމަށް ޤާއިމްކުރެވިފައިވާ މުއައްސަސާއެކެވެ. އެކަން އެންމެވެސް ޤަބޫލުކުރާނެއެވެ. މިދައްކަނީ ހާހަކަށްވުރެ ބޮޑު އާބާދީއެއްދިރިއުޅޭ ނ.ލަންދޫގައި ހުރި ސިއްޙީ ޚިދުމަތްދޭ ހަމައެކަނި މުއައްސަސާ ( ލަންދޫ ހެލްތް ސެންޓަރ ) ގައި އަލިފާންރޯކޮށް އެތާންގެ ޚިދުމަތް އަކަށީގެންވާ ގޮތެއްގައި ނުދެވޭތާ ފުރިހަމަ މަހެއް ފާއިތުވެގެން ދިޔައިރުވެސް މި އޯގާތެރި ސަރުކާރުގެ ސަމާލުކަމަށް އެކަން ނައިވާހަކައެވެ. ޒިންމާނަގާނެ ފަރާތެއް ނެތި އެއްވެސް ފަރާތަކުން އަޅައިނުލި ވާހަކައެވެ.
ލަންދޫ ސިއްހީ މަރުކަޒުގައި އަލިފާނުގެ ހާދިސާއެއް ހިނގައި މަސްކައްކާ ބަދިގެއެއްފަދައިން މުޅިޢިމަރާތުގެ ފާރުތަކުގައްޔާއި، ސީލިންގގައި ދުނބުޅި ޖަހާ ސިއްޙީ ޚިދުމަތެއް ދިނުމަށް އެކަށީގެންނުވާ މިންވަރަށް ތަނުގެ ސާފުތާހިރުކަންވެސް ގެއްލި ބޭނުންކުރާންހުރި އާލަތްތައް ( ކޮމްޕިއުޓަރުތަކާއި، މޭޒުތަކާއި، އެހެނިހެން ސާމާނު ) އަނދާދިއުމުން ސިއްޙީ މަރުކަޒުގެ ފަރާތުން ވަނީ ރަސްމީކޮށް ދައުލަތުގައި އެވާހަކަ ދަންނަވާފައެވެ.

ނ.ލަންދޫ ސިއްޙީ މަރުކަޒަކީ ނ.އަތޮޅު ހޮސްޕިޓަލްގެ ބެލެނިވެރިކަމުގެ ދަށުން ހިންގާ ތަނަކަށްވާއިރު ސިއްހީ މަރުކަޒުގެ މިފަދަ އެންމެހައި ކަންކަން އަންގަމުން ގެންދަންޖެހެނީ އުޞޫލުތަކާއި، ޤަވާއިދުތައް ހަމަޖެހިފައި އޮންނަގޮތުން އެއިރެއްގައި އަތޮޅު ހޮސްޕިޓަލް ހިންގުމާއި ޙަވާލުވެ ހުންނަ ފަރާތަކަށްކަމަށް ލަންދޫ ސިއްޙީ މަރުކަޒު ހިންގުމާއި، ވަގުތީ ގޮތުން ހަވާލުވެގެންހުރި އެތާންގެ އެޑްމިން އޮފިސަރވަނީ މަޢުލޫމާތު ދީފައެވެ.
އެހެންކަމުން އަލިފާނުގެ މި ބޮޑު ހާދިސާ ހިނގި ދުވަހު އެކަން ވަރަށް ތަފްޞީލްކޮށް އެފަރާތުގައި ( ނ.އަތޮޅު ހޮސްޕިޓަލް ހިންގުމާއި، ޙަވާލުވެ ހުންނެވި ފަރާތުގައި ) ވަނީ ދަންނަވާފައެވެ. އަދި އޭގެ އިތުރުން ހެލްތް މިނިސްޓްރީއަށްވެސް ވަނީ އަންގާފައެވެ. އަދި ކޮންމެހެންވެސް ބޭނުންވާ ތަކެތީގެ ލިސްޓެއް ފޮނުވަން އެފަރާތުން ވިދާޅުވުމުން އެލިސްޓްވެސްވަނީ ފޮނުވާފައެވެ. އެއީ މެދުކެނޑިގެން ދިޔަ ޚިދުމަތް އަލުން ފެށުމަށް ކޮންމެހެން ބޭނުންވާ ތަކެތީގެ ލިސްޓެކެވެ. ނަމަވެސް 1 ލީޓަރ ގެ 4 ދަޅު، ހުދުކުލަ ފިޔަވައި އެހެން އެއްވެސް އެއްޗެއް އަދި މިހާތަނަށް ލަންދޫ ސިއްޙީ މަރުކަޒަށް ލިބިފައި ނުވާކަމަށްވަނީ މަޢުލޫމާތު ލިބިފައެވެ.
އިދާރީ ލިޔެކިޔުމަށާއި، ތަންހިންގުމުގައި އެންމެ ބޮޑަށް ބޭނުންވާ ކޮމްޕިއުޓަރު ތަކާއި، މޭޒުތަކާއި، އަދި އިދާރީ ބައިގައި ހުރި ޕާޓިޝަންތަކާއި، އެއަރކޯނާއި، އެބައިގެ ކަރަންޓް ވިއުގައާއި، އެހެނިހެން ސާމާނުތައް އަނދާ އަޅިއަށްވެފައިވާއިރު މިހާރު އެތާންގެ ޙާލަތު އޮތްގޮތް ފެނިއްޖެކޮންމެ މީހަކުވެސް ދެރަވާނެއެވެ. އަކަމާ ހިތާމަކުރާނެއެވެ. ކަންބޮޑުވާނެއެވެ. މިފަދަ މުހިއްމު ޚިދުމަތެއްދޭ ތަނެއް އެފަދަ ހާލަތަކަށް ގޮސް މިހާ ގިނަދުވަސްވެގެން ދާންޖެހޭ ސަބަބަކީ ކޮބައިތޯ ސުވާލު އުފެދޭނެއެވެ.
އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި މުޅިރާއްޖެ ސާފުކުރަން ރާއްޖޭގެ ކަންކޮޅުތަކުގައި ރައްޔިތުން ނުކުތްދުވަހު ލަންދޫ ރައްޔިތުންގެ ތެރެއިން ބަޔަކުވަނީ ސިއްޙީ މަރުކަޒަށް ގޮސް އަލިފާނުގެ ހާދިސާގައި އަނދައިގެން ގޮސްފައިވާ ބައެއް ތަކެތި އެތަނުން ނަގާ އެތަން ސާފުވެސްކޮށްފައެވެ. އެހެންނަމަވެސް އަނދައިގެން ދިޔަ ތަކެތީގެ ބަދަލުގައި ބޭނުންކުރާނެ އެހެން ސާމާނު ނުލިބުމާއި، އަދި ދުނބުޅިއަރާ ކަޅުވެފައިވާ ފާރުތަކާއި، ސީލިންގގައި ކުލަލައި ރީތި ނުކުރެވެނީސް އެތާންގައި އަލުން ޚިދުމަތެއް ފެށޭގޮތް މިވަނީ ނުވެފައެވެ.

ރައްޔިތުންދަނީ ކެނޑި ނޭޅި އެކަމުގެ ޝަކުވާތައް ކުރަމުންނެވެ. ކޮންމެދުވަހަކު އެތައްބަޔަކު ޑޮކްޓަރަށް ދެއްކުމާއި، ސިއްޙީ އެހެނިހެން ޚިދުމަތްތައް ހޯދަމުންދާ ލަންދޫ ސިއްޙީ މަރުކަޒުގެ އިސް ބައެއް މުވައްޒަފުންވެސް އަދި ވަގުތީގޮތުން ހިންގުމާއި ޙަވާލުވެ ހުންނެވި ފަރާތުން ވެސް ބުނަނީ ސަރުކާރުން އެކަމާ އަޅައިނުލައްވާ ވާހަކައެވެ. ސަރުކާރަށް އެކަމުގެ ފުރިހަމަ މަޢުލޫމާތު ފޮނުވާފައިވާނެވާހަކައެވެ. ސަރުކާރުގެ ސަމާލުކަމަށް އެކަން ނައިވާހަކައެވެ.
އެކަމަކު މިޖަވާބުތަކަކީ މިފަދަ ހޭލުންތެރި ޒަމާނެއްގައި އަދި އެކަމުގެ ދަތިތައް ތަޙައްމަލު ކުރަންޖެހިފައިވާ ރައްޔިތަކަށް ބަލައިގަނެވޭނެ ޖަވާބު ތަކެއް ނޫނެވެ. އަދި ކިއެއްތަ ޢާއްމު އިންތިޚާބު ބޯމަތިވެފައިވާ މިދުވަސްވަރު އަމުދުން މީހަކު ޤަބޫލުވެސް ނުކުރާނޭ ޖަވާބުތަކެކެވެ.
ނ.އަތޮޅު ހޮސްޕިޓަލް ހިންގުމާ ޙަވާލުވެ މިވަގުތު ހުންނެވި ފަރާތާވެސް ނާރެސްމީޑިއާގެ ފަރާތުން މިކަމުގައި މަޢުލޫމާތު ސާފުކޮށްލުމަށް ގުޅާލީމެވެ. އެފަރާތުންވެސް ވިދާޅުވީ މިދިޔަ ހަފްތާގައިވެސް އެކަމާގުޅޭގޮތުން ހެލްތްމިނިސްޓްރީއަށް ގުޅުއްވި ކަމަށެވެ. އަދި ލަންދޫ ސިއްހީ މަރުކަޒުގެ މަރާމާތުގެ ކަންތައް ކުރިއަށް ދާކަމަށް މިނިސްޓްރީން ވިދާޅުވިކަމަށެވެ. މަރާމާތުގެ ކަންކަން ކުރިއަށް ދަނީ ކޮންރަށެއްގައި ނުވަތަ ކޮން ހިސާބެއްގައި ކިހާމިންވަރަކަށް ކަމެއް ސާފެއްނުވިއެވެ. ހަމަގައިމުވެސް ލަންދޫގައި އެފަދަ އެއްވެސް ހަރަކާތެއް ނުހިނގާކަމަށް ލަންދޫ ސިއްޙި މަރުކަޒުން ބުނެއެވެ.
ސަރުކާރުގެ ފުރަތަ ސަތޭކަ ދުވަހުގެ ވަޢުދުތައް ފުއްދައި ނިމެމުންދާއިރު ލަންދޫ ރައްޔިތުންނާ މެދުވެސް ކަތިނަޒަރަކުން ނަމަވެސް އަދުގެ އޯގާތެރި ސަރުކާރުން ބަލައި ނުލައްވަންވީ ސަބަބެއް އޮތްކަމަކަށް ލަންދޫރައްޔިތުން މިއަދު ނުދެކެއެވެ. މި ސަރުކާރު ގެނައުމަށްޓަކައި ވޯޓުދިން މީހުން ލަންދޫގައިވެސް މަދެއްނޫނެވެ. ހަމަގައިމުވެސް ރިޔާސީ އިންތިޚާބުގައި ވޯޓްދިންމީހުންގެ މެޖޯރިޓީ ލިބުނީ އަދުގެ ސަރުކާރަށެވެ. ލަންދޫ ރައްޔިތުންގެވެސް ގިނަމީހުން ވަނީ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ނޫނެކޭ ބުނެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރެއް ޤާއިމުކުރުމަށް އާއެކޭ ބުނެފައެވެ. ޚާއްޞަކޮށް އެމްޑީޕީއަށް ފުރުޞަތު ހޯދައިދީފައެވެ.



ރޯކޮށްލި ބަޔަކު ދޯ މަރާމާތު ކުރަން ޖެހޭ ނީ
މިވަރު ކަމެއްވީއިރު ސަރުކާރުން ޖެހޭނެދޯ ބަލައިލަން އެންމެކުޑަމިނުން އެތަނަށް މިނިސްޓްރީން ޒިޔާރަތްވެސް ކޮށްނުލި
BEYNUN NU V MA THA ROAKOLLY