ކުރިއަށް އޮތް އިންތިޚާބުގައި ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން ރަޖިސްޓްރީވުމަށް ހުޅުވާލައިފި

މި އަހަރުގެ އޭޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
މިކަމަށް ހުޅުވާލައިފައި ވަނީ މިކަމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި އިއުލާނަކުންނެވެ.
މިކަމަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން ޖަނަވަރީ 14 ވާ ބުދަ ދުވަހުން ފެށިގެން ފެބުރުވަރީ 23 ވާ ހޯމަ ދުވަހުގެ ނިޔަލަށް، އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު 1414 އަށް ގުޅައިގެން އެ ފުރުސަތު އޮންނާނެކަމަށް އެ އިދާރާއިން ބުންޏެވެ. އީސީން ބުނީ މި ޚިދުމަތް ރަސްމީ ދުވަސްތަކާއި ބަންދު ދުވަސްތަކުގައި ވެސް ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ލިބޭނެ ކަމަށާއި، މިއީ އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް ގެނައި އިޞްލާޙާ ގުޅިގެން، ވޯޓުގެ ސިއްރުކަން ކަށަވަރުކުރުމަށް ފަހިކޮށްދޭ ފުރުސަތެއްކަމަށެވެ.
ވޯޓު ކަރުދާހާ އެއްވަރަށް ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ މި ޓެމްޕްލޭޓަކީ، ލޯފަން މީހުންނަށް އަމިއްލައަށް ފާހަގަޖެހޭ ގޮތަށް ފަރުމާކޮށްފައިވާ ވަސީލަތެކެވެ. ރާއްޖޭގައި މި ވަސީލަތް އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް މި ޓެމްޕްލޭޓް ބޭނުންކޮށްގެން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ވޯޓުލާފައިވެއެވެ.



