މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފި

ކޮމަންވެލްތްގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 28 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު އިންޑިއާގެ ނިއު ދިއްލީއަށް ފުރާވަޑައިގެންފިއެވެ.
މި މަހުގެ 13 އިން 18 އަށް ކުރައްވާ މި ދަތުރުފުޅަކީ މަޖިލީހުގެ ގުޅުންތައް ބަދަހިކުރުމަށް ކުރައްވާ މުހިއްމު ދަތުރުފުޅެއްކަމަށް މަޖިލިހުން ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ އަޙްމަދު ނިހާން ޙުސައިން މަނިކުގެ އިތުރުން ސީނިއަރ ފޮރިން ރިލޭޝަންސް އޮފިސަރ ޢާއިޝަތު އީމާން ބައިވެރިވެވަޑައިގަންނަވައެވެ.
މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ކޮންފަރެންސްގެ ތެރެއިން ކޮމަންވެލްތް ޤައުމުތަކުގެ މަޖިލިސްތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމާއި، ޤާނޫނީ ދާއިރާއިން ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.


