ރައްކާތެރި މާހައުލެއް ނެތްކަމަށްބުނެ އަޒްރާ ތަހުޤީގަށް ހާޒިރުވާން އުޒުރުވެރިވޭ ޝަހިންދާގެ ޖަވާބެއް އަދި ނުލިބޭ – ފުލުހުން
އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާ ގުޅިގެން ފުލުހުން ކުރަމުންދާ ތަޙްޤީޤަށް ފުލުސް އޮފީހަށް ހާޒިރުވުމަށް ޝަހިންދާ އިސްމާޢީލްއަށާއި، އަޒުރާ ނަސިމާސް ވެސް ފުލުސްއޮފީހަށް ހާޒިރުވުމަށް އަންގާފައިވަނިކޮށް ރާއްޖޭގައި މިވަގުތު ރައްކާތެރި މާހައުލެއް ނެތްކަމަށްބުނެ އަޒުރާ ރާއްޖެ އައުމަށް އުޒުރުވެރިވާކަމަށް ފުލުހުންނަށް އަންގާފައިވާކަމަށް ފުލުސްއޮފީހުން ބުނެފިއެވެ.
ފުލުހުން ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގެ ތަޙްޤީޤަށް އަޒުރާއަށް އާދެވެން ނެތްކަމަށްބުނި ނަމަވެސް އަދި ޝަހިންދާ ވަކި ޖަވާބެއް ދީފައި ނުވާކަމަށެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ތައުހީނުކުރުމުގެ ގޮތުން ފާޑުކިޔާ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަމަށް ފުލުހުންގެ ތަހުޤީގަށް ހާމަވެފައިވާކަން ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވެފައިވަނީ އެ އިދާރާއިން ކުރި ތަހުޤީގަށް އެމްޑީއެން ރިޕޯޓްގައި އިސްލާމު ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަން ފާހަގަވުމުން އެކަން ޖަމްޢިއްޔާތަކުގެ ބެލެނިވެރިފަރާތްކަމުގައިވާ ޔޫތް މިނިސްޓްރީއަށް އަންގާފައިވާކަމަށެވެ. ބެލެވޭ ގޮތުން ފުލުހުން މިގޮތަށް ހާމަކޮށްފައި މިވަނީ ދީނީ އިލްމުވެރިން މެދުވެރިކޮށް މި ރިޕޯޓް ދިރާސާކުރުމަށްފަހުއެވެ.
އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވަނީ 3 އޮކްޓޫބަރުގައެވެ. އަދި އެ މައްސަލަ ބަލާ ނިމެންދެން ޔޫތް މިނިސްޓްރީންވަނީ އެމްއެންޑީއެން ސަސްޕެންޑްކޮށްފައެވެ.

