ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި މަސްތުވާތަކެތި އެތެރެކުރި ކުންފުނީގެ ވެރިޔާގެ ބަންދަށް 15 ދުވަސް

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގެ ތެރޭގައި ފޮރުވައިގެން 30 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލާގައި ހައްޔަރުކުރި “ރާސް މޯލްޑިވްސް” ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާދިލްގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 15 ދުވަސް ޖަހައިފިއެވެ.
ކަނޑުމަގުން އެތެރެކުރި މި ތަކެތި ކަސްޓަމްސްއިން އަތުލައިގަތީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
މި މައްސަލާގައި އާދިލްގެ އިތުރުން، އެ މުދާތައް ކްލިއާކުރަން ދާނެކަމަށް ބުނެ ކަސްޓަމްސްއަށް އީމެއިލް ފޮނުވި އަހުމަދު އަލީ ވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް ކޯޓުން މިހާރު ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި މި ދެ މީހުންނަކީވެސް މި ވިޔަފާރީގެ މުޢާމަލާތްތަކުގައި އިސްކޮށް އުޅުނު ދެ މީހުންނެވެ.
އަތުލައިގަނެވުނު 40 ކިލޯއަށްވުރެ ގިނަ ހަޝިޝް އޮއިލް ރާއްޖެ އެތެރެކޮށްފައިވަނީ 10 ފޮށިގަނޑެއްގައި ބަންދުކޮށްގެންނެވެ. މި މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލައެއް ކަމަށާއި، މިކަމާ ގުޅޭ އިތުރު ތަޙުޤީޤުތައް ފުލުހުންގެ ފަރާތުން މިހާރު ކުރިއަށް ގެންދާކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.


