ޚަބަރު

ނަޝީދު އީރާނުގެ މުޒާހަރާތަކަށް ތާއީދުކުރެއްވުމުން އީރާނުން ވަރުގަދަ ރައްދެއް ދީފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އީރާނުގައި ހިނގަމުންދާ ސަރުކާރު އިދިކޮޅު މުޒާހަރާތަކަށް ތާއީދުކުރައްވައި ދެއްކެވި ވާހަކަތަކަށް، ސްރީ ލަންކާގައި ހުންނަ އީރާނުގެ އެމްބަސީން ވަރުގަދަ ރައްދެއް ދީފިއެވެ. ނަޝީދު ވިދާޅުވެފައިވަނީ އީރާނުގެ ރައްޔިތުން މުޒާހަރާކުރަނީ ސަރުކާރުން ހިފަހައްޓާފައިވާ ހިފެހެއްޓުންތަކާއި ދިރިއުޅުމުގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވުމާ ދެކޮޅަށް ކަމަށެވެ. ނަމަވެސް، އީރާނުގެ އެމްބަސީން ބުނެފައިވަނީ މި މުޒާހަރާތަކަކީ “ޒަޔަނިސްޓް އިސްތިއުމާރީ ބާރުތަކުގެ” ހަމަލާތަކާއި ރޭވުންތަކެއް ކަމަށާއި، އެމެރިކާއިންވެސް އެކަމަށް އެހީތެރިވެފައިވާ ކަމަށެވެ.

ނަޝީދު އިއްޔެ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުގެ ރައްޔިތުން މުޒާހަރާކުރަމުންދަނީ އެ ގައުމުގެ ސަރުކާރުން ޒަމާންތަކެއްވަންދެން ހިފަހައްޓާފައިވާ ހިފެހެއްޓުންތަކާއި ދެކޮޅަށް ކަމަށެވެ. އަދި ދިރިއުޅުމުގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވުމުގެ ސަބަބުން ރައްޔިތުން ބޮޑެތި ދަތިތަކެއް ތަހައްމަލު ކުރަމުންދާ ކަމަށާއި، މުސްލިމެއްގެ ހައިސިއްޔަތުން އީރާނުގެ ރައްޔިތުންގެ މި މަސައްކަތަށް ތާއީދުކުރަންޖެހޭ ކަމަށްވެސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

ނަޝީދުގެ މި ވާހަކަތަކަށް ރައްދު ދެއްވައި ސްރީ ލަންކާގައި ހުންނަ އީރާނުގެ އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، “ޒަޔަނިސްޓް އިސްތިއުމާރީ ބާރުތަކުން” އީރާނުގެ ސިޓީތަކަށާއި، ރައްޔިތުންގެ އުމްރާނީ ވަސީލަތްތަކަށް އަސްކަރީ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އަދި މި ބާރުތަކުންވަނީ އީރާނުގެ ރައްޔިތުން މެރުމަށް ރޭވުންތަކެއް ރާވައިފައި ކަމަށްވެސް އީރާން އެމްބަސީން ވަނީ ތުހުމަތުކޮށްފައެވެ.

އީރާނުގެ އެމްބަސީން ބުނި ގޮތުގައި، ޒަޔަނިސްޓް ބާރުތަކުގެ މި ރޭވުންތަކުގެ ސަބަބުން އީރާނުގެ އެއްހާހަށް ވުރެ ގިނަ މީހުންނާއި، ކުޑަކުދިން ވަނީ ޝަހީދުކޮށްލާފައެވެ. މި ހަމަލާތަކަށް އެމެރިކާ ސަރުކާރުން ސީދާ އެހީތެރިކަން ފޯރުކޮށްދީފައިވާތީ، މަސްލަހަތު އިތުރަށް ގޯސްވެފައިވާ ކަމަށްވެސް އެމްބަސީން ފާހަގަކުރިއެވެ. މިހާރުވެސް އީރާނުގެ ރައްޔިތުންދަނީ މިފަދަ “ޒަޔަނިސްޓް އިސްތިއުމާރީ ބާރުތަކާ” ދެކޮޅަށް ސާބިތުކަން ދައްކަމުން ކަމަށް އީރާނުން ބުނެއެވެ.

އީރާނުގެ އެމްބަސީން އިތުރަށް ބުނީ، ޒަޔަނިސްޓް އިސްތިއުމާރީ ބާރުތަކުން ބޭނުންވަނީ އީރާންގެ މަގުތަކުގައި ހަމަނުޖެހުން އުފައްދައި، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވައިލަން ކަމަށެވެ. މި ހަމަނުޖެހުންތަކުގެ ތެރެއިން މިސްކިތްތަކުގައި ހުޅުޖަހައި، ހޮސްޕިޓަލްތަކާއި މެޓްރޯ ސްޓޭޝަންތަކާއި ބޭންކުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށްވެސް އެމްބަސީން ވަނީ ހާމަކޮށްފައެވެ. މި ހާލަތުގައި، ނަޝީދު ހުންނެވީ ކޮން ފަރާތެއްގައިތޯ އީރާން އެމްބަސީން ވަނީ ސުވާލު އުފައްދާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close