މިފްކޯއިން ބޮޑުކަންނެލި ގަންނަން ފަށައިފި

މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، މިފްކޯއިން ވަނީ ރަސްމީކޮށް ބޮޑުކަންނެލި ގަންނަން ފަށާފައެވެ. މިކަމަށްޓަކައި މިފްކޯގެ ކަނޑުއޮތްގިރި ފެސިލިޓީ އޮޕަރޭޝަނަށް ގެނެސް، 15 ކިލޯއަށްވުރެ ބޮޑެތި ކަންނެލި ކިލޯއަކަށް 25ރ. މަގުން ގަންނަމުންދާ ކަމަށް މިފްކޯއިން ވަނީ ހާމަކުރައްވާފައެވެ.
މިކަމާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ކަޅުބިލަމަހުގެ މަސްވެރިންނަށާއި، ބޮޑު ކަންނެލީގެ މަސްވެރިންނަށްވެސް ގިނަ ކަންތައްތަކެއް މި ސަރުކާރުން ކޮށްދީފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ބޮޑު ކަންނެލި މަސްވެރިކަމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ވަރަށް ބޮޑު ހިއްސާއެއް އޮންނަ ފަރާތްތަކެއްކަން ފާހަގަކުރައްވާ، މިފްކޯއަށް ބޮޑު ކަންނެލި ނުކިރުމަކީ ކުރިން ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ވިދާޅުވިއެވެ.
ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ، މަސްވެރިން އެދެމުންދިޔަ ކަންތައްތައް މިހާރު ހާސިލްވެފައިވާ ކަމަށެވެ. އަދި “އިއްޔެއަކީ ރަސްމީކޮށް މިފްކޯއަށް ބޮޑު ކަންނެލި ކިލޯއަކަށް 25ރ. މަގުން ގަންނަން މި ފެށުނީ. މިއީ އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ފެށުމެއް” ކަމަށް ވަޒީރު ޝިޔާމް ހާމަކުރެއްވިއެވެ. މިކަމުގެ ސަބަބުން ބޮޑުކަންނެލީގެ މަސްވެރިންނަށް ކުރިމަތިވެފައިވާ ގިނަ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ފަރުޙަތު ޝަހީރު ވިދާޅުވީ، ކަނޑުއޮތްގިރި އަނބުރާ އޮޕަރޭޝަނަށް ގެނައުމަށްފަހު އެތަނުން މަސްވެރިންނަށް ޚިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން މިހާރު ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް ބޮޑު ކަންނެލި މަސްވެރިންގެ އަތުން މަސް ގަންނަން ފަށާފައިވާ ކަމަށާއި، 15 ކިލޯއަށްވުރެ މަތީގެ ބޮޑުކަންނެއްޔަށް 25 ރުފިޔާގެ ރޭޓުން މި ސަރަހައްދުން މަސްވެރިންގެ އަތުން ކަންނެލި ގަންނަމުންދާނެ ކަމަށް ފަރުޙަތު ޝަހީރު ވިދާޅުވިއެވެ.
މީގެ އިތުރުން ކަނޑުއޮތްގިރިއަށް ކަޅުބިލަ މަސްވެސް މިހާރު ގަންނަން ފަށާފައިވާ ކަމަށް ސީއީއޯ ވިދާޅުވިއެވެ. ބޮޑު ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށް ކަންނެލި މަސް ޕްރޮސެސްކޮށް، ބަންދުކުރާ ފެސިލިޓީއެއް ހުޅުމާލޭގައި ތަރައްޤީކުރުމަށްވެސް ވަނީ ނިންމާފައެވެ. އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިއެސްޑީބީ) އާއި ދިވެހި ސަރުކާރު ގުޅިގެން ތަރައްޤީކުރާ މި ފެސިލިޓީގެ އަމަލީ މަސައްކަތް މިމަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
