ހެންވޭރުގައި ޖީޕީ ކްލިނިކެއް ހަދަން ކުރީގެ ތެލެސީމިއާ ސެންޓަރު ތަޅާލަދޭނެ ބަޔަކު ހޯދަނީ

މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތަކުގެ ކިއޫ ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ހެންވޭރުގައި ޖީޕީ ކްލިނިކެއް އެޅުމަށްޓަކައި ކުރީގެ ތެލެސީމިއާ ސެންޓަރު ހުރި އިމާރާތް ތަޅާލައި ސާފުކޮށްދޭނެ ބަޔަކު ހޯދަން އައިޖީއެމްއެޗުން އިއްޔެ އިއުލާނުކޮށްފިއެވެ.
މިއީ މާލެ ސަރަހައްދުގައި ގާއިމުކުރުމަށް ނިންމާފައިވާ ހަ ޖީޕީ ކްލިނިކްގެ ތެރެއިން ހެންވޭރުގައި ގާއިމުކުރާ ކްލިނިކެވެ.
ހެންވޭރުގައި މި ކްލިނިކް ހަދަން ނިންމާފައިވަނީ، ތެލެސީމިއާ ސެންޓަރުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުމާލޭ “އޮރެންޖު ހިޔާ” އަށް މިދިޔަ އަހަރުގެ މެއި މަހު ބަދަލުކުރުމާ ގުޅިގެން ހުސްވެފައިވާ އިމާރާތުގައެވެ. މި މަޝްރޫއުގެ ދަށުން މާފަންނުގައި މިހާރު ޖީޕީ ކްލިނިކެއް ހުޅުވާފައިވާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވެސް ކްލިނިކެއް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި ދަނީ ކުރަމުންނެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ހާމަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ އަމާޒަކީ ހެންވޭރު ކްލިނިކާއި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކްލިނިކްގެ މަސައްކަތް އެއްކޮށް ނިންމައި، ވީއެންމެ އަވަހަކަށް ރައްޔިތުންނަށް ޚިދުމަތް ދޭން ފެށުމެވެ.
މި ކްލިނިކްތައް ހުޅުވުމުން އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން އަންނަ މީހުންގެ އަދަދު މަދުވެ، ޚިދުމަތް ހޯދުމަށް ހޭދަވާ ވަގުތު ސަލާމަތް ކުރެވޭނެކަމަށް އެފާރާތުން ވިދާޅުވިއެވެ.


