އެމްޕީއެލްގެ “ފްރީ ސްޓޯރޭޖް” މުއްދަތު 10 ދުވަހަށް އިތުރުކޮށްފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މާލޭ ވިޔަފާރި ބަނދަރަށް ގެންނަ ކޮންވެންޝަނަލް ކާގޯ ނުވަތަ ކޮންޓޭނަރަށް ނުލައި ގެންނަ މުދަލަށް ދޭ “ފްރީ ސްޓޯރޭޖް” މުއްދަތު އިތުރުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ނިންމައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ދަށުން ގެނައި މި ބަދަލަކީ ވިޔަފާރިވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެކެވެ.
އެމްޕީއެލްގެ ބޯޑުން ނިންމާފައިވަނީ ބަނދަރުގެ “އޯޕަން ސްޓޯރޭޖް އޭރިޔާ” ގައި ބަހައްޓާ ބްރޭކް ބަލްކް ކާގޯއަށް ކުރިން ދެމުން އައި 5 ދުވަހުގެ ބަދަލުގައި، މިހާރު 10 ދުވަހުގެ ހިލޭ މުއްދަތެއް ދިނުމަށެވެ. މީގެ ސަބަބުން މުދާ އެތެރެކުރާ ފަރާތްތަކަށް މުދާ ކްލިއަރ ކުރުމަށް އިތުރު ވަގުތު ލިބި، ޚަރަދުތައް ކުޑަވެގެންދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
މި އައު ބަދަލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 1 ފެބްރުވަރީ 2026، މާދަމާއިން ފެށިގެން މާލޭ ވިޔަފާރި ބަނދަރަށް އަންނަ އުޅަނދުތަކުން ބާލާ މުދަލަށެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ހަރުދަނާކޮށް، ވިޔަފާރިތަކަށް ލުއި ފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެއްކަމަށް އެމްޕީއެލް އިން ފާހަގަކުރެއެވެ.

